ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 7

(11 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

5. އަށާވީސް ޑިސެންބަރުގެ ގިޔާމަތުގެ ކުރިން އަންނާނެ ގިޔާމަތް ކޮށްލެވޭނީ ހަމައެކަނި ތަޞައްވުރެވެ. ބަޔާނެއްނުކުރެވޭނެއެވެ. އެހެންނަމަވެސް ވިސްނޭ ގޮތުގައި ގާނޫނަށް އިޙްތިރާމުކުރުން ނިމޭނެއެވެ. އާންމުން ކޮންޓުރޯލުން ބޭރުވާނެއެވެ. ތިމާމެންގެ ހަމަހޭގައި ތިބެގެން އިތުރަށް ހަމަޖެހިގެން އުޅުމަށް ޓަކައި ތިމަތިމާމެންގެ އަޅުކަންކުރާ ތަންތަނަށް ދާނެ މީހުން ތިބޭނީ ވަރަށް މަދުންނެވެ. ގިނަ މީހުން ހިމެނޭނީ ބިރުން ގޮސް މޮޔަ ހަރަކާތްތައް ކުރާ މީހުންގެ ތެރޭގައެވެ.

އިއްޔެ، ހަތަރެއް އޯގަސްޓުގެ ޖަލްސާގައި، އަޅުގަނޑުމެންނަށް މި ދުނިޔެ ސަލާމަތްކުރެވޭނީ ކޮން ގޮތަކުންތޯ ބަހުސް ކުރެވުނެވެ. އެ ދުންތަރި އަޅުގަނޑުމެންގެ ދުނިޔެއަށް ވުރެން އެތައް ގުނައެއް ބޮޑެވެ. އަދި އެ ތަރި އަޅުގަނޑުމެންގެ ބިމުގައި ޖެހޭނެލެއް ބާރުކަމުން، މުޅި ބިން، ސަލާމަތްވުމަކީ ވާނެކަމެއް ނޫނެވެ. ފަހަރެއްގައި ސަލާމަތް ވިޔަސް ވާނީ ބައެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އިއްޔެ ހޯދުނު ނަތީޖާއަކީ މުޅި ދުނިޔެ ސަލާމަތްކުރުމަކީ ކުރެވުން އެކަށީގެންވާ ކަމެއް ނޫން ކަމެވެ. 

އެހެންނަމަވެސް އެ މައްސަލައިގައި ހުރިހައި ގައުމުތަކެއްގެ ސިފައިންގެ މަތީ އޮފިސަރުން އެބަ ވިސްނައިވަޑައިގަންނަވައެވެ. އެކަށީގެންވާ ނަމަ ޖައްވުގެ އިސްޓޭޝަންތަކުން ދުންތަރިއަށް ރޮކެޓު ފޮނުވާނެއެވެ. އެ ހަމަލާ ކާމިޔާބުވެއްޖެނަމަ ތަރި އެތިކޮޅުތަކަކަށްވެ ބުރަބުރައިގެން ހިނގައިދާނެއެވެ. އޭރުން އެ ތަރި މުޅި ބިމުގައެއް ނުޖެހޭނެއެވެ. އަޅުގަނޑުމެންގެ ދުނިޔޭގެ ވަރަށް ބޮޑު ބައެއް އެ ތަރިން ސަލާމަތްވާނެއެވެ.

އަޅުގަނޑުމެންނަށް ދުނިޔެ ސަލާމަތްނުކުރެވޭނެ ނަމަ، އަޅުގަނޑުމެން ވިސްނައިފައި ވަނީ، އަޅުގަނޑުމެންގެ ދުނިޔޭގެ ތަހުޒީބާއި ސަގާފަތް، ބޭސްވެރިކަމާއި ސައިންސުގެ ތަޖުރިބާތަކާއި ލިޓަރޭޗަރު ކަނޑައެޅިފައިވާ މިންގަނޑެއްގައި ރައްކާތެރި ކުރެވޭނީ ކިހިނެއްތޯއެވެ. ތިޔަ ބޭފުޅުންނަކީ މި ދުނިޔޭގެ ބޮޑެތި ސިކުނޑިތަކެވެ. އަދި އާދަޔާ ޚިލާފު ކުޅަދާނަކަން ލިބިވަޑައިގެންފައި ވާ ބޭފުޅުންނެވެ. އެހެންކަމުން އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ލާޒިމީ ތިޔަ ބޭފުޅުން ސަލާމަތްކުރުމެވެ."

