ފޭސްބުކްގައި ކުރެވުނު ޒުވާބަކަށް ފަހު ސްރީލަންކާގެ އަވަށެއްގައި މުސްލިމުންނަށް ހަމަލާދީފި

އިއްޔެ ޗިލާއުގައި ހިނގި ހަމަނުޖެހުމުގެ މަންޒަރެއް

ފޭސްބުކުގައި ކުރެވުނު ޒުވާބަކަށް ފަހު ސްރީލަންކާގެ ހުޅަނގު އުތުރުގެ އަވަށެއްގައި މިސްތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ހަމަލާދިނުމުގެ އިތުރަށް މުސްލިމް މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ޕުއްޓަލަމް ޑިސްޓްރިކްޓްގެ ޗިލާއު އަވަށުގައި ހިނގި މިހާދިސާތަކަށް ފަހު ފުލުހުން ވަނީ މިއަދު ފަތިހު 4:00 (ރާއްޖޭ ގަޑިން ދަންވަރު 3:30) އާ ހަމައަށް އެ އަވަށުގައި ކާފިއު ހިންގާފައެވެ.

ފޭސްބުކުގައި ބަދަލުކުރެވުނު ބަހުގެ ހަމާލަތަކުގެ ސްކްރީން ޝޮޓެއް ރޮއިޓާސްއިން އާއްމުކޮށްފައި ވާއިރު، ނަން ހާމަކޮށްފައި ނުވާ މީހަކު ވަނީ މުސްލިމުންނާ މުޚާޠަބުކޮށް ސިންގަޅަ ބަހުން "އަހަރުމެން ރޮއްވާލުމަކީ ކަލޭމެންނަށް އުނދަގޫ ކަމެއް" މިހެން ލިއުމަށް ފަހު ހުތުރު ބަހުން މުސްލިމުންނަށް އެއްޗެތި ކިޔާފައެވެ.

މި ބަހުގެ ހަމަލާގެ ރައްދުގައި ހަސްމަރު ހަމީދު ކިޔާ މުސްލިމަކު ވަނީ "ދެން އިތުރަށް އެއް ދުވަހަށްވެސް ނުހޭތި. އަހަރުމެން ކަލޭމެން ރޮއްވާލާނަން." މިހެން ލިޔެފައެވެ.

ނަސާރާއިންގެ އާބާދީ  ގިނަ އެ އަވަށުގައި މީހުން ނުކުމެ ވަނީ މި އިބާރާތް ފޭސްބުކްގައި ލިޔުނު މީހާގައި ތަޅައި އަނިޔާކޮށްފައެވެ. 24 ހާސް މީހުންގެ އާބާދީއެއް އޮންނަ އެއަވަށުގެ ނަސާރާއިންގެ ގިނަބަޔަކު ވަނީ ފަހުން މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގެއްލުން ދީފައެވެ. އެ އަވަށުގެ ބައެއް މީހުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި އެއް މިސްކިތް ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްފައެވެ.

ފުލުހުން ފަހުން ބުނެފައި ވަނީ ޢަބްދުލް ޙަމީދު މުޙައްމަދު ހަސްމަރު ނަމަކަށް ކިޔާ 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އެއީ މައްސަލަ ޖެހުނު ފޭސްބުކް ޕޯސްޓް ލިޔުނު މީހާއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ސްރީލަންކާގައި ފޭސްބުކާއި، ވަޓްސްއަޕް ފަދަ މީސްމީޑިއާގެ ބައެއް ވަސީލަތްތައް ބޭނުންނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށް ރޮއިޓާސް އިން މައުލޫމާތުދެއެވެ.

އަނެއްކޮޅުން، ސްރީލަންކާގެ މުސްލިމް އިލްމުވެރިއަކު އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ގައުމަށް އެނބުރި އައުމާއެކއު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ސްރީލަންކާގެ ޑެއިލީ މިރާ ނޫހުން ރޭ ޚަބަރުދީފައި ވެއެވެ. އެ ނިއުސް އެޖެންސީން ބުނިގޮތުގައި ހައްޔަރުކުރެވުނު އުމުރުން 47 އަހަރުގެ އިލްމުވެރިޔާއަކީ މީސްމީޑިޔާ ބޭނުންކޮށްގެން ޣައިރު މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލު ހިންގުމަށް ހިތްވަރުދޭތީ ސްރީލަންކާ ފުލުހުން ހޯދަމުން ދިޔަ މީހެކެވެ.

އޭނާއަކީ ކާކުކަން ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އޭނާ މޭ 14 އާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓު އަމުރު ލިބިފައިވާ ކަމުގައެވެ. އޭނާ ވަނީ ޣައިރު މުސްލިމުންނާ މެދު ނަފުރަތު އުފައްދާ ވީޑިއޯވެސް މީސްމީޑިޔާގައި އާއްމުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.  

ޑެއިލީ މިރީއިން ބުނި ގޮތުގައި ހައްޔަރުކުރެވުނު އިލްމުވެރިޔާއަކީ މައްކާއަށް އުމުރާ ދަތުރުތައް އިންތިޒާމުކޮށްދޭ މީހެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.