(7 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ވިސްނަމުން ހިނިތުންވަމުން ގެންދެއެވެ. މި ހަތަރު ފަސް މަސް، ޝަންކަރު އަތުން އެއް ކުރޯޑު އަށް ލައްކަ ރުފިޔާ ދަމައިގަންނަން ފުދޭނެއެވެ. އޭނާ ހަމަ ވަގުތުން ޓެލެފޯނުގެ އަތްގަނޑު ނަގައިފައި ޝަންކަރާ ގުޅައިލިއެވެ.
"ހެލޯ، ޝަންކަރު! ކީއް ތިކުރަނީ؟"
"މިހާރު އަދި މި، ރޫޕްވަތީ ހަނދާން ކުރަނީ. ބައިގަޑިއިރު ފަހުން ބައްޕަ ފުރުވަން އެއާޕޯޓަށް ދާނަން."
"އަހަރެން ވެސް ޝަންކަރުގެ ބައްޕަ ސީ އޯފް ކުރަން ދާނަން. ދާނެތަ؟"
"އޯވ މައި ސްވީޓީ! ތިޔައީ ވެސް ދެން އަހާ ކަހަލަ ވާހަކައެއްތަ؟ އާދެވެންޏާ، ޓެލެފޯނުގެ މަގުން، އަޑު އަންނަހާ ހަލުއިކޮށް އާދޭ."
ރޫޕްވަތީ ހީނލަމުން ރިސީވަރު ބޭއްވިއެވެ. ޝަންކަރު ހީކުރީ އޭނާ ސަމާސާ ކޮށްލީމައި ރޫޕްވަތީ ގާތަށް ހިނިއައީ ކަމަށެވެ. އެކަމަކު އޭނާ ހީނލީ، އޭނާ ފަތުރައިލި އާ ދަލުގައި ޝަންކަރު ޖެއްސުމަށް ޓަކައެވެ. އޭނާ އަލަމާރި ކައިރިއަށް ގޮސް އަލަމާރި ހުޅުވައިލިއެވެ. އޭރު ރޭގަނޑު އެގާރަ ގަޑި ބައި ވެއްޖެއެވެ. އޭނާ، ރޭގަނޑު މެންދަމުގެ ފަހުން ވެސް ދެކޭ މީހުންގެ ނިދި އުދުހިގެން ދާ ކަހަލަ ހެދުމެއް ހޯދަން ފެށި އެވެ. ރީތި އަންހެނުން ހެދުން ލެވޭތޯ ގިނައިން މަސައްކަތް ކުރަނީ ހެދުމުގެ ރީތިކަން ވަކިން، ހަށިގަނޑުގެ ރީތިކަން ވަކިން ދެއްކޭނެ ހެންނެވެ. ދެން އޭރުން ދެކޭ މީހުންގެ މިޒާޖުގެ ވާހަކަ އަހާކަށް ނުޖެހޭނެއެވެ.
އޭނާ ހިންމަތު ރާއޯގެ ގެ އަށް ދިޔަ އިރު ހަށިގަނޑުގައި ވަނީ ވަޅުފެހި ކުލައިގެ ފުލެޕަރު ޓީޝާޓެކެވެ. އަތް ނެތް ޓީޝާޓުގެ ތެރެއިން އޭނާގެ ދޮންދޮން އަތް ވިދައިލަވިދައިލައި ހުއްޓެވެ. ކަރުން ފެށިގެން މައްޗަށް މޫނުމަތީގެ ހަނދުވަރު ފެތުރިފައި ހުއްޓެވެ. ހެދުމުގެ އަނދިރި ކުލަ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ގެއްލެމުން ދެއެވެ. ހަމައެކަނި މޫނާއި ދެ އަތް ފެންނަ އިރު ހީވަނީ، އަނދިރީގެ ތެރެއިން ބޯ ދިއްކޮށްލައިފައި އަދި އަތް އުފުލައިލައިފައި "އަހަންނަކީ ހަމައެކަނި މިއީ އެއް ނޫނޭ، ކައިރި އަށް އައިސް ބާކީ ރޫޕްވަތީ ހޯދާށޭ" ބުނެލާ ހެންނެވެ.