ރައީސް މި ހިސާބަށް ކިޔުމަށްފަހު ކަރުދާސްތައް މޭޒުމަތީގައި ބެހެއްޓިއެވެ. ދެން ބައިވެރިންނަށް ކަޅިއެއް އެއްލަމުން ބުންޏެވެ.

"ތިޔަ ބޭފުޅުން ސަލާމަތް ކުރުމަށްޓަކައި ރޭވިފައިވާ ގޮތް ދެންނެވުމުގެ ކުރިން ވަރަށް މުހިންމު ވާހަކައެއް ދަންނަވަން ބޭނުން. ގިޔާމަތުގެ ފަހުން އަޅުގަނޑުމެންގެ މި ދުނިޔެ ދެވަނަ ފަހަރަށް އާބާދުކުރުމަށްޓަކައި ތިމާގެ އަނބިދަރީންނާއި އެހެނިހެން ލޯބީގެ ގުރުބާނީ ދެއްވަން ކެރިވަޑައިގަންނަވާނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްތޯ؟"

ހުރިހައި އެންމެން އެކެއް އަނެކެއްގެ މޫނަށް ބަލަން ފެށިއެވެ. ރައީސް އޭނާގެ އެއް ލޮލުން ހޯލަށް ބަލަމުން ގެންދެއެވެ. އޭނާ ބުންޏެވެ.

"އަޅުގަނޑު ތަންކޮޅެއް ތަފުސީލުކޮށް ދަންނަވަންތޯ. ތިޔަ ބޭފުޅުން ސަލާމަތްކުރުމަށްޓަކައި ފޮނުވޭ ތާނގައި ތިޔަ ބޭފުޅުންގެ އަނބިދަރީންނަކަށް ޖާގައެއް ނުހުންނާނެ. ތިޔަ ބޭފުޅުން ރަނގަޅަށް ވިސްނައިވަޑައިގަތުމަށް ފަހު ޖަވާބުދެއްވާ. ތިޔަ ބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ އެތަކެއް އަހަރުވީ ގާތްތިމާގެކަން ފުނޑުފުނޑު ކޮށްލައްވަން. އަދި މިހާރު ކުރިމަތިވެފައި މި ވާ ހާލަތުގައި އެއީ އުނދަގޫ ކަމެއް ނޫން. އެހެނީ މި ބިމުގައި ވާ އަޅުގަނޑުމެންގެ އެތަކެއް ގަރުނުގެ ތިމާގެކަން އެ އުޅެނީ ފުނޑުފުނޑުވާން."

ކުޑަ އިރުކޮޅެއް ވަންދެން އެބައިމީހުން އެކަކު އަނެކަކާ ސިއްރުން ވާހަކަދައްކަން ތިއްބެވެ. އެއަށްފަހު ހަތަރު ސައިންސުވެރިންނާއި ތިން އިންޖިނިއަރުންނާއި ދެ ޑަކުޓަރުން، އެބައިމީހުން ކައިވެންޏެއް ނުކުރާ ކަމަށާއި އެބައިމީހުންގެ ލޭގެ އެއްވެސް ތިމާގެ މީހެއް ނެތް ކަމަށާއި އެބައިމީހުން މުޅި ދުނިޔެ ދޫކޮށްފައި އެ ތަނަށް ހިނގައިދާނެ ކަމަށް ބުންޏެވެ.

ދިހަ މީހުން ބުނީ އެބައިމީހުންނަކީ ކައިވެނިކޮށްގެން ގެ އާބާދުކޮށްގެން ދިރިއުޅޭ މީހުން ކަމުގައެވެ. އެކަމަކު ގިޔާމަތުގެ ފަހުން އިންސާނީ ދިރިއުޅުން އަލުން ފަށައިގަނެވޭނެ ކަމަށް ވާ ނަމަ މިހައި ބޮޑު ދުނިޔެއެއް އާބާދުކުރުމަށް ޓަކައި އެންމެ ގެއެއް ގުރުބާންކޮށްފާނެ ކަމަށެވެ.

އެކަކު ބުންޏެވެ. "އަޅުގަނޑުގެ އަންހެނުންނަކީ ޒުވާން ރީތި ކުއްޖެއް. އަޅުގަނޑަކަށް އޭނާގެ ރީތިކަމާއި ޒުވާންކަމުގެ ފާރަވެރިއަކަށް ވެގެންނެއް އަބަދަކު ނުހުރެވޭނެ. ގިޔާމަތުގެ ފަހުން އެހެން ކުއްޖެއް ލިބޭނެ ކަމަށް ވަންޏާ އޭނާ ދޫކޮށްލައިފައި އަންނާނަން."

