ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދިނުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ހުރުން އާދަވުމުން އެނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރުހެލިވާ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ.
އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވޭނީ ބަލިވުމުންނެވެ. މިހެންވެ ، ކީރިތިރަސޫލާ އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި ، ޢާފިޔަތު ދެއްވުމަށް އެދި ދުޢާކުރުމަށް ނަސޭހަތް ދެއްވާފައިވެއެވެ.
އިންސާނާއަށް ހައިހޫނުކަމާ ކުރިމަތިވުމުން މެނުވީ ކާއެއްޗެހީގެ އަގު ވަޒަން ނުކުރެވެއެވެ.
ފެން ބޮވައިގަނެގެން ގޮސް ފެންފޮދެއް ލިބުން ދަތިވުމުން މެނުވީ އިންސާނާއަށް ފެނުގެ އަގު އިޙްސާސެއް ނުކުރެވެއެވެ.
ތަންކޮޅެއް ކުރީގެ އަހަރު ތަކުގައި އަޅުގަނޑުމެންނަށް ބޯފެން ގަންނަން ނުޖެހޭތީ އޭގެ ވަޒަނެއް ނުކުރެވެއެވެ. ނަމަވެސް މިއަދު ދިވެހީންނަށް ވެސް މި ވަނީ ފެނުގެ އަގު އިޙްސާސް ކުރެވިފައެވެ. މިއަދު ފެން ގަންނަން ޖެހިފައިވާތީ ކޮންމެ މީހަކުވެސް ފެނަށް ރައްކައުތެރި ވެއެވެ. ފެން އިސްރާފުނުކޮށް ވޭތޯ ބަލައެވެ. އިސްލާމްދީން ވަނީ މި ކަމސށް އިރްޝާދު ދެއްވައިފައެވެ. އެއް ދުވަހަކު މުޢާޛުގެފާނު ވުޟޫ ކުރެއްވިއިރު ފެން އިސްރާފު ކުރެއްވި ތަން ރަސޫލާ e އަށް ފެނިވަޑައިގެން ހިނގަހިނގާ އޮތް ކޯރަކުން ވުޟޫ ކުރެއްވިޔަސް ފެން އިސްރާފު ނުކުރުއްވުމަށް ވިދާޅުވިއެވެ. އިތުރު ރަސޫލާއަކީ ލިޓަރެއްހާ ކުޑަ ފެންފޮދަކުން ވުޟޫ ކުރެއްވި ބޭކަލެކެވެ.
ފެންބޮވައި ގަނެގެންގޮސް ފެންފޮދެއް ނުލިބިގެން ހުއްޓާ ފެންފޮދެއް ލިބުމުން الحمــد للّــه އޭވެސް ކިޔެއެވެ. އެނިޢުމަތަށް ޝުކްރު ދެންނެވެއެވެ. މިކަމާ ބެހޭގޮތުން އަލްއިމާމު އަޙްމަދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. މައްކާގެ ބަޠުޙާ ތިމަން ކަލޭގެފާނަށްޓަކައި ރަނަށް ހައްދަވާ ދެއްވުމަށް މާތްﷲ ތިމަން ކަލޭގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު ތިމަން ކަލޭގެފާނު ދެންނެވީމެވެ. ތިމަން ކަލޭގެފާނުގެ ވެރި ރަސްކަލާކޮ! އެހެން ނަހައްދަވާށެވެ. ތިމަން ކަލޭގެފާނު ބޭނުންފުޅުވަނީ އެއްދުވަހު ފަރީއްކުޅުއްވައިގެން ހުންނެވުމަށެވެ. އަނެއް ދުވަހު ބަނޑުހައިހޫނު ކަމުގައި ހުންނެވުމަށެވެ. ހައިހޫނުވެވަޑައިގެން އިބަރަސްކަލާނގެ މަތިން ހަނދުމަފުޅު ކުރެއްވުމަށެވެ. ފަރީއްކުޅުއްވައިގެން އިބަރަސްކަލާނގެއަށް ޝުކްރު ދެންނެވުމަށެވެ."