ޝަންކަރު ބުންޏެވެ. "ރޫޕްވަތީގެ ހެދުމުގެ އަނދިރީގައި އަހަރެން ވެސް އެއްބައި ފޮރުވިލައިފާނަމޭ ހިތަށް އަރާ. އެކަމަކު ހިތާމަ އަކީ ރޫޕްވަތީ، ކައިވެނީގެ ކުރިން އެހެން ހެދިޔަކަ ނުދޭނެކަން. އެންމެ ރަނގަޅު، ކައިވެނީގެ މައްސަލައިގައި ނިންމި ގޮތެއް ބުނެބަލަ!"
ރޫޕްވަތީ ވަރަށް އިސްކީ ގޮތަކަށް އޭނާގެ އަތުގައި ހިފައިފައި ބުންޏެވެ.
"ޝަންކަރު! އަހަންނަކީ ކުރިން ވަރަށް ގޮތްދޫނުކުރާ މީހެއް. އެކަމަކު ޝަންކަރު އަހަންނަށް ކުރީ ކީއް ކަމެއް ވެސް ނޭނގެ. މިހާރު ހިތް އެދެނީ ޝަންކަރުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން."
"ހަމަ ރަނގަޅަށް!؟" އޭނާ ރޫޕްވަތީގެ ދޮންދޮން އަތުގައި ބާރަށް ހިފާއްޓައިފައި ސުވާލުކުރިއެވެ.
"ވީ އިރު ތިޔަ ބުނަނީ މާދަމާ ރޫޕްވަތީ އަހަރެންގެ އަންހެނުންނަށް ވާ ވާހަކަތަ؟"
"އަހަރެން މިހާރު ވެސް ވެދާނަން. ބައްޕައަށް ނަންގަނޭ؛ އަހަރެމެންގެ ކައިވެނީގެ ރަސްމިއްޔާތު ނިމެންދެން މަޑުކުރައްވާށޭ. އަހަރެމެންގެ ކައިވެނި ކޮންމެހެން ވެސް ކުރަންޖެހެއޭ. މާދަމާ ހެނދުނުން ވެސް ބައްޕައަށް ދުރުވެވިދާނެ."
"އޭނ! ތިޔަހެން ވެވޭނީ ކިހިނެއް؟ ބައްޕަ އެ ދުރުވަނީ ވަރަށް މުހިންމު މަސައްކަތެއްގައި. ބައްޕަ ދުރުވިޔަދީ. އަހަރެމެން ކޯޓު މެރިޖް ކޮށްލާނީ."
"އަހަރެންގެ ގޭ މީހުންނެއް ނުރުހޭނެ. ކައިވެނި ކުރަންވާނީ އާދަކާދަޔާ އެއްގޮތަށް. އަހަރެން ފިލްމުފިލްމުގައި ކިތަންމެ ގިނަ ފަހަރަކު އަލަތު އަތްނބަކަށް ވިޔަސް ޙަޤީޤީ އަލަތު އަތްނބަކަށް ވުމުގެ އެދުން އަހަރެންގެ ހިތުގައި އޮވޭ. މިހާރު ދެން އެ އެދުން ފުރިހަމަ ނުވީމާ، އަހަރެން އަލުން އަލަތުއަތްނބަކަށް ހަދަން ޝަންކަރު ދެވަނަ ފަހަރަށް އަހަންނާ ކައިވެނި ކުރާނަންތަ؟"
އެހައިތަނުން ހިންމަތު ރާއޯ އެޓާޗީ ހިފައިގެން ފެންޑާ މައްޗަށް ނުކުމެއްޖެއެވެ. "ހިނގާ ދަރިފުޅާ! ލަސްވަނީ."
އޭނާ ބައްޕަ އަތުން އެޓާޗީ އަތުލައިގެން ކާރާ ދިމާއަށް ދަމުން ބުންޏެވެ.
"ރޫޕާ! ބައްޕަ ގާތުގައި ފަހަތު ސީޓުގައި އިށީނދޭ! އަހަރެން ޑްރައިވް ކުރާނަން."