އޭގެ ފަހުން ހިންމަތު ރާއޯއަށް ސުވާލުގެ ކަޅިއަކުން ބަލައިލެވުނެވެ. އޭނާ ހަލާކުވެފައިވާ ހިތަކާއެކު ބުންޏެވެ.

"މި ދުނިޔޭގެ ހުރިހައި ގުޅުމަކީ ވެސް ކެއްސެއް. އަޅުގަނޑުގެ ހުރީ އެންމެ ދަރިއެއް. އެ ދަރި މަރުވެއްޖެ. އާ ދުނިޔެއަށް ޓަކައި އަޅުގަނޑު ދިރިހުންނާނަން."

ފިލިޕީންސުގެ ފަތްޕިލާވެލީގެ މާހިރެއް ބުންޏެވެ.

"އަޅުގަނޑަށް ވަނީ މަޖުބޫރުވެފައި. އަޅުގަނޑު އަޅުގަނޑުގެ އަންހެނުން ދެކެ ވަރަށް ލޯބިވަން. އަޅުގަނޑު ގޭގެ ސުވަރުގޭގައި ގިޔާމަތަށް އިންތިޒާރުކުރާނަން."

މެޑަމް ފުލެޗަރ ބުންޏެވެ. "އަޅުގަނޑުގެ ޒުވާން ފިރިހެން ދަރިއެއް އެބަ ހުރި. ޅީދަރިއެއް އެބަހުރި. އަދި ލޯބިލޯބި މާމަދަރީން އެބަ ތިބި. އަޅުގަނޑު އެ މީހުންނާ އެކުގައި މަރުވާނީ."

ޕްރޮފެސަރ ޚޫރްޝީދު ބަލްގުރާމީ ބުންޏެވެ. "އަޅުގަނޑުގެ ޒުވާން އަންހެން ދަރިއެއް އިން. އޭނާ ﷲގެ ރަޙްމަތަށް ދަތުރުކޮށްފި. މިހާރު ދުނިޔޭގައި އަޅުގަނޑުގެ އެކަކު ވެސް ނެތް. އެހެން ކަމާ އެކުގައި ވެސް ހަމަ އެންމެން ވެސް އެބަ ތިބި. ގުޅުމަކީ ހަމައެކަނި ލޭގެ ގުޅުމެއް ނޫން. ތިމާގެ ވަޒަނާއި ބިމުގެ ގުޅުމާއި ޣޭރަތްތެރި ކަމާއި ލަދުވެތިކަމުގެ ގުޅުމަކީ ވެސް ގުޅުން. އަޅުގަނޑު އަޅުގަނޑުގެ ވަޒަނުގެ މީހުންނާ އެކުގައި މަރުވާނީ."

ލެއާއި ބިމުގެ ގުޅުން ކަނޑައިލަން ބޭނުން ނޫން މީހުންނާ ދިމާއަށް އެއް ލޯ ބަލަމުން ގެންދިޔައެވެ. އެ އެއް ލޯ މަކަރުވެރިކަމާއެކު ހިނިތުންވެލައިފައި ބުންޏެވެ.

"އަޅުގަނޑުމެންނާ ގުޅުން ކަނޑުއްވައިލައްވަން ބޭނުންފުޅީ ހަމައެކަނި އެންމެ ތިން އިއްޒަތްތެރިން. ނެވަރމައިންޑް. މި ޖަލްސާ ނިމުނީމާ ތިޔަ ތިން ބޭފުޅުން ސަލާމަތުން ތިޔަ ބޭފުޅުންގެ ގެއާ ހަމައަށް ފޮނުވައިދެވޭނެ."

އެހެން ބުނެފައި އޭނާ މޭޒުމަތިން ކަރުދާސްތައް ނަގައިފައި އަނެއްކާ ކިޔަން ފެށިއެވެ.

