ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 5

(9 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހިންމަތު ރާއޯ އަމިއްލައަށް ތައާރަފުވެފައި ބުންޏެވެ.

"މެޑަމް ތިޔަ ދައްކަވަނީ ވަރަށް ހަގީގަތާ އެއްގޮތް ވާހަކަތަކެއް. އަޅުގަނޑު މެޑަމާ އެއްބަސް. މެޑަމް ދެންމެ މެޑަމްގެ ކޮންމެވެސް ބަޔާނެއް ސެންސަރުކުރި ވާހަކަ ދެއްކެވީމު. އެއީ ދުންތަރިޔާ ބެހޭ ބަޔާނެއް ކަމަށް ވާ ނަމަ އަޅުގަނޑު ނަންގަންނާނީ އެ ބަޔާން ސެންސަރުކުރުން ޖާއިޒޭ. އާންމުންނަށް އެ ކަން އަދި އެނގިގެނެއް ނުވާނެ. އެހެންނޫނީ ދުނިޔޭގެ އެއްކޮޅުން އަނެއް ކޮޅަށް ބިރުވެރިކަމާއި ނާމާންކަން ފެތުރިދާނެ. މީސްތަކުން އެ ބައިމީހުންގެ ސަލާމަތަށްޓަކައި މޮޔައިންތަކެއް ހެން ދުވެ ނަގާނެ. އެއްވެސް މީހެއްގެ ވިސްނުމަށް އެކައްޗެއް ވެސް ނައުމުން އެކަކު އަނެކަކު ލޫޓުވައި، ގަތުލުކުރަން ފަށައިފާނެ. ނޫނީ ބިރުންގޮސް އަމިއްލައަށް މަރުވާން ފަށައިފާނެ. އަޅުގަނޑު ޚޫރްޝީދު ސާހިބުގެ ބަޔާން ކިއިން. ރަނގަޅުވީހީ އެ ބަޔާން ޝާއިޢުނުކުރެވުނު ނަމަ."

ޚޫރްޝީދު ބަލްގްރާމީ ބުންޏެވެ.

"އެ ބަޔާން ވާ ޝާއިޢުވެއްޖެ. ހިންމަތު ރާއޯ ބުނުއްވަބައްލަވަ! އެ ކަމުން އައީ ކޮން ގިޔާމަތެއްތޯ؟ މޮޔަވީ ކިތައް މީހުންތޯ؟"

"އޭނ!" އެ ސުވާލުން ހިންމަތު ރާއޯ އަނބުރައިގަންނަ ގޮތް ވިއެވެ.

"ވިސްނަވައިބައްލަވަ! ހިންމަތު ރާއޯ ތިޔަ ބުނުއްވަނީ، ކަލާނގެ ބާވައިލައްވައިފައި ވާ ފޮތްތަކުގައި ބަޔާންކުރެވިފައި ވާ ވާހަކަތައް ދެކެ ބިރުނުގަނެ އަޅުގަނޑު ކަހަލަ ނިކަމެތި އިންސާނަކު ބުނާ އެއްޗަކުން ބިރުގަންނަ ވާހަކަ ކަމަށް ވަންޏާ ރަނގަޅުވާނީ އެ ގޮތަށް ބިރުގަނެ މޮޔަވާ މީހުންނަށް ގިޔާމަތް އައިއްޔާ. އަޅުގަނޑުގެ ބަޔާނުގައި، ސައިންސީ އާލާތް އަޅުގަނޑުގެ ވާހަކަ ތެދު ކުރާކަމަކަށް ބުނެފައެއް ނޯންނާނެ. އަދި ފަހަރެއްގައި ވެސް ނުވެސް ބުނާނަން. އަޅުގަނޑަށް މީހެއްގެ އަތުން މަރުގެ ނާރު ފެނުނީމާ ކަލޭގެ މަރު ވަރަށް ގާތްވެއްޖެއެކޭ ފަހަރެއްގައި ވެސް ނުބުނާނަން. އޭނާއަށް އެހެން ގޮތް ގޮތުން ވިސްނައިދޭނީ. އެ މީހެއްގެ ގާތުގައި ބުނާނީ؛ ނަމާދު ކުރާށޭ، ރޯދަ ހިފާށޭ، ތިމާގެ ދުޝްމަނުންނަށް މާފުކުރާށޭ. އަޅުގަނޑުގެ ބޭނުމަކީ އޭނާ ނޭނގުމުގެ ތެރޭގައި ކުޑަ ދުވަސްކޮޅަކު އީމާންތެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުން. އަޅުގަނޑު ނޫހުގައި ދުންތަރިއާ ބެހޭގޮތުން ލިއެފައިވާ ބަޔާން ކިއައިފައި މީސްތަކުން ބިރެއްވެސް ނުގަނޭ. އަދި މޮޔައެއް ވެސް ނުވޭ. އަދި ނުވެސް ވާނެ. އެކަމަކު އަޅުގަނޑުގެ ބަޔާނުން އަސަރުކުރާ ބަޔަކު އަދި އިބުރަތް ހާސިލުކުރާ ބައަކު އެންމެ މަދުވެގެން ވެސް ހަތަރު މަހާ ސައްބީސް ދުވަސް ވަންދެން ތައުބާގެ މަގުގައި ހިނގަމުންދާނެ."