ހިންމަތު ރާއޯ ބުންޏެވެ. "ނޫން، ޝަންކަރު! ދަރިފުޅުމެން ދެ މީހުން އެކީގައި ކުރީގައި ތިބޭ."
"އެއަރޕޯޓުން އެނބުރި އަންނަ އިރު އަޅުގަނޑު އަންނާނީ ރޫޕާ ގާތުގައި އިނދެގެން. ބައްޕަ މިހާރު އެކަނި ނީންނަވާ."
އޭނާ ފަހަތު ސީޓުގެ ދޮރު ހުޅުވައިލަދިނެވެ. ހިންމަތު ރާއޯ ރޫޕްވަތީގެ ގާތުގައި އިށީން ހިނދު އޭނާގެ ނޭވާ ހުވަނދުވެގެން ދިޔައެވެ. އެ ވަގުތު އޭނާއަށް ދުނިޔެ ދޫކޮށްފައިވާ އޭނާގެ އަންހެނުން ޕުޝްޕާ ރާނީ ހަނދާންވިއެވެ. އެއީ ކޮންފަދަ ޒުވާންކަމުގެ ދުވަސްވަރެއް ހެއްޔެވެ؟ އުމުރުގެ ކޮންމެ ނޭވާއެއް ވެސް ވަނީ މީރުވަހުން ހުވަނދުވެފައެވެ. ޕުޝްޕާ ރާނީ މި ގޮތަށް އޭނާއާ އެކު ކާރުގެ ކުރީ ސީޓުގައި އިށީނދެއެވެ. އެކަމަކު އޭނާ އަތް ކަނޑައިލައިފައި ހުންނަ ހެދުމެއް ނުލައެވެ. ހިންމަތު ރާއޯ ލޮލުގެ ކުޑަކޮޅުން ރޫޕްވަތީގެ އޮމާން ރީތި މުލައްދަނޑިއަށް ބަލައިލިއެވެ. ދެން އަވަސްއަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލައިފައި ވިސްނަން ފެށިއެވެ. 'މުސްލިމުން އެ ބުނަނީ ރަނގަޅަށެވެ. ގިޔާމަތް ކައިރިވީ ވަރަކަށް އަންހެނުން ލަދުކުޑަވާނެއެވެ. ހެދުމަކީ އެބައިމީހުންނަށް ބުރައެއް ކަމަށް ދެކޭނެއެވެ. ވީވަރަކުން ހެދުން ކުރުކުރަމުން ގެންދާނެއެވެ. ހަމަ ރަނގަޅަށް ގިޔާމަތް އަންނަނީއެވެ.'
ހިންމަތު ރާއޯގެ ހިތް ބިރުން ވަރަށް ބާރަށް ތެޅެން ފެށިއެވެ. އަންނަން އުޅޭ ގިޔާމަތުގެ ސަބަބުން ކަމެއް ނުވަތަ ކައިރީގައި ޖެހިގެން އިން ގިޔާމަތުގެ ސަބަބުން ކަމެއް ނޭނގެއެވެ. އެވަގުތު ޝަންކަރު ސުވާލުކުރިއެވެ.
"ކައިވެނީގެ މައްސަލައިގައި ބައްޕަ ބުނުއްވަނީ ކީކޭތޯ؟"
ހިންމަތު ރާއޯ ހިތުގެ ތެޅުމުގައި އޮޔާދަމުން ބުންޏެވެ.
"އެނބުރި އައިސްފައި ކުރާނަން. މައްސަލައެއް ނެތް." ދެން ކުއްލިއަކަށް ސިހިފައި ސުވާލުކުރިއެވެ. "އޭނ. ތިޔަބުނީ ކާކުގެ ކައިވެންޏެއްގެ ވާހަކަތަ؟ އޯވ- ވިސްނިއްޖެ. ތިޔަ ބުނީ ދަރިފުޅުގެ ކައިވެނީގެ ވާހަކަ. އެހެންނު! އާނ. މައްސަލައެއް ނެތް. ކުރަންވީ. އެކަމަކު އަވަސްކުރޭ."
ޝަންކަރު ހީނގެންފައި ކާރުގެ ދުވެލި ބާރުކޮށްލަމުން ބުންޏެވެ.