"ހާޒިރުވެ ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނޭވެ! އެތަކެއް ލައްކަ އަހަރުގެ ތާރީޚު ބުނަނީ ކުރިންވެސް މި ބިމަށް ކިތަންމެ ފަހަރަކު އުޑުގެ އާފާތް ޖެހިފައިވާ ކަމުގައެވެ. ނޭނުވާއާއި ބާބިލުގެ ބަރުބާދުވުން، ދަ ލެޖެންޑް އޮފް ލޮސްޓު އެޓުލާންޓިސް، ދެންވެސް ހުރި ކަންތައް މިއީ މީގެ މިސާލެވެ. އެކަމަކު އެ ފަހަރުފަހަރު މުޅި ބިން ބަރުބާދެއް ނުވެއެވެ. ތާރީޚުގައި ދީނީ ނަޒަރުން އެ ކަންތައްތަކަށް އުޑުގެ އާފާތޭ ކިޔައިފައި ވެއެވެ. އެކަމަކު އޭގެ ފަރުދާގެ ނިވަލުގައި ވާ ހަގީގަތަކީ އެ ޒަމާނުގައި ވެސް އުޑުގެ ތަރިތައް އެ ތަކެތީގެ މަގުން ނެއްޓޭ ކަމާއި ޖައްވުގެ ތެރެއިން ބިމާ ދިމާއަށް އަންނަ ކަމެވެ. އެ ޒަމާނުގެ މީހުންގެ މައުލޫމާތު މަދުކަމުން އެއީ އުޑުގެ އާފާތް ކަމަށް ބުނެފައިވަނީ އެވެ.

28 ޑިސެންބަރުގެ ބަރުބާދުވުން އަންނާނީ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން އައިސް މި ބިން ކަނޑުގެ ތެރޭގައި ފޮރުވައިލާ ފަދަ ގޮތެއްގައި ކަމަށް ވާ ނަމަ ދެން އަޅުގަނޑުމެންނަށް ޖެހޭނީ ނޫޙުގެފާނު ބެންނެވި ކަހަލަ ނުހަނު ބޮޑު ނަވެއް ބަންނާށެވެ. އަޅުގަނޑުމެންގެ ކުޅަދާނަ އިންޖިނޭރުން ވަނީ އެފަދަ ނަވަކާ ބެހޭ ގޮތުން ވަރަށް ބޮޑަށް ޕުލޭންކޮށްފައެވެ. އަދި އޭގެ ޑިޒައިން ވެސް ވަނީ ތައްޔާރުކޮށްފައެވެ. ނޫޙުގެފާނުގެ ޒަމާނުގެ އިންޖިނޭރުންނަކީ މިއަދުގެ އިންޖިނޭރުން ހައި ތަރައްގީވެފައި ވާ ބައެއް ނޫނެވެ. އަޅުގަނޑުމެންގެ ނައު އޮންނާނީ ވަރަށް ބޮޑު ފުޓުބޯޅައެއްގެ ސިފައިގައެވެ. އޭގައި ވޯޓަރ-ޓައިޓު ދޮރާއި ޕޯޓު ހޯލް ހުންނާނެއެވެ. ފެނަކަށް އެތެރެއަކަށް ނުވަދެވޭނެއެވެ.

ބޯޅައެއް ކަހަލަ މި ނަވުގެ އުސް މިނުގައި ސަތޭކަ އަށް ފޫޓު ހުންނާނެއެވެ.

އެ ނަވަށް އަޅުގަނޑުމެން ނަން ދީފައިވަނީ ގުލޯބު އާކުގެ ނަމުންނެވެ. މި ގުލޯބު އާކަކީ ވަށް އެއްޗަކަށް ވާތީ ތޫފާނުގެ ރާޅުތަކުގެ ތެރޭގައި އޭތި ފުރޮޅެމުން ދާނެއެވެ. އެކަމަކު އޭގެ އެތެރޭގައި އަޅުގަނޑުމެން ތިބެން ހަދާ ބައި ހުންނާނީ އެ ހުންނަ ގޮތަށް ތެދަށެވެ. އެހެނީ މި ގުލޯބު އާކު ހެދޭނީ ޖިރޮސްކޯޕު ސިސްޓަމަށެވެ. އޭގެ ބޭރުގައިވާ ވަށް ތޮށިގަނޑު އެނބުރި އެނބުރި އޮންނާނެއެވެ. އެތެރޭގައި މީހުން ތިބެން ހަދައިފައިވާ ހަތެރެސް ކަން ބައި ޖިރޮސްކޯޕު ރިންގުގެ ދެމެދުގައި ބޭރުގެ އެތިފަހަރުތަކުން ސަލާމަތްވެގެން ހިމޭނުން ހުންނާނެއެވެ.