އެހައިތަނުން ވ.މ.މ ލައުންޖުގެ ޔުނިފޯމު އެޅި ނޯކަރު ވަރަށް މުހިންމު މީހުންނަށް ސައިފޮދު ހިފައިގެން އަތުވެއްޖެއެވެ. ހުރިހައި އެންމެންވެސް ތަށިތަށްޓަށް އެ މީހަކަށް ރަނގަޅު އެއްޗެއް އަޅައިގެން ކާން ފެށިއެވެ. ހިންމަތު ރާއޯއާއި މެޑަމް ފްލެޗަރ ޚޫރްޝީދު ބަލްގްރާމީގެ ކިބައިން ވެސް ސައިގައި ބައިވެރިވާން އެދުނެވެ. އެކަމަކު އޭނާ ބުނީ އޭރު ރޯދަމަހަށް ފެށިއްޖެ ކަމަށާއި އޭނާއަކީ ކުޑައިރުއްސުރެ ގަވާއިދުން ނަމާދުކޮށް ރޯދަހިފާ މީހެއް ކަމަށާއި އެހެންވެ އެމީހުންނާ ބައިވެރިވެވެން ނެތް ކަމަށެވެ.

ސައިބުއިމުގެ ތެރޭގައި ހިންމަތު ރާއޯ ޚޫރްޝީދު ބަލްގްރާމީއާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އޭނާއަކީ ސާޅީސް އަހަރާއި ސާޅީސް ފަސް އަހަރާ ދެމެދުގެ މީހެއް ކަމުގައި ހިންމަތު ރާއޯ ލަފާކުރިއެވެ. އޭނާގެ ޞިއްޙަތު ހަސަދަވެރި ވާހައި ރަނގަޅެވެ. މޫނުމަތީގައި ތުނިތުނި ފަށުއިކޮޅެއް ކަހަލަ ތުނބުޅިއެއް ހުއްޓެވެ. ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑު ހުރީ ރަން ކުލައިގައެވެ. ލޮލުގައި އަޅައިފައި އޮތް ކަޅު އައިނުގެ ދުނި ވެސް ހުރީ ރަންކުލައިގައެވެ. އޭނާ ރުމާލުން ބިއްލޫރިގަނޑު ސާފުކޮށްލުމަށްޓަކައި އައިނު ނެގުމުން އޭނާގެ ލޮލުގެ ފުންކަމާއި ބެލުމުގައި ހުރި ދަމާ ބާރު ފާހަގަކުރެވުނެވެ. އޭނާ ބަލައިލާ ބެލުމުން ހީވަނީ ބޭރުފުށުން ހިންމަތު ރާއޯއަށް ބަލަމުން ދާ އިރު އެތެރެ ފުށުން އޭނާގެ އުފަން ފަތް ވެސް ކިޔަމުން ދާހެންނެވެ.

ކޮފީގެ ދައުރަށް ފެށުމުން ފަލަކިއްޔާތުގެ މާހިރެއް ބުންޏެވެ.

