(15 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެންގެ ނުވިސްނޭކަން ދޯ! އަހަރެން ވިސްނީ ދައްތައަކީ ދުޝްމަނެއް ކަމަށް. ބައްޕައަކީ އަނިޔާލިބޭ މީހެއް ކަމަށް – ހާ ހާ ހާ ހާ..."
އޭނާ އެއް ފިޔަވަޅު ކުރިއަށް އެޅުމާ އެކު އަރިއަޅަލިއިވެ. ދެން މަސްތުކަމުގައި ތުރުތުރުއަޅަން ފެށިއެވެ. ލަޠީފު ބާބާ އިށީނދެ އިން ތަނުން ތެދުވެފައި ނިކަމެތިކަމާ އެކު ބުންޏެވެ.
"ހުއްޓާލައްވާ، ސާހިބާ! މިހާރު ދެން ފުޅީގައި އުނގުރި ޖައްސަވާ!"
"ނޫން..." އޭނާ ހަޅޭއްލަވައިގަންނަމުން ރާ ތަށި ލަޠީފު ބާބާގެ މޫނާ ދިމާއަށް ހޫރައިލިއެވެ. މަސްތުވެފައި ހުރުމުގެ ސަބަބުން އަމާޒެއް ނުވިއެވެ. ތަށި ގޮސް ފާރުގައި ޖެހިފައި ކުދިކުދިވިއެވެ. ރޫޕުވަތީ ތުރުތުރުއަޅަމުން އިނގިލި އުފުލައިލައިފައި ބާބާ ގާތު ބުންޏެވެ.
"އޭ ބެޔާ! މިހާރު އެބަ ގިޔާމަތް އާދޭ. ފުޅީގައި މަތި ޖެހޭނީ ކިހިނެއް. ހަމަ މިހާރު ހިސާބު ބެލޭނެ. ބާބާ އެތާނގައި ކޮޅަށް ހުރޭ! އަހަރެން... އަހަރެން މި ތަނުގައި ކޮޅަށް ހުންނާނަން. މިހާރު ގިޔާމަތް ވަނީއެއްނު. ތިޔައީ އަހަރެންގެ ބަގުވާން ކަމަށް ހީކުރޭ. އަހަރެން މިއީ ފާފަވެރިޔާ. އަހަރެން ފިލްމީ ކަސްބީ އަހަރެންގެ ފަތް މި އިއްވަނީ. ޔެސް ރެޑީ- އިސްޓާޓް ސައުންޑް- ކެމެރާ- ކުލެޕް. ބަގުވާނުގެ ކުލޯޒްއަޕް..."
އާނ. އަހަރެން ބުނީ، ބައްޕަ އަހަރެން ގޮވައިގެން ދިޔައީ ޑާކު ބަނގުލާއަކަށް. ބައްޕަ ބުނީ އެ ތާ ކޮޓަރީގައި އިށީންނާށޭ. ސާކަސް ބަލަން އަހަރެން ދާނީ އެ ތަނުން ކާރުގައޭ. އެހެން ކިޔައިފައި ބައްޕަ ބޭރަށް ހިނގައްޖެ. ކުޑަ އިރުކޮޅެއް ފަހުން ބޮޑު ބަނޑެއް ލީ ފަލަފަލަ ސޭޓެއް ކޮޓަރިއަށް ވަދެއްޖެ. އޭނާ އެތެރެއިން ދޮރު ތަންޑުއަޅަން ފަށައިފި. އަހަރެން ކަންބޮޑުވެގެން އަހައިފިން.
"ކަލެއަކީ ކާކު؟ އަހަރެންގެ ބައްޕަ ކޮބާ؟"
"އަހަރެން އޭނާއަށް ފަސް ސަތޭކަ ރުފިޔާއާއި ތާޑީ ފުޅިއެއް ދީފިން. އޭނާގެ މަތިން ހަނދާން ނައްތާލާ."
"އޭނާ އަހަރެން ދަމާ ގެނެސް މޭގައި ޖައްސަން އުޅުނު. އަހަރެން ވަރުގަދަ ބޮނޑިއެއް އެޅިން. އޭނާ ފަހަތަށް ޖެހުނު. ދެން އަނެއްކާ ކުރިއަށް ޖެހިލި. އަހަރެން ކޮޓަރީގެ އެއް ކަނުން އަނެއް ކަނަށް ދުވަން ފެށިން. އަހަރެންގެ ކުރިމައްޗާއި ފުރަގަހުން އޭނާގެ ބަނޑު ހޫރެމުން ދިޔަ. އޭނާ މާނޭވާލަމުން ދިޔަ. އެހައި ތަނުން އަހަރެންގެ ބަނާރަސީ ސާޅީގެ ފަސްބައި އޭނާގެ އަތުގައި ޖެހުނު. އޭނާ އަހަރެންގެ ސާޅީ ދަމަން ފެށި. ސާޅީ ދެމެމުން ދާއިރު ސާޅީ އަޅައިގެން ހުރި މީހާ ދާނީ ވަށް ބުރަކަށް އެނބުރެމުން. އަނބުރައިގަންނަމުން.