"ރޫޕްވަތީ! އުފާވެރި ޚަބަރެއް ދެންތަ. ބައްޕަވެސް އުޅުއްވަނީ ވަރަށް އަވަހަށް ކައިވެނި ކުރައްވަން ވެގެން." ރޫޕްވަތީ ހިނިތުން ވެލައިފައި ހިންމަތު ރާއޯއަށް ބަލައިލަމުން ބުންޏެވެ.
"ކަލާ ހަމައެއްގޮތަށް ވެސް މުސްކުޅިކަމަކަށް ނުދައްކާ. ތިޔަ ސޫޓުގައި ކަލާ ކިހައި ޔަންގްވެފައި ސްމާޓް ކަމަށް ދައްކާތޯ؟ ކަލާގެ އުމުރުން ވާނީ ކިހައި ވަރެއްތޯ؟"
ހިންމަތު ރާއޯ ކިތަންމެ ފަހަރަކު އެ ސުވާލުގެ ޖަވާބު އޭނާގެ ޚިޔާލީ ލޯބިވެރިޔާއަށް ދީފިއެވެ. އެހެނީ އޭނާ ކައިވެންޏާ މެދު ވިސްނާ ހަމަ ކޮންމެ ފަހަރަކު ވާން އުޅޭ އަނބިމީހާ އޭނާގެ ޚިޔާލަށް އައިސް އުމުރު އަހައެވެ.
ޝަންކަރު ބުންޏެވެ. "ބައްޕަގެ އުމުރުން ވީ ސާޅީސް އަށް އަހަރު. ބައްޕަގެ ޞިއްޙަތު ދެކެބަލަ. އަހަންނެކޭ އެއްގޮތް. އިސްކޮޅުން އަހަރެންނަށް ވުރެ ދިގު. އެ އުމުރުގައި ފިރިހެނުން މުސްކުޅިއެއް ނުވާނެ. ބައްޕަ ހަމަ ކަމަކާ ނުލާ ރެޔާ ދުވާލު މަސައްކަތް ކުރައްވާކުރައްވާ ބޮލުގެ އިސްތަށިތައް ހުދު ކުރެއްވީ."
ހިންމަތު ރާއޯ ހިނިތުންވެލައިފައި ބުންޏެވެ.
"ބައްޕަގެ ވާހަކަ ނުދައްކާ. ދަރިފުޅު ކައިވެނީގެ ކަންތައް ނިންމިގޮތެއް ބުނެބަލަ."
"ރޫޕާ ކައިވެނީގެ ކަންތައް ފަސްޖައްސަނީ."
"ދޮގު ނުހަދާ، ޝަންކަރު! އަހަރެންގެ ގޭ މީހުންނާ ޝަންކަރުގެ ގޭ މީހުން، މި ބުނީ އަހަރެމެންގެ އާއިލާގެ ބޮޑެތި މީހުން ނެތިސް މި ކައިވެނި ކުރީމާ ވާނީ ސަމާސައަކަށް. ދެ ދުވަހުގެ ކަމެއްނު. ޝަންކަރުގެ ބައްޕަ އެނބުރި ދުރުވުމުން ކައިވެނީގެ ކަންތައް ހަމަޖައްސާނީ."
އެބައިމީހުން އެ މައްސަލައިގައި ބަހުސް ކުރަމުން އެއަރޕޯޓަށް ދިޔައެވެ. ހިންމަތު ރާއޯ ވީ.އައި.ޕީ ރޫމުން، އެބައިމީހުންނާ ވަކިވަމުން އެންމެ ފަހު ނިންމުން އިއްވިއެވެ.
"ރޫޕްވަތީ އެ ބުނަނީ ރަނގަޅަށް. ކައިވެނީގެ ވަގުތުގައި ފިރިހެން ކުއްޖާގެ ބައްޕަ ހުންނަން އޭނާގެ ގޭ މީހުން ބޭނުންވާނެ. އެއްވެސް ކަމެއް ނޫން. އަހަރެން އެނބުރި އައިސް ތިޔަކަން ކުރެވިދާނެ."