"މިސްޓަރ ޚޫރްޝީދު! ޚޫރްޝީދެކޭ އެއްފަދައިން އަޅުގަނޑުމެން ވެސް ތަރިތަކުގެ ހިނގުން ބަލައި، ކިޔައި، ވިސްނަމު. އެކަމަކު އަޅުގަނޑުމެން ބޭނުންކުރާ ގޮތް މުޅިން ތަފާތު. ކޮންމެ ގޮތެއްގައި ނަމަވެސް އެ ކޮމެޓް ކޮންމެ ހާލެއްގައި ނަމަވެސް އަޅުގަނޑުމެންގެ ބިމުގައި ޖެހޭނެ ކަމަށް އަޅުގަނޑުމެން ވެސް އެއްބަސްވަމު. އަދި އެކަމުން ލިބުނު ގެއްލުމާއި ބަރުބާދީ ހިސާބުކުރަން އޭގެ ފަހުން އަޅުގަނޑުމެން އެކަކުވެސް ދިރިނުހުންނާނެ ފަދަ ގިޔާމަތެއް އަންނާނެ ކަމަށް ވެސް އެއްބަސްވަމު. މި ކަމާ ބެހޭ ގޮތުން އަޅުގަނޑު ޚޫރްޝީދާ ސުވާލެއް ކުރާނަން. އަތްތިލައިގެ ނާރުތައް ތެދު ބުނަނީ ކިހައި ވަރަކަށްތޯ؟"

"އެ އަތުގެ ވެރިއެއްގެ ތަރި އޭގެ މިޒާޖު ބަދަލު ނުކުރާހައި ހިނދަކު، އެހެންނޫނީ އެހެން ތަރިއެއް އެ ތަރިއަށް އަސަރު ނުފޯރުވާ ހައި ހިނދަކު އަތުގެ ނާރުތައް ހިލައިގެ ރޮނގުތަކެކޭ އެއްގޮތްވާނެ."

"އެންމެ ރަނގަޅު. ޚޫރްޝީދާއި އަޅުގަނޑުމެންގެ ހިސާބުން ދައްކާ ގޮތުން އެ ދުންތަރި އަށާވީސް ޑިސެންބަރުގައި އަޅުނގަޑުމެން އެންމެންގެ މަރަށް ވެގެން އަންނާނެ. މި ވަގުތު އެތައް ލައްކަ އެތައް ކުރޯޑު އިންސާނުންނެއްގެ އަތުގެ ނާރުތައް އެބައިމީހުންގެ އުމުރު ދިގު ކަމަށާއި އަށާވީސް ޑިސެންބަރުގެ ފަހުން ދިރިތިބޭނޭ ކަމަށް ބުނާނެކަން ނޭނގެ. އެހެންވީއިރު މި ތަނުން ޚޫރްޝީދު ގަބޫލުކުރައްވާނީ ކޮން އެއްޗެއްތޯ؟ އަތުގެ ނާރުތައްތޯ ނޫނީ ކޮމެޓް ގެންނަ ގިޔާމަތްތޯ؟"

"ވާ...ވާ..." ފަލަކިއްޔާތުގެ ހުރިހައި މާހިރުން އޭނާއަށް ތާރީފުކުރަން ފެށިއެވެ. ޚޫރްޝީދު ބަލްގްރާމީ ވެސް އޭނާއަށް ތާރީފުކުރަމުން ބުންޏެވެ.

"ހަގީގަތުގައި ތިޔަ ސުވާލު ތިޔަ ކުރެއްވީ ހުރިހައި ނުޖޫމީން ހާސްކޮށްލައިހައި ވިސްނުންތެރިކަމާ އެކުގައި. އަޅުގަނޑު އަޅުގަނޑުގެ ވާހަކަ ނަންގެންފާނަން. އަޅުގަނޑު ހާސްވާކަށް ނުދަންނަން. އަޅުގަނޑު މި ދުނިޔޭގެ ހަމަ ކޮންމެ މީހެއްގެ އަތް ބަލައިފައި، 28 ޑިސެންބަރުގެ ކުރިން އެ މީހެއްގެ އަތުގައި ދިރި ހުރުމުގެ ނާރު ބުނަނީ ކީކޭކަން ބުނެދީފާނަން. އެކަމަކު އަޅުގަނޑުމެން ނުޖޫމީން ހިސާބެއްގެ ހިފެހެއްޓުންތެރިކަމެއް ގެންގުޅެން. މި ހިފެހެއްޓުންތެރިކަމުގެ ކުރިމަތީގައި އެނގިފައި މެ، ނުބުނެވޭ ވަރަށް ގިނަ އެއްޗެހި ހުރޭ. އެއިން ބައެއް އެއްޗެއްސަކީ އަޚުލާޤީ ގޮތުން ސިއްރުކުރަން ޖެހޭ އެއްޗެހި. އަނެއްބައި އެއްޗެއްސަކީ އިންސާނީ ނަފްސިއްޔާތަށްޓަކައި، ފޮރުވަންޖެހޭ އެއްޗެހި."