ވައި ވައްދައި ބޭރު ކުރުމަށް އޭގައި ޕޯޓު ހޯލު ހެދޭނެއެވެ. އެކަމަކު އެ ތަންތަން ބަންދު ކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް ނޭވާލުމުގެ ފަސޭހަކަން ލިބޭހައި އޮކުސިޖަން އޭގައި ހުންނާނެއެވެ.

ގުލޯބު އާކުގެ ބޭރު ބައި ހެދޭނީ ދުންތަރިން ވަކިވެގެން ދާ އަދި އަލިފާން ބުރުއްސާ ގަދަފަދަ އެތިއެތި ގަނޑުން ގެއްލުމެއް ނުފޯރާހައި ގަދަފަދަ މައުދަނުންނެވެ.

ގުލޯބު އާކުގައި އެންމެ މަދުވެގެން ވެސް ދިހަ މަސް ދުވަހުގެ ކޮއްތު ހުންނާނެއެވެ. އަދި އަޅުގަނޑުމެންނަށް ދިރިއުޅުމަށް ބޭނުންވާނެ ހުރިހައި އެއްޗެއް ހުންނާނެއެވެ. ގިޔާމަތް ވޭތިވެގެން ދިޔުމުން، ދުންތަރީގެ އަސަރު މާ ބޮޑަށް ނުފޯރާ ކޮންމެވެސް ހިސާބަކަށް އަޅުގަނޑުމެން ދާނީއެވެ. ނޫނީ ކަނޑުގެ ތޫފާނީ ރާޅުތަކުގެ ތެރެއަށް ގެނބުނު ކަމަށް ވިޔަސް ބިމުގެ ކޮންމެވެސް ބަޔަކުން ގައިމުވެސް ފެން ހިކޭނެއެވެ. އަދި ކަނޑުގެ ސަތަހައަށް އެނބުރި ރުޖޫއަވާނެއެވެ. އޭރުން އަލުން ދުނިޔެއެއް އާބާދުކުރުމުގެ މައްސަލަ ކުރިމަތިވާނެއެވެ.

އެ ވީރާނާވެފައި ވާ ދުނިޔޭގައި އަލުން ދަނޑުގޮވާންކުރުމަށާއި ގަސް ހެއްދުމަށް އަޅުގަނޑުމެންގެ އަތުގައި މުހިންމު ގަސްގަހުގެ އޮށާއި ގަސްގަހުގެ ކޮށާރެއް ހުންނާނެއެވެ. އަޅުގަނޑުމެންގެ މި ދުނިޔޭގެ ތާރީޚާއި، ލިޓަރޭޗަރާއި، ސައިންސާއި ބޭހާއި، ކުޅިވަރާއި، އިންޖިނިއަރިންގެ މައްޗަށް ލިޔެފައިވާ ފޮތްފޮތާއި ސައިންސާއި އިންޖިނިއަރިންގެ ހުރިހައި އާލާތެއް ހުންނާނެއެވެ.

އަޅުގަނޑުމެން އަލުން އާބާދުކުރާ ދުނިޔެ، ގާއިމުކޮށްފައި ބޭއްވުމަށް ޓަކައި އެންމެ ބޭނުންޖެހޭނީ އަންހެނުންނެވެ. ތިޔަ ބޭފުޅުންނަށް، އަނބިއަނބިކަނބަލުން ނުވަތަ އެ ފަދަ އެހެން އަންހެން ބޭފުޅަކު ގެންދެވިދާނެއެވެ. އެ އަންހެން ބޭފުޅެއްގެ އަރިހުގައި ތުއްޕުޅު ބޭފުޅަކު ނެތް ބޭފުޅަކަށް ވިއްޔާ ގުލޯބު އާކުން ޖާގަ ލިބިވަޑައިގަންނަވާނެއެވެ. ގުލޯބު އާކަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ދެތިން ޝަރުތެއް ވެއެވެ.