ޝަންކަރުގެ މޫޑު ގޯސްވިއެވެ. އެނބުރި އަންނަންވެގެން ކާރުގެ ދުއްވާ ސީޓުގައި އިށީނދެފައި އޭނާ ބުންޏެވެ.
"އަހަންނަށް ހީވަނީ ރޫޕާ އަހަންނާ ކައިވެނިކުރަން ނޭދެނީހެން."
މިހެން ބުނުމާއެކު އޭނާ ކުއްލިއަކާ އެކު ކާރު ދުއްވައިލައިފިއެވެ. ރޫޕްވަތީ ވެސް ކުއްލިއަކާ އެކު ޖަވާބުދިނެވެ.
"ތެދަކީ ވަރަށް ހިތި އެއްޗެއް. އަހަރެން ޝަންކަރާ ބެހޭ ގޮތުން އެއްޗެއް ބުނެފިއްޔާ ވަގުތުން ރުޅިއަންނާނެ."
"އަވަހަށް ބުނޭ! ތިޔަ ތެދަކީ ކޮބައިކަން އަހަރެން އޮޅުންފިލުވައިލަން ބޭނުން."
"ޝަންކަރު ތިޔަ އުޅެނީ ފިލްމަށް އެއް ކުރޯޑު ވިހި ލައްކަ ރުފިޔާގެ ހިއްސާ ލާންވެގެން. އޭގެ ކުރިން ޝަންކަރު ބޭނުންވެގެން ތިޔަ އުޅެނީ އަހަންނަކީ ޝަންކަރުގެ އަތްނބަކަށް ހަދައިގެން އަހަންނަކީ ޝަންކަރުގެ ހިއްސާއަކަށް ހަދަން. އެހެންނޫނީ އަހަރެން ވާނީ އެކްޓްރެސަކަށް. އަދި ޝަންކަރުގެ އެހައި ގިނަ ފައިސާ އަހަރެން ހަޖަމުކޮށްލަފާނެ."
"ޗީޗީ ރޫޕާ! ތިޔަ ބުނީ ހާދަ ދަށް ފެންވަރުގެ ވާހަކައެކޭ. ތެދުވެރި ލޯބިވާ މީހުން ފަހަރެއްގައި ވެސް ފައިސާގެ މޫނެއް ނުދެކޭ. އަހަރެން ހަމަ މިހާރު ގެއަށް ގޮސްފައި ފިލްމީ ބަޖެޓުގެ ޖުމުލަ ފައިސާގެ ޗެކު ލިޔެފައި ރޫޕާއަށް ދޭނަން."
ރޫޕްވަތީ ހައިރާންކަމާ އެކު އޭނާއަށް ބަލަމުން ބުންޏެވެ.
"ޝަންކަރު ލޯމަރައިފައި އަހަންނަށް އިތުބާރުކުރާ ކަމަށް ވަންޏާ އަދި ޝަންކަރުގެ މުދަލަށް ވުރެ ބޮޑަށް އަހަރެންނަށް އެދޭ ކަމަށް ވަންޏާ އެހައި އަވަހަށް ކައިވެނިކުރަންވެގެން ތިޔަ އުޅެނީ ކީއްވެގެން. ކައިވެނިނުކޮށްފިއްޔާ އަހަރެން ފިލާނީތަ؟"
"ތިޔަހެން ވެގެނެއް ނޫން ރޫޕާ! އަހަރެން ބޭނުމީ ވީހައި އަވަހަކަށް، ހަނީމޫން ފާހަގަކުރާން މުޅި ދުނިޔެ ވަށައިގެން ދަތުރުކޮށްލަން."
އެހެންވީއިރު ދާންވީނު. އަހަރެން ހުރިހައި ޝޫޓިންގެއް ކެންސަލްކޮށްފާނަން. ކައިވެނި ނުކޮށްވެސް އަހަރެމެންނަށް..."
"އޯވ. އަހަރެން ރޫޕާއަށް ވިސްނައިދޭނީ ކިހިނެއް؟ ބައްޕަ ގަބޫލެއް ނުކުރައްވާނެ. ބައްޕަ ބުނުއްވީ މަރުވުމުގެ ކުރިން..."