ސައިންސުވެރިޔަކު ބުންޏެވެ. "އަތުގެ ނާރުތައް ތެދުބުނާ ކަމަށް ވަންޏާ، ޚޫރްޝީދު އަޅުގަނޑުމެންގެ މެދުގައި ތެދު ބުނުއްވުން ރަނގަޅުވާނެ. މި ތަނުގައި މި ތިބީ ދެތިންހަތަރު މީހުން. އަނެއްކާ އަޅުގަނޑުމެންނަކީ ވަރަށް މުހިންމު ސިއްރު މިޝަނަކާ ބެހޭ ގޮތުން މިއުނިކަށް ދާން ތިބި ބައެއް. އަޅުގަނޑުމެންގެ މެދުގައި ދެކެވޭ ވާހަކައެއް މި ހަތަރު ފާރުން ބޭރަކަށް ނުދާނެ."

ހުރިހައި އެންމެން އެ ސައިންސުވެރިޔާއަށް ތާއީދުކުރަން ފެށިއެވެ. އެހެނީ ހުރިހައި އެންމެންވެސް އެބައިމީހުންގެ އަތުގައިވާ ދިރިހުރުމުގެ ނާރުގެ މުއްދަތު އޮޅުންފިލުވަން ބޭނުމެވެ. އިންޖިނިއަރެއް، ޚޫރްޝީދު ބަލްގްރާމީގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިފައި އިށީނެވެ. އަދި އަތް ދިއްކޮށްލަމުން ބުންޏެވެ.

"ވަރަށް މަޝްހޫރު ނުޖޫމީއަކު އަޅުގަނޑުގެ އަތް ބަލައިފައި ބުނެފައި ވަނީ މުސްތަގުބަލުގައި އަޅުގަނޑަށް ނުރައްކާތައް އެބަހުރި ކަމަށް. އެކަމަކު ވަރަށް ގިނަ ދުވަހު ދިރިހުންނާނެ ކަމަށް. މިހާރު ދެން ޚޫރްޝީދު ބުނުއްވާ."

ޚޫރްޝީދް ބަލްގްރާމީ ވަރަށް ފަރުވާތެރިކަމާއި ސީރިއަސްކަމާ އެކު އޭނާގެ އަތުގައި ހުރި ދިރިހުރުމުގެ ނާރަށް ބަލަމުން ގެންދެއެވެ. އެ ނާރު އާންމު ނުޖޫމީންނަށް ބުނެދޭނީ އޭނާ ޑިސެންބަރު އަށާވީހަށް ފަހުން ވެސް ދިރިހުންނާނެ ކަމަށެވެ. އެކަމަކު ޚޫރްޝީދު ބަލްގްރާމީ ކަންބޮޑުވެފައި ވާ ބެލުމަކުން މެޑަމް ފްލެޗަރަށް ބަލައިލިއެވެ. މުސްކުޅި މެޑަމް ވެސް އިނީ އޭނާގެ އަތާ ދިމާއަށް ގުދު އަޅައިލައިގެންނެވެ. އެހެން ހުރިހައި އެންމެން ކެތްތެރި ކަމެއް ނެތި އެ ދެ ނުޖޫމީންނަށް ބަލަން ތިއްބެވެ. މެޑަމް ފްލެޗަރ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

"މިސްޓަރ ޚޫރްޝީދު! އަޅު... އަޅުގަނޑެއް... ނުބުނާނަން. ޚޫރްޝީދު ބުނުއްވާ."

އޭނާ އެއް އަތުން ބޮލުގައި ހިފަހައްޓައިގެން ސޯފާގައި ލެނގިލައިފިއެވެ. ޚޫރްޝީދު ބަލްގްރާމީ ބުންޏެވެ.

"ހާލަތު ބަދަލުވުމަކުން، އަތްތިލައިގައި ކުރެހިފައި ހުރި ނާރުތައް ފޮހެވިގެންނެއް ނުދޭ. ހަމައެކަނި ބަދަލުކޮށްލަނީ އެ ނާރުތަކުގެ މިޒާޖާ މަފުހޫމު. އަޅުގަނޑުމެންގެ މި ދުނިޔޭގައި ނާރުތަކުގެ ބަދަލުވާ މަފުހޫމު ދެނެގަނެވޭ ވަރުގެ ތިބީ ދެތިން ނުޖޫމީން. މިސްޓަރ! މިހާރު އަޅުގަނޑު އެއްވެސް އެއްޗެއް ސިއްރެއް ނުކުރާނަން. އެއީ ސިއްރުކުރުމުގެ ވަގުތު ފާއިތުވެ ހިނގައްޖެ. ކަލާ... ކަލާގެ ދިރިއުޅުން ނިމިއްޖެ."

