ދިވެހި ޢަސްކަރިއްޔާއިން ގެންދަވަނީ އަދުގެ ޙާލަތަށް ރިޢާޔަތްކޮށް ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ކަމަށް ދިފާޢީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަޙުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް އެކަމަނާގެ އަރިއަހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައި ސަފީރާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމެރިކާއިން ދިވެހި ސިފައިން ތަމްރީން ކުރުމާއި އެނޫންވެސް ކަންކަމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިފާޢީ ވަޒީރު މާރިޔާ އަޙުމަދުދީދީ ވަނީ އެމެރިކާ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި އެމެރިކާގެ ސަފީރު ވަނީ އަދުގެ ސަލާމަތީ ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްސަ ސަމާލުކަން ފާހަގަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ދިވެހިރާއްޖެއަށާއި ރާއްޖެ ހިމެނޭ ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެމެރިކާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
ވަރަށްފަހުން ވަނީ އަވަށްޓެރި އިންޑިއާގައި ޖާނުން ފިދާވުމުގެ ޙަމަލާތަކެއްދީ އެތައްބަޔަކު މަރާލައިފައެވެ. އެ ޙާދިސާއަށްފަހު ސަރަޙައްދު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ބައެއް ޤައުމުތަކުންދަނީ ބުނަމުންނެވެ.