ދާވޫދުގެފާނަކީ މުއްސަނދި ރަސޫލުބޭކަލެކެވެ.އެކަމަކުވެސް އެކަލޭގެފާނަކީ މާތްﷲގެ ވަޖްހުފުޅަށްޓަކައި ދެ ދުވަހުން އެއްދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ. މިހެންވެ ، ކީރިތިރަސޫލާe ސުންނަތް ރޯދައާ ބެހޭގޮތުން ޙަދީޘްކުރައްވަނީ أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ عَلَيْهِ السَّلامُ ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا ، وَأَحَبُّ الصَّلاةِ إِلَى اللَّهِ صَلاةُ دَاوُدَ كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ [1] - "ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ރޯދައަކީ ދާވޫދުގެފާނު ހިއްޕެވިގޮތަށް ރޯދަހިފުމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަފުޅުހިއްޕަވާފައި އަނެއްދުވަހު ރޯދަފުޅެއް ނުހިއްޕަވައެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދަކުރުމަކީ ދާވޫދުގެފާނު ނަމާދު ކުރެއްވިގޮތަށް ނަމާދުކުރުމެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅަ އެއްބައި ގައި އަވަހާރަފުޅު ލައްޕަވައިފާ ތެދުވެވަޑައިގެން ތިންބައިކުޅަ އެއްބައިގެ މިންވަރަށް ނަމާދުފުޅުކުރެއްވިއެވެ. އެއަށްފަހު އަނެއް ހަބައިކުޅަ އެއްބައި ގައި އަވަހާރަފުޅުލެއްޕެވިއެވެ."
ރޯދަވެރިޔާ ރޯދައަށް ހުންނައިރު ފެނާއި ކާބޯތަކެއްޗާ ދުރުހެލިވާން ޖެހެއެވެ. މިއަދުގެ ދުނިޔޭގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަޑަށްޖެހިގެން ކިހާ ބަޔަކު މަރުވޭތޯއެވެ؟ ފެންފޮދެއް ނުލިބިގެން ކިހާ ބަޔަކު މަރުވޭތޯއެވެ؟ ތަފާސް ހިސާބުތައް ބުނާގޮތުގައި ދުނިޔޭގެ އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކު ވަނީ ބަޑަށް ޖެހިފައެވެ. އެއީ ގާތްގަނޑަކަށް 790 މިލިޔަން މީހުންނެވެ. ދިރުންހުރި ޙަޔަވީ ޙަޔާތެއް އުޅުމަށް ބޭނުންވާ ކާނާ އެމީހުންނަކަށް ނުލިބެއެވެ.
އަނެއްކޮޅުން ބަލާއިރު ދުނިޔޭގެ ކާބޯތަކެތީގެ ތިން ބައި ކުޅަ އެއްބައި އިސްރާފުވެގެން ދެއެވެ. ރަމަޟާން މަހުގައި އަޅުގަނޑުމެން މުސްލިމުން ކާބޯތަކެތި ވަރަށް ގިނައިން އިސްރާފު ކުރަމުއެވެ. މިއީ އެކަމާ ދުރުހެލިވުމަށް ދީން ބާރުއަޅައި އަދި މަނާ ކުރާ ކަމެކެވެ. އިސްރާފު ކުރާ މީހުންނަކީ ޝައިޠާނާގެ އަޚުން ކަމުގައި މާތް ﷲ އަންގަވާފައި އެވެ.އެކަލާނގެ ވަޙީ ކުރެއްވިއެވެ. إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا [2] - ހަމަކަށަވަރުން، إسراف ކުރާ މީހުންނީ، شيطان ންގެ أخން ކަމުގައިވޫއެވެ. އަދި شيطان އާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް كافــر ވާ ކަމުގައިވިއެވެ. "
ރަމަޟާންމަހު ރޯދަވެރިޔާއަށް މި ކަންކަން ބަރުދާސްތު ކުރަން ޖެހޭތީ ރޯދައަކީ ނިޢުމަތަށް ޝުކްރުވެރިވުމަށް ތަމްރީނު ލިބޭ އަޅުކަމެކެވެ.
[1] - رواه البيهقى والطبرانى وأبو داود وابن ماجه والدارمى والنسائى
[2] - الإسراء : 27