"ނޮންސެންސް" އެ އިންޖިނޭރު ބާރަށް ހީނގަންނަމުން، އިށީނދެގެން އިން ތަނުން ކޮޅަށް ތެދުވިއެވެ. އޭނާ، އަތްތިލަ ހަތަރު ފަރާތަށް އަނބުރަމުން ބުންޏެވެ.

"ހައް.ހައް.ހައް.ހައް... ބައްލަވަ. މި ދިރިހުރުމުގެ ނާރު މި ބުނަނީ އަޅުގަނޑު، އަޅުގަނޑުގެ ދަރީންގެ ދަރީން ދެކެން ވެސް ދިރިހުންނާނެ ކަމަށް. އެކަމަކު މި މަނިކުފާނު މި ވިދާޅުވަނީ... ހައް.ހައް.ހައް.ހައް..."

އޭނާ އިށީނދެގެން އިން ގޮނޑީގައި ފައިން ސައްޕެއްއަޅައިފައި، ހީނގަންނަމުން ބުންޏެވެ.

"މިއަށް ވުރެ ބޮޑު ސަމާސައަކީ ކޮބާ؟ އަޅުގަނޑު މިހިރީ ދިރި ދުނިޔޭގައި. އެކަމަކު ނުޖޫމީ ސާހިބު އެ ވިދާޅުވަނީ އަޅުގަނޑުގެ ދިރިއުޅުން ނިމިއްޖެޔޯ. ހައް.ހައް.ހައް.ހައް..."

އޭނާ ސޯފާއަށް، އެނބުރި ދިއުމަށް ޓަކައި ކުރިއަށް ހިނގައިގަތެވެ. ދެން ކުއްލިއަކަށް އަރިއަޅައިލައިފިއެވެ. ވެއްޓެން ދަމުން ސަލާމަތްވުމަށް ޓަކައި، އޭނާ، ސައިގެ ސާމާނު ހުރި ޓްރޯލީގެ އެހީ ހޯދިއެވެ. އޭނާ، ކޭކާއި ޕޭސްޓްރީއާއި ތާޒާ މޭވާތަކުގެ މައްޗަށް އަނގަވަތަށް ވެއްޓުނެވެ. ދެން އެ ޓްރޯލީ ޖެހުނު ކުއްލި އެތިފަހަރުގެ ބާރުގައި މަޑުމަޑުން ދުވަން ފެށިއެވެ. ކަޓްކަޓްކަޓްގެ އަޑާއެކު މީސްތަކުންގެ ކުރިމަތިން ލައިފައި ދޮރާ ދިމާއަށް ދާން ފެށިއެވެ.

ކަޓްކަޓްކަޓް. އެ އިންޖިނިއަރުގެ ލޮލުގެ ކުލަ ފަނޑުވިއެވެ. އޭނާގެ މޫނު ސައިންސުވެރިއެއްގެ ކައިރިން ލައިފައި ދިޔައެވެ. ކަޓްކަޓްކަޓް. އޭނާގެ ހުޅުވިފައި ހުރި އަނގައިން ލޭގެ ސައިލެއް އޮހެމުން ދަނީއެވެ. އޭނާ ފަލަކިއްޔާތުގެ މާހިރެއްގެ ކުރިމަތިން ލައިފައި ދިޔައެވެ. ކަޓްކަޓްކަޓް. އޭނާ ފުރާނަ ހުސްވެގެން ވެއްޓުނެވެ. އަދި ފުރާނަ ނެތް ޓްރޯލީ ހުއްޓިހުއްޓިފައި ކުރިއަށް ދެއެވެ.

ދެން އެންމެން ވެސް ހަމަހޭވެރިކަން ވެއްޖެއެވެ. އެންމެން ވެސް ތެދުވެގެން ގޮސް އެ ޓްރޯލީ ހިފެހެއްޓިއެވެ.