އަހަރެން ކުޑައިރުއްސުރެ ގީތާ ކިޔަވަން. އެއީ އަހަރެންގެ ދީނީ ފޮތް. އެ ފޮތުގައި ވެސް ލިޔެފައި އޮންނާނީ ފިރިހެނުން މަޖުބޫރުވެގެން އަންހެނުން ވިއްކާލައޭ. ޕާންޑޯ ބޭބެއިން ޖުވާގައި ދެރަވެގެން، އެ އެންމެން ހިއްސާކުރާ އަނބިމީހާ ދަރޯޕަދީ ދޫކޮށްލީ. އަހަރެންގެ ބައްޕަ ތަކެތިގެ އަގު ބޮޑުކަމާއި މަޖުބޫރީގެ ސަބަބުން ދެރަވެގެން އަހަރެން ދޫކޮށްލީ. މޮޅުވި މީހާ ދަރޯޕަދީގެ ސާޅީގެ ގޮށް މޮހަން ފެށި. ކުރިޝަން ބަގުވާން ދަރޫޕަދީ އޮރިޔާން ވިޔަ ނުދިނުމަށްޓަކައި ސާޅީގެ ގޮށް ބާރު ކުރަމުން ގެންދިޔަ. އެ ސޭޓު އަހަރެންގެ ސާޅީގެ ގޮށް މޮހަން ފެށި. އޭ ބަގުވާން! އެ ވަގުތު ބަގުވާން ވީ ކޮން ތާކު؟"
"އޭނ." ލަޠީފު ބާބާ ކަންބޮޑުވެގެން ބުންޏެވެ. "ސާހިބާ، އަޅުގަނޑަށް މާފުކޮށްދެއްވާ. އަޅުގަނޑަށް ސާހިބާގެ ބަގުވާނަކަށް ނުވެވޭނެ."
"ނުވެވޭންވީ ކީއްވެގެން؟ ކަލޭގެ ބަފާ ވެސް ވާނެ. ގިޔާމަތްދުވަހު ހިސާބު ބެލެން ފެށީމާ ކަލޭ އިންސާފު ދެކެ ޖެހިލުންވަނީތަ؟ ބުނޭ! ކުރިން އަހަރެން ގަންގާ ކޯރު ހައި ޠާހިރެއް ނޫންތަ؟ ފާފައިގެ މަގު އަހަންނަށް ދެއްކީ ކާކު؟
އަހަރެން ތަބަކުގައި ފަތާއި، މަލާއި، ޕުރަޝާދު ބަހައްޓައިގެން ކަލެއަށް އަޅުކަން ކުރަން ފައްޅިއަށް ގޮސް އުޅުނިން. ވީ އިރު ކަލޭގެ ދުނިޔޭގެ މީހުން، އަޅުކަން ކުރެވިފައި ވާ ޕުރަޝާދު ހެން އަހަރެން ބަހައިލައިގެން ކަމުން ގެންދަނީ ކީއްވެގެން؟
އަންހެނުން ވަންހަނާގައި ލޫޓުވެމުން ދާ ނަމަ ބަލީގެ ގެއަކަށް ވޭ. ފާޅުގައި ލޫޓުވުމުގެ ހުނަރުތައް ދަސްކޮށްފިއްޔާ ކިޔަނީ ކަސްބީއެކޭ. އެއީ ކޮންތަނެއްގެ ގަވާއިދެއް. ބުނެބަލަ ބަގުވާން. އަހަރެންގެ ފަތުގައި ކަލޭ އަހަންނަށް ލިޔާނީ ކޮން ނަމެއް؟
ނުބުނާނަންތަ؟ އާނ. ބުނާނީ ކިހިނެއް؟ ކަލެއަކީ ވެސް ފިރިހެނެއް ވިއްޔަ. ބަގުވާނަކީ ކޮންމެވެސް އަންހެނެއް ނަމަ ހަމަ މިހާރު އަހަރެންގެ ހުރިހހައި ފާފައެއް ދޮވެވިއްޖައިސް. އަދި އޭނާ ދަރިފުޅާއޭ ކިޔައިފައި އަހަރެން މޭގައި ޖައްސައިލީސް."