ފުރަތަމަ ޝަރުތަކީ އެ ބޭފުޅުން ރީތިވެފައި ސިއްހަތު ރަނގަޅު ވާންވާނެއެވެ. އެއީ ދެން އަންނަ ނަސްލުތައް ވެސް ރީތިވެފައި ސިއްހަތު ރަނގަޅުވުމަށް ޓަކައެވެ. ދެ ވަނަ ޝަރުތަކީ އެ ބޭފުޅެއްގައި ދަރިމައިވުމުގެ ކުޅަދާނަކަން ހުންނަންވާނެއެވެ. އެ ބޭފުޅުން ގަވާއިދުން ޑަކުޓަރަށް ދެއްކޭނެއެވެ. ކިޔަވައިވިދާޅުވެގެން ތިއްބެވި ހުނަރުވެރި ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ. ތައުލީމާއި ހުނަރުވެރިކަން ނެތް ނަމަ އެންމެ ކުޑަމިނުން އެ ބޭފުޅެއްގައި ގެވެހިވަންތަކަން ހުންނަން ޖެހޭނެއެވެ.

އަޅުގަނޑުމެންގެ އައު ދަތުރާއި އައު ދިރިއުޅުމާއި އައު ދުނިޔެއާ ބެހޭ ގޮތުން ތިޔަ ބޭފުޅުންގެ އަގުހުރި މަޝްވަރާތައް ކުރިއަށް އޮތް ތާނގައި ވެސް ގަބޫލުކުރެވޭނެއެވެ. މި ޖަލްސާގައި ދެކެވޭ ހުރިހައި ވާހަކައެއް ސިއްރުކުރެއްވުމަށް ފުރަތަމަ ވެސް ވާނީ ދެންނެވިފައެވެ. މި ޖަލްސާގެ އެންމެ ސިއްރެއް ވެސް އަޅުގަނޑުމެންގެ ދުލުން ނުކުމެގެން މި ހަތަރު ފާރުން ބޭރަށް ހިނގައްޖެ ނަމަ އެހެން ގައުމުތަކުގެ ވެރީން އަޅުގަނޑުމެންގެ ގުލޯބު އާކުން ޖާގަހޯއްދެވުމަށް ޓަކައި އެ ބޭފުޅުންގެ ބާރާއި ނުފޫޒުގެ ބޭނުން ހިއްޕަވާނެއެވެ. އާންމުންނާ ހަމައަށް ޚަބަރު ހިނގައްޖެނަމަ އެބައިމީހުން އަޅުގަނޑުމެންގެ ބޮލުރިހުމަކަށް ވާނެއެވެ. މުޅި ދުނިޔެ ގުލޯބު އާކާ ދިމާއަށް އަންނާނެއެވެ. އޭރުން އަޅުގަނޑުމެންގެ މިޝަން ނާކާމިޔާބުވެދާނެއެވެ.

އަޅުގަނޑު، ތިޔަ ބޭފުޅުން ސިއްރު ހިފަހައްޓަވާނެ ކަމަށް އުންމީދުކުރަމުން ހެޔޮއެދުންތަކާއެކު ޖަލްސާ ނިމުނީ ކަމަށް އިޢުލާން ކުރަމެވެ."

ހުރިހައި އެންމެން އެބައިމީހުން އިށީނދެގެން ތިބި ގޮނޑިގޮނޑީން ތެދުވަން ފެށިއެވެ. ރައީސް އެއް ލޮލުން ތިން މީހަކަށް ބަލައިލިއެވެ. އެކަކީ ފިލިޕީންސްގެ ފަތްޕިލާވެލީގެ މާހިރެވެ. އޭނާގެ ނަމަކީ ހާތޯރާއެވެ. އަނެކަކީ މެޑަމް ފުލެޗަރެވެ. ތިންވަނަ މީހަކީ ޚޫރްޝީދު ބަލްގުރާމީއެވެ. އޭނާ އެ ތިން މީހުންނަށް ބުންޏެވެ.

"ތިޔަ ތިން ބޭފުޅުން އަޅުގަނޑުމެންގެ މިޝަންގައި ބައިވެރިވެ ވަޑައެއް ނުގަންނަވަމު. އެހެންކަމުން ތިޔަ ބޭފުޅުންގެ ގައުމަށް އެނބުރި ވަޑައިގަތުގަމަށްޓަކައި މިއަދު ހަވީރު ހައެއް ޖަހާ އިރަށް އެއަރޕޯޓަށް ވަޑައިގަންނަވާ. ދެޓްސް އޯލް."