އެ އިންޖިނޭރު ނަގައިފައި ތަޅުންމަތީގައި ބޭއްވިއެވެ. އޭނާގެ ވިންދުގައި އިނގިލި އޮބައި، މޭގައި ކަންފަތް ޖަހައިގެން އޭނާ ދިރިހުރިތޯ ބަލަން މަސައްކަތް ފެށިއެވެ. އިންސާނުން މަރުވުމުން އޭނާގެ ހަށިގަނޑުގެ ނިޝާންތަކެއް ނުފޮރުވޭކަން އެންމެފަހުން ވިސްނުނެވެ. އަތުގެ ނާރުތައް ވެސް ސަލާމަތުން ހުރެއެވެ. މަރުވެފައިވާ އެ އިންޖިނޭރުގެ އަތުގައި ދިރިހުރުމުގެ ނާރު އަދިވެސް ދިރިއެބަހުއްޓެވެ.

އެންމެންގެ ކަޅި އެ ދެމީހުންނާ ދިމާއަށް އުފުލުނެވެ. މެޑަމް ފްލެޗަރގެ މޫނުގެ ރޫތައް އިތުރަށް ފުންވިއެވެ. އޭނާ ބާރަށް ދެ ތުންފަތް ފިއްތައިލިއެވެ. އޭނާގެ މުސްކުޅި ތަޖުރިބާކާރު ދެ ލޯ ބުނެއެވެ.

"އަހަރެންގެ ދަރިންނޭ! އަހަރެމެން ހިފަހައްޓައިފައިވާ ހިސާބަށްވުރެ ކުރިއަށް އަހަރެމެންގެ ޢިލްމަށް ނުގޮވާ. ކަލޭމެންނަށް ލިބޭނީ ހިތާމަ."

ޚޫރްޝީދު ބަލްގްރާމީ ސޯފާގެ ދެ އަތްގަނޑުމަތީގައި އަތް ބާއްވައިލައިގެން ސޯފާގައި ލެނގިލައިގެން ބުދެއް ފަދައިން ހިމޭނުން އިނެވެ. އޭނާގެ މޫނުގައި އެއްވެސް ބާވަތެއްގެ ޖަޒުބާތެއް ނެތެވެ. އެވަގުތު ތަގުދީރުގެ ނާރުތަކަށް ވެސް އޭނާގެ މޫނެއް ނުކިޔޭނެއެވެ. ކަޅު އައިނުގެ ފުރަގަހުގައި ދަގަތްފާނީ ލޯ ވަނީ ފޮރުވިފައެވެ. ރަނގަޅެވެ. މަރު އޮންނަން ރަނގަޅުވާނީ ސިއްރެއް ފަދައިން، އަނދިރި އައިނުގެ ފުރަގަހުގައި ފިލައެވެ.

އެއްގަޑިއިރު ފަހެވެ. އެބައިމީހުން މަތިންދާބޯޓުގައި މިއުނިކާ ދިމާއަށް ދަތުރުކުރަނީއެވެ. އެ އިންޖިނޭރުގެ މަރާ ބެހޭގޮތުން އެމީހުންގެ އަތުން އަތުލީ ހަމައެކަނި ބަޔާނެވެ. އިތުރު ހޯދުންތަކަށް ޓަކައި އެބައިމީހުންނެއް މަޑެއް ނުކުރަވައެވެ. އެހެނީ އެ އެންމެންނަކީ ވެސް ނުހަނު އިއްޒަތްތެރި ހަމަ އެހައިމެ މުހިންމު މީހުންނެވެ. އަދި އެބައިމީހުން އެދަނީ ވަރަށް މުހިންމު މިޝަނެއްގައި މިއުނިކަށެވެ. ވ.މ.މ. ލައުންޖުން ނުކުތުމުގެ ކުރިން އެ މީހުންނަށް އެނގުނު ގޮތުގައި އެ އިންޖިނޭރަކީ ނާރުތަކުގެ ބަލިޖެހިފައި ހުރި މީހެކެވެ. އޭނާގެ ނާރުތައް ހަމަޖެއްސުމަށް ޓަކައި، ޑޮކްޓަރުން އަންގައިފައި ވާ ގޮތުގެ މަތިން ދުވާލަކު ތިންފަހަރު ބޭސްގުޅައެއް ކައެވެ. އެ ބޭސް ހުންނަނީ ކުޑަ ފޮށްޓަކަށް އަޅައިފައި އޭނާގެ އަތުގައެވެ.