އޭނާގެ މަސްތުވެފައިވާ ލޯ ހަމަ ވަގުތުން ކަރުނައިން ފުރުނެވެ. ލަޠީފު ބާބާ ތެޅިގެންފައި ބުންޏެވެ.
"އިންސާފު އަހަރެންގެ އަތުގައި އޮތް ނަމަ ދަރިފުޅުގެ އެއްވެސް ކުށެއް ނެތޭ ބުނީމުސް. އަހަރެންގެ ދަރިފުޅާ..."
"ޚަބަރުދާރު! އޭނާ އަރިއަޅަމުން ފަހަތަށް ދިޔައެވެ. ދެން އިނގިލި ދިއްކޮށްލައިފައި ބުންޏެވެ.
"ޚަބަރުދާރު! އަހަންނާ ދިމާއަށް ދަރިފުޅާއޭ ކިޔައިގެން ނުވާނެ. ބަފައިންނާ ދަރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ ވާހަކައަކީ މިހާރު އަހަންނަށް ހުތުރު ވާހަކައެއް. މި ދުނިޔޭގެ ހުރިހައި މުސްކުޅިން ދެކެ އަހަރެން ނަފުރަތުވޭ. ނަފުރަތުވޭ..."
އޭނާ ދަތްކުނޑިވިކަމުން، ހުރިހައި މުސްކުޅީންގެ ކަށިހަފައިކަނީއޭ ހީވާ ފަދައިން ލަޠީފު ބާބާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ދެން އެނބުރިފައި ތުރުތުރު އަޅަމުން، އަރި އަޅަމުން އެނދުގެ ބޯލާކޮޅުގައި ހުރި މޭޒެއް ކައިރިއަށް ދިޔައެވެ. އަދި އެ ތާ ހުރި ވިސްކީ ފުޅީގެ ކަރުގައި ހިފައިފައި ބުންޏެވެ.
"އަހަރެން ކަރުގައި ހިފަންވީ ކޮންކޮން ބައެއްގެ؟ އަހަރެން އޭ ކިލާސް ކަސްބީއަކަށް ހަދައިދިނީމުއޭ، މިހާރު ދެން އަހަރެން ގިޔާމަތުގެ އަޒާބުން ވެސް ސަލާމަތްކޮށްދޭށޭ ބުނާނީ ކާކު ކައިރިއަށް ގޮސް."
އޭނާ ފުޅީގައި އަނގަ ޖެހިއެވެ. ދެން ކޯވަރެއް ބޮއިލުމަށްފަހު ބޯހޫރައިލައިފައި ބުންޏެވެ.
"އަހަރެން މަރެއް ނުވާނަން. ގިޔާމަތާ! ކަލޭ އަންނަންޏާ އާދޭ! އެކަމަކު އަހަރެންގެ ޒުވާންކަން ގަންދީ ބުނަން. އަހަރެން މަރެއް ނުވާނަން. އަހަރެން ޑާކު ބަންގުލާއިން ނުކުމެފައި މަރުވާން އުޅުނީމާ ސޭޓު ބުނީ ކަލޭ މިހާރު މަރުވެއްޖެޔޭ. މަރުވާން އަދިވެސް އެއްޗެއް އެބަ އޮތް ހެއްޔޭ؟
އަހަރެން ގެއަށް ގޮސް އަމިއްލައަށް މަރުވާން އުޅުނީމާ ބައްޕައާއި ބޭބެއާއި ފަހަރިއާ އެންމެން އަހަރެންގެ ދެ ފައިމައްޗަށް ތިރިވި. އެހެންނު ވާނީ! އެ ދުވަހު އަހަރެން ފަސް ސަތޭކަ ރުފިޔާ ގެއަށް ހޯދައިދިން. ދައްތަ ދުރުގައި ހުރި. ދައްތަ ވަރަށް ހިތާމައާ އެކު ބުނި.
"ރޫޕާ! އަމިއްލައަށް މަރުވުމަކީ ބޭކާރު ކަމެއް. ރޫޕާ ދިޔައީ މަރުވާން. މިހާރު ތިޔަ ހުރީ މަރުވެފައި. ދެން ދިރިހުންނާނީ ހަމައެކަނި ރޫޕާގެ ޒުވާންކަން."