އެ ރޭ މިޔުނިކުގެ ހައުސް އިންޓަރނޭޝަނަލް (ހޮޓެލް)ގައި ދުނިޔޭގެ މުހިންމު މީހުންނަށް ކޮކުޓޭލް ޕާޓީއެއް ބޭއްވުނެވެ. ހިންމަތު ރާއޯއަކީ އާދަކޮށް ރާބޯ މީހެއް ނޫނެވެ. އެކަމަކު މި ކަހަލަ ޕާޓީތަކުގައި ކުޑަކޮށް ބޮއިލައެވެ. އަނެއްކާ މޮޅި ފިލުވައިލުމަށް ޓަކައި ރާބުއިމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އޭނާ ދުށްޓެވެ. އެހެންކަމުން ފުރަތަމަ ތަށިން އޭނާ ޕުޝްޕާގެ ބޭވަފާތެރިކަން ހަނދާންނައްތައިލިއެވެ. ދެ ވަނަ ތަށިން ޒުވާން ދަރިފުޅު މަރައިލިއެވެ. މިހާރު ޝަންކަރުގެ ބަދަލުގައި އޭނާގެ ލޮލުގެ ކުރިމައްޗަށް އަންނަނީ ބަލްދޭވުގެ ދަރިފުޅެވެ. ތިންވަނަ ތަށްޓާ އެކު އިނގިރޭސި ރީތި އަންހެން ކުއްޖަކު އޭނާގެ ގާތަށް އައެވެ.

އޭނާ ވިސްނައިލިއެވެ. "އާހް! އަހަރެން އަންހެން ކުދިންގެ މަތިން ހަނދާންނައްތައިލިތާ ކިހައި ދުވަހެއް؟ ދަރިފުޅުގެ ކައިވެންޏާ މެދު މި ވިސްނަނީ އަހަންނަކީ މޮޔައެއް. (އުކުނޑި ކޮށްޓައިގެންފައި) ކޮން ދަރިއެއް؟ ކާކުގެ ދަރިއެއް؟ (ރާ ކޯވަރެއް ބޯލައިފައި) ލަދު ކުޑަ އަނބީންގެ ވަލު ދޮރޯށިން ވަންނަނީ ލޭގެ ކިތައް ގުޅުން؟ (އަނެއްކާ އުކުނޑިކޮށްޓައިގެންފައި) ރަނގަޅު ގޮތަކީ ރީތި އަންހެނުން އަނބީންނަށް ނުހެދުން. އެބައިމީހުން ނިދާކޮޓަރީގެ ކުރިމަތީ ދޮރުން ވައްދައިފައި ފަހަތު ދޮރުން ބޭރު ކުރުން. (އުކުނޑި ކޮށްޓައި ގަތުން)"

ތިންވަނަ ފަހަރަށް އުކުނޑި ކޮށްޓައިގަތުމާއެކު ހިންމަތު ރާއޯ އިނގިރޭސި އަންހެން ކުއްޖާގެ އުނަގަނޑުގައި އަތް އަޅުވައިލައިފައި ބުންޏެވެ.

"އަހަރެންގެ ފުރާނައާ! ކަލޭ ދުންތަރި ދުށީމުތަ؟ އޭނ. ނުދެކެމޭ! ހިނގާ. އަހަރެންގެ ބެޑްރޫމްގެ ބެލްކަނިން ދުންތަރި ދައްކާނަން."

އޭނާ އެ އަންހެން ކުއްޖާއާ އެކު އަރިއަޅަމުންއަޅަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ދާން ފެށިއެވެ. ބޮޑު ހޯލުގައި ރަލުގެ ތަށިތައް ހިނގަހިނގައި ހުއްޓެވެ. އޮކެސްޓުރާގެ ފަސްމަންޒަރުން އަންހެނުންނާއި ފިރހެނުންގެ ހުނުމުގެ އަޑު އުފުލެމުން ދެއެވެ. ޑަކުޓަރަކު ސައިންސުވެރިއަކު ކުރެން އެހިއެވެ.

"ބާނާޑަށް އަންހެނުންގެ ރީތި ކަމާއި ޒުވާންކަމުގެ ފާރަވެރިއަކަށް ވެގެންނެއް ނުހުންނެވޭނެ އޭ ޖަލްސާގައި ބުނުއްވީމު. އޭގެ މާނައަކީ ބާނާޑް އޭނާ ދޫކޮށްލައްވައިފައި ގުލޯބު އާކަށް ދުރުވާ ވާހަކަތޯ."

"ލައްބަ. އޭނާ މިހާރު އަޅުގަނޑަށް ބާވެއްޖެ." ބާނާޑް ރާތަށިން ކޯވަރެއް ބޮއިލިއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.