އޭނާގެ ޖީބު ހޯދުމުން އެފޮށި ފެނުނެވެ. އެއަރޕޯޓުގެ ޑޮކްޓަރު ބުނީ އެ ތަނުން ދެ ގުޅަ އެހެން ގުޅަތަކާ ތަފާތު ކަމަށާއި އެ ދެ ގުޅައާ މެދު ޝައްކުކުރެވޭ ކަމަށެވެ. އެ ގުޅަތައް ލެބޯޓަރީއަށް ފޮނުވުނެވެ. އެހައިތަނަށް ލަފާކުރެވިފައި ވަނީ ކޮންމެވެސް މީހަކު ޒަހަރުލައިފައި އޮތް ތިން ގުޅަ އޭނާގެ ފޮށްޓަށް ލައިފައި އޮތީ ކަމަށެވެ. ދެ ގުޅަ ފޮށީގައި އޮތީއެވެ. އެއް ގުޅަ، އޭނާ ކޮފީ ބުއިމުގެ ތެރޭގައި ދިރުވައިލީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާ މަރުވީއެވެ.

ޚޫރްޝީދު ބަލްގްރާމީ އިނީ ސައިންސުވެރިއެއްގެ ގާތުގައެވެ. މެޑަމް ފްލެޗަރަށް ތަން ލިބުނީ ހިންމަތު ރާއޯއާ ޖެހިގެންނެވެ. މެޑަމް ބުންޏެވެ.

"އަޅުގަނޑަށް މި ކަން ދުވަހަކުވެސް ހަނދާން ނަތައެއް ނުލެވޭނެ. މަރާ ބައްދަލުކުރުމަށް ފަހު، ތިމާގެ އަތުގެ ދިރިހުރުމުގެ ނާރު ދައްކަން އަޅުގަނޑު ގާތަށް އައި ފުރަތަމަ މީހަކީ އޭނާ. ދެތިން މިނެޓު ފަހުން ވާނީ ކިހިނެއްކަން އަޅުގަނޑު ކަނޑައަޅައި އަދި އެ ގޮތަށް ދިމާވި މިއީ ފުރަތަމަ ފަހަރު."

އެހެން ބުނެފައި އޭނާ ފާޑަކަށް ހޭން ފެށިއެވެ. ހިންމަތު ރާއޯ ހައިރާންވެފައި ސަބަބު އެހުމުން ޖަވާބުދިނެވެ.

"މީހުން މަރު ދެކެ ކިހައި ބިރުގަނޭ. އޭނާ މަރުވުމުން ދެން އެކަކު ވެސް އަޅުގަނޑުމެންނަކަށް އަތެއް ނުދެއްކި. އެ ވީ ވެސް ރަނގަޅަށް."

ހިންމަތު ރާއޯ ބުންޏެވެ. "އަޅުގަނޑުމެންގެ އަތުގައި ދިރިހުރުމުގެ ނާރު ކިތަންމެ ފާޅުކަން ބޮޑުކޮށް ހުއްޓަސް 28 ޑިސެންބަރުގެ ފަހުން މި ދުނިޔޭގައި ދިރިހުރުމުގެ ކުލައެއް ވަހެއްވެސް ނުހުންނާނެކަން އަޅުގަނޑުމެންނަށް ވިސްނޭ. އެކަމަކު މެޑަމް! ތަދުބީރުން ނުހަނު ބޮޑެތި މުސީބާތްތައް ދުރުކުރެވޭ. ވީ އިރު މެޑަމްގެ ޚިޔާލަކީ ކޮބައިތޯ؟ ތަދުބީރުގެ ޒަރީއާއިން އަޅުގަނޑުމެންނަށް އެ ދުންތަރިން ސަލާމަތްވެގެންނެއް ނުތިބެވޭނެތޯ؟"

"އަޅުގަނޑަށް ނަންގަނެވޭނީ ކީކޭ؟ އެއެއް އެނގޭނީ ތަދުބީރު ކުރާ މީހުންނަށް. ރޮކެޓުގައި ޖައްވަށް ގޮސް ޖައްވުން ތަންކޮޅެއް ހޯދާނެހައި ތަނަވަސް ވަސީލަތްތަކެއް އަޅުގަނޑަށް ލިބިފައެއް ނެތް."

"މެޑަމް ތިޔަ ބުނުއްވީ ރަނގަޅަށް. މިހާރު ދެން ބަލަންވީ ބޮޑެތި ގައުމުތައް ހަދާ ގޮތެއް."

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.