އެ އަށްފަހު އަހަރެން ދިޔަހައި ތަނަކުން ކޮންމެ މީހަކު ވެސް ބުނަނީ ރޫޕާ މަރުވެއްޖެއޭ. މިހާރު ދިރިހުރީ އަދި ދިރި ހުންނާނީ ރޫޕުވަތީ އޭ. އަހަންނަކީ ފަނާވުމަށްޓަކައި އަދި ފަނާކުރުމަށްޓަކައި މި ދުނިޔެއަށް އައި ގިޔާމަތެއް.
ވީ އިރު އަހަރެން ހުއްޓާ އުޑުން އެހެން ގިޔާމަތެއް މި އަންނަނީ ކީއްވެގެން؟ އެންމެ ބިމަކަށް ދެ ގިޔާމަތެއް ނުއުފުއްލޭނެ.
އަހަރެންގެ ލޯބިވެރީން، ހުވާކޮށްކޮށްފައި، އަހަންނަށްވުރެ ބޮޑު އެހެން ގިޔާމަތެއް ނެތް ކަމަށް އަހަންނަށް ޔަގީންކޮށްދޭ. އެބައިމީހުން މި ކަން ވަނީ ސާބިތު ވެސް ކޮށްދީފައި. އެއްކޮޅުން އަނެއް ކޮޅަށް އެތައް ލައްކަ އެތައް ކުރޯޑު ގެއަކަށް ބޯދީ ބަލައިލަބަލަ. އެ ގޭގެއިން އަހަރެންގެ ހައިޖާނީ ފޮޓޯތައް ފެންނަހައި ގިނައިންނެއް ބަގުވާނުގެ ބުދާއި ﷲއާއި ރަސޫލާގެ ނަންފުޅު ލިޔެފައި ހުރި ލޯތަކެއް ނުފެންނާނެ.
މިހާރު އަހަރެން މަތިވެފައި ނުލާހިކު އަގުވެސް ބޮޑުވެއްޖެ. އަގު ބޮޑުވި ވަރަކީ މިހާރު އެ މީހުންނަށް އެ މީހުންގެ ނިދާ ކޮޓަރިއަށް ގެންދެވޭނީ ހަމައެކަނި އަހަރެންގެ ފޮޓޯ. މި އަގުބޮޑު ދިރިއުޅުން އަހަރެން ހޯދީ ވަރަށް ބޮޑުއަގު ދީފައި. އެހެންވީމާ އަހަރެން ފަސޭހައަކުން މަރެއް ނުވާނަން.
އަހަރެން ދިރިހުރުމަށްޓަކައި ދުނިޔޭގެ މީހުން ދަސްކޮށްދިންހައި ހުނަރެއް، މި އަންނަން އުޅޭ ގިޔާމަތް ހުއްޓުވައިލުމަށް ޓަކައި އަހަރެން ބޭނުންކުރާނަން. ދަގަނޑުން ދަގަނޑު ކެނޑޭ ކަމަށް ވާ ނަމަ މި ގިޔާމަތުން އެ ގިޔާމަތް ކަނޑާނަން."
އޭނާ ފުޅީގައި އަނގަޖެހުމަށް ޓަކައި ކަރުމައްޗަށްޖެހުމާ އެކު ފަހަތަށް އަރިއަޅައިލައިފައި އެނދުމައްޗަށް ވެއްޓުނެވެ. މަސްތުކަން އޭނާ އުއްޑުން އެނދު މަތީގައި ބޭއްވިއެވެ. އުނގުރި ނަގައިފައި ވާ ރާ ފުޅީގެ ކަރު މޭމަތީގެ މެދުގައި ހަރުލައި އެ އިން ރާ އޮހެން ފެށިއެވެ. ކުޑައިރު އޭނާގެ އައު ހަށިގަނޑަށް ޒުވާންކަން އޮއްސާ ފަދައިންނެވެ. މުސްކުޅި ދައްލާލަކު، ޒުވާންކަން ގަންނަ މީހުން، އޭނާގެ ޒުވާންކަމަށް އޮއްސާ ފަދައިންނެވެ. އާޝިގުން ކަހަލަ ގަންނަ މީހުން އެބައިމީހުންގެ ގައިގައި ހުރި ހަޑިތައް އޭނާގެ ހަށިގަނޑަށް އޮއްސާ ފަދައިންނެވެ. ހަމަ މުޅީން އެ ގޮތަށް، އެ ރާފުޅި، ރާ އޮއްސަމުން ގެންދިޔައެވެ. އޭނާގެ މޭ މަތި ފޯކުރަމުން ގެންދިޔައެވެ. ކުރިޝަންކަންނާއި ހޯލީގެ ކުލަ އަޅައިފައި ހުރި ގުންބާއިން ކުލަޖަހަމުން ގެންދިޔައެވެ. ރާދާގެ މޭމަތި ފޯވަމުން ދިޔައެވެ. ކުރިޝަން ބަގުވާން ހިނގި ފިޔަވަޅު މަތިން ހިނގުމަކީ ޖަޒުބާތުގެ ހޯލީގައި އަންހެނެއްގެ މޭމަތި ރަލުން ފޯކުރުމެއް ނޫނެވެ.
