މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ޙައްޖޫ ކޯޕަރޭޝަންގެ އިތުރަށް ފަސް ކުންފުންޏަކަށް ދެއްވައިފިއެވެ. އިސްލާމިކް އެފެއާޒު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ގްރޫޕްތައް އިޢުލާން ކޮށްދެއްވީ ޑެޕިޔުޓީ މިނިސްޓަރ ޝާފިޢު ޢަލީއެވެ.
މިއަހަރު ޙައްޖަށް މީހުންގެންދިޔުމަށް 18 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އެކި ސަބަބުތަކާ ހެދި 6 ކުންފުންޏެއް ވަނީ ޑިސްކޮލިފައި ކޮށްފައެވެ. ބާކީ 12 ކުންފުޏިގެ ޕްރޮޕޯސަލް ތައް އިވެލުއޭޓު ކުރެއްވުމަށް ފަހު ހުއްދަދެއްވި ކުންފުނި ތަކަކީ، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑު، ޒަޢިމާ ގުރޫޕް ޕްރައިވެޓް ލިމިޓެޑު، މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑު، އެކްރޯ ޕްރައިވެޓް ލިމިޓެޑް، އަލް ޙަރަމައިނި ޙައްޖު އެންޑް ޢުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑުން މީހުން ޙައްޖަށް ގެންދިޔުމަށް ހުށަހަޅާފައިވާ އަގަކީ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ފަންސާސް ރުފިޔާ އެވެ. ޒަޢިމާ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިފައިވަނީ ހަތްދިހަ ހާސް ރުފިޔާ އެވެ. މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވަނީ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އެވެ. އެކްރޯ ޕްރައިވެޓް ލިމިޓެޑުގެ އަގަކީ ފަސްސާސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އެވެ. އަލް ޙަރަމައިނި ޙައްޖު އެންޑް ޢުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އަގަކީ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޚައިޚް އިލްޔާސް ޖަމާލް ވިދާޅުވީ މިއަޖަރު ޙައްޖަށް މީހުން ގެންދިޔުމަށް ވާނީ ހަރުދަނާ އުސޫލެއް ކަނޑައަޅުއްވައިފައި ކަމަށެވެ. އަންނަ އަހަރުވެސް ޙައްޖަށް މީހުން ގެންދިޔުމުގެ ކަންތައްތައް ކުރިއަށްދާނީ މި އުސޫލުގެ މަތިން ކަމަށް އޭނާ ވިދާޅިވިއެވެ. "އިރާދަކުރެއްވިއްޔާ ދެން މިއުސޫލް ބަދަލު ވެގެން ނުދާނެ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުސޫލަކީ ހަރުދަނާ ގޮތެއްގައި ހެދިއްޖެ ކަމަށްވާނަމަ ދެމިއޮންނާނެ އެއްޗެއް ކަމަށެވެ. "ނުވަތަ ބަދަލު ނުކޮށް ގިނަދުވަސްތަކަށް ދެމިއޮންނާނެ އެއްޗެއް" ކަމަށެވެ.
މި އުސޫލު ކަނޑައަޅާފައިވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.