ދެކުނު އެފްރިކާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ލީ ވޯޓުގެ %75 މިހާތަނަށް ގުނިފައިވާއިރު މި ފަހަރުވެސް ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާނީ ހަމަ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ. އެޕާޓީގެ ވެރިކަން ދަމަހައްޓާނެ އަޣުލަބިއްޔަތެއް 2019 ގެ އިންތިޚާބުގައި ލިބުނު ނަމަވެސް އަޣުލަބިއްޔަތު ވަނީ ވަރަށް ކުޑަވެފައެވެ.
އިލެކްޓޯރަލް ކޮމިޝަން އޮފް ސައުތު އެފްރިކާ (އައީއީސީ) ގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުގައި މިހާތަނަށް (ރާއްޖޭގަޑިން ހެނދުނު 9:00 އާއި ހަމައަށް) ވޯޓުގެ %74.9ގުނިފައި ވާއިރު، އޭއެންސީ ވަނީ %57.17 ހޯދާފައެވެ. އެ ޕާޓީއާ އެންމެ ގާތުން ވާދަކުރާ ޑިމޮކްރެޓިކް އެލަޔަންސް (ޑީއޭ) އަށް ލިބިފައި ވަނީ %21.87 ވޯޓެވެ. އަދި ތިންވަނައިގައި އޮތް އިކޮނޮމިކް ފްރީޑަމް ފައިޓާސް (އީއެފްއެފް) އަށް ލިބިފައިވަނީ %10.07 ވޯޓެވެ.
އިންތިޚާބުގެ ފުރިހަމަ ނަތީޖާ އިއުލާން ކުރެވޭވަރު ވާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށްވިޔަސް، އޭއެންސީއަށް އަޣުލަބިއްޔަތު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
މި ފަހަރުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %65 އެވެ. 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި %75 މީހުން ވޯޓުލާފައި ވެއެވެ. މިކަމުން ދައްކައިދެނީ ވެރިކަންކުރާ އޭއެންސީއާއި، ސިޔާސީ ސިސްޓަމާމެދު މީހުން ފޫހިވަމުންދާކަން ކަމުގައި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒުގެ ވެރިކަން ނިމުމަކަށް ގެނެސް، ކަޅު ނަސްލުގެ މީހުންނަށް ފުރިހަމަ ހައްގުތައް ހޯދައިދިނުމުގައި އެންމެ އިސްކޮށް އުޅުއްވި ނެލްސަން މަންޑޭލާގެ އޭއެންސީ ވަނީ އެ ގައުމުގައި މިނިވަން އިންތީޚާބު 2014ގައި ބާއްވަން ފެށީއްސުރެ ބޭއްވި ހުރިހާ އާއްމު އިންތިޚާބަށް %60 އަށް ވެރު މަތީ އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި ފަހަރަކީ އެ ޕާޓީއަށް އެންމެ ދަށް ނަތީޖާ ނެރެވުނު ފަހަރެވެ. އެ ޕާޓީން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައި ވަނީ 2004 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައެވެ. އެ ފަހަރު %69.69 ހޯދާފައި ވެއެވެ.
ދެކުނު އެފްރިކާގެ އިންތިޚާބުގެ ނިޒާމު އޮންނަ ގޮތުން ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް އެސެންބްލީއަށް މެންބަރުން ނަގާނީ ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުންނެވެ. ކޮންމެ ދާއިރާއެއްގެ ވޯޓ ވަކިން ގުނައި، ކޮންމެ ދާއިރާއަކަށް ވަކިން މެންބަރުން ހޮވާ އުސޫލަކުން ނޫނެވެ. އެހެންކަމުން މިހާރުގެ ނަތީޖާއަށް ބަލާއިރު އޭއެންސީއަށް ގާނޫނުހަދާ މަޖިލީހުގެ %57 ގޮނޑި ލިބޭނެއެވެ.
25 އަހަރު ކުރިން ނަސްލީ އިމްތިޔާޒު ނައްތާލުމަށްފަހު ބާއްވާ ހަވަނަ އާއްމު އިންތިޚާބުގައި ވޯޓުލެއްވުމަށް ފަހު ރައީސު ސެރިލް ރަމަފޯސާ ވަނީ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އޭނާ ވަނީ "ކޮރަޕްޝަން އާއްމުވެފައިވާ" ކަން ގަބޫލުފުޅު ކުރައްވާފައެވެ.
"އަހަރުމެން ވަނީ ގޯސްތަކެއް ހަދާފައި. އެހެންނަމަވެސް އެ ގޯސްތަކާމެދު އަހަރުމެން ދެރަވަން. އަހަރުމެން މި ބުނަނީ ރައްޔިތުން އަހަރުމެންނަށް ކުރަމުން އައި އިތުބާރު އަލުން ދޭށޭ." ރައީސު ރަމަފޯސާ ވިދާޅުވިއެވެ.