އޭނާ ފޯވަމުން ދިޔައެވެ. އަދި މަސްތުކަމުގެ އުނގުގައި ނިދަމުން ދިޔައެވެ.
ފުރާނަ ވަކިވެދާ ފަދަ ހަ ދުވަހުގެ އިންތިޒާރަށް ފަހު، ހަތް ވަނަ ދުވަހު، 10 އޯގަސްޓުގެ މެންދުރު، އޭނާގެ ސެކެޓުރީ، އެ ދުވަހު އިރު އޮއްސި ހަތެއްގެ ފުލައިޓުން ހިންމަތު ރާއޯ އެނބުރި އަންނަ ޚަބަރު ދިނެވެ. ރޫޕުވަތީ އޭނާގެ ސެކެޓުރީއަށް ބުންޏެވެ.
"ކަލޭ ގޮސް ޝަންކަރު ގާތު ބުނޭ. ކަލޭ ދިއްލީއަށް އަހަންނަށް ޓުރަންކު ކޯލެއް ކޮށްފީމޭ. އެކަމަކު އޭރު އަހަރެން އެ ރަށުން ފުރައިފިއޭ. އަދި މިހާރު މަދަރާސީއަށް އެބަ އާދެއޭ. އަހަރެން އުއްތަރުޕުރަދޭޝުން މި ތަނަށް އައީ ހަމަ މިއަދު ހަވީރުކަން އޭނާއަށް ޔަގީންވާނީ އޭރުން."
ސެކެޓުރީ އެނބުރި ދިޔައެވެ. ރޫޕުވަތީ ޓެލެފޯނުގެ ރިސީވަރު ނަގައިފައި މަދަރާސީގެ އެންމެ މަޝްހޫރު ހެއަރ ޑްރެސަރާ ގުޅިއެވެ. އެހެނީ މިއަދު އޭނާ ވަރުގެ ކޮޅަށް ނަލަ ހެދި އޭނާގެ ރީތިކަމުގެ އިންތިހާއަށް ގޮސްގެން ޝަންކަރު ލަންބައިލަން ޖެހެއެވެ. އެއީ އޭނާގެ ބައްޕަ ދަރިފުޅު ގާތުގައި ބުނާ ސަލާމަތްވުމުގެ ތަދުބީރު، ދަރިފުޅު އޭނާގެ ލޯބިވެރިޔާއަށް ސިއްރު ކުރިޔަ ނުދިނުމަށެވެ. ދުނިޔޭގައި މި އުޅޭ މީސްތަކުންގެ އިތުބާރު ވަނީ ގެއްލިފައެވެ. ބައްޕަ ދަރިފުޅަށް ކެހިދޭނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެހެންކަމުން އެ މަކަރުވެރި އަންހެނާ ކުރިއްސުރެ އެބައިމީހުންނަށް ކެހިދޭން ދަލެއް ބަންނަން ބޭނުންވަނީއެވެ.
ހައެއް ޖެހި އިރު އޭނާ ވަރުގެ ކޮޅަށް ނަލަ ހެދި ގިޔާމަތަކަށް ވީ ހިނދު ޑްރައިވަރު އައިސް ބުންޏެވެ.
"ސާހިބާ! ކާރު ހަލާކުވެއްޖެ."
"ހަލާކު ވީ ކީއްވެގެން؟" އޭނާގެ މޫޑު ގޯސްވެއްޖެއެވެ." ކަމެއް ނުކޮށް ހުރެގެން ހަރާން ލާރި ކަނީ ދޯ. ވަރަށް މުހިންމު ކަމަކު އަހަރެން ހަމަ މިހާރު ޝަންކަރުގެ ގެއަށް ދާންވެއްޖެއެކޭ ކަލޭ ގާތަކު ނުބުނޭތަ؟ ބަލަހައްޓައިގެން ތިޔަ ހުރީ ކީއްވެފައި. ހަމަ މިހާރު ގޮސް ޓެކުސީއެއް ގެނޭ."
(ނުނިމޭ)