"ޝަންކަރު ޖުމުލަ ފުރިހަމަނުކޮށް ތިޔަ ހުއްޓާލީ ކީއްވެގެން؟ ބުނޭ ބުނޭ. ޝަންކަރުގެ ބައްޕަ މަރުވާން އުޅެނީތަ؟"
"ހޭ ބަގްވާން! އަހަރެން ބުނާނީ ކީކޭ؟ ރޫޕާ! މިއީ ވަރަށް ބޮޑު މަޖުބޫރީއެއް. އަދި ބުނަން؛ ސިއްރެއް. ރަނގަޅުވާނީ އެ ވާހަކަ ނާހައި ކައިވެނި ކުރިއްޔާ."
"ވާވާ! ތިޔައީ ރަނގަޅު ސިއްރެއް. އަތްނބަކަށް ހަދަން އުޅޭ މީހާއަށް ވެސް ސިއްރުކުރަނީ. ތިމާގެ ފިރިމީހާގެ ސިއްރުތައް ތިމާގެ މޭގައި ފޮރުވައިފައި ބެހެއްޓިދާނެ ކަމަށް އިތުބާރު ނެތް އަންހެނަކާ އިންނަނީ ކީއްކުރަން؟"
އޭނާ ނުރުހިފައި އަނެއް ފަރަތަށް މޫނު އަނބުރައިގެން އިނދެއްޖެއެވެ. ޝަންކަރު އިރުކޮޅެއް ވަންދެން ދެފުށުއެޅިފައި އިނެވެ. އެންމެ ފަހުން ދެރަވުން ގަބޫލުކޮށްފައި ބުންޏެވެ.
"ރޫޕާ ތިޔަ ބުނީ ރަނގަޅަށް. އަހަރެމެން އެކަކު އަނެކަކު ދެކެ މިހައި ބޮޑަށް ލޯބިވާ އިރު، އަދި ކައިވެނިކުރަން އުޅޭ އިރު އަހަރެން ރޫޕާއަށް އެއްވެސް ކަމެއް ސިއްރުކުރާނެ ކަމެއް ނެތް. އެކަމަކު މި ސިއްރު ރޫޕާގެ ހިޔަންޏަށް ވެސް ނާންގާނެ ކަމަށް ހުވާކުރޭ!"
ރޫޕްވަތީގެ ކެތްތެރިކަން ކުޑަވެއްޖެއެވެ. އަންހެނެއްގެ ގާތުގައި ވާހަކައެއް ބުނެފި ނަމަ އޭނާ ހުއްޓައިލާނީ އެ ވާހަކައެއްގެ އެންމެ އަޑިއާ ހަމައަށް ގޮސްފައެވެ.
"އަހަރެން ހުވާކުރަން. ޝަންކަރު ގަންދީ، އަދި އަހަރެންވެސް ގަންދީ ބުނަން. އެއްވެސް މީހެއްގެ ގާތަކު ނުބުނާނަން. އަވަހަށް ބުނޭ."
އޭނާ ހުއްޓަހުއްޓައިފައި އަޅައަޅައިގަންނަމުން ބުންޏެވެ.
"އަހަރެމެންގެ މި ބިން ހަތަރު މަހާ ހަތާވީސް ދުވަސްފަހުން މުޅިން ހަލާކުވާނެ. އަހަރެމެން އެންމެން މަރުވާނެ. މި ތަނުގައި ސަލާމަތުން ހަމަ އެކައްޗެއްވެސް ނޯންނާނެ."
އޭނާ ޔަގީންކަމެއް ނެތި ޝަންކަރަށް ބަލަމުން ބުންޏެވެ.
"ތިޔައީ ރަމަލުޖަހާ މީހަކު ބުނި ވާހަކައެއްތަ؟"
"އެހެން ބުނީ ނުޖޫމީއަކު. އެކަމަކު ދުނިޔޭގެ ފަލަކިއްޔާތުގެ މާހިރުން ވެސް އެބައިމީހުންގެ އޮބްޒަވޭޓްރީތަކުން އެ ދުންތަރި ދެކެފި. އެ ތަރި ދުނިޔެއާ ދިމާއަށް އެ އަންނަނީ، އެ އަންނަ ބާރުމިނުގައި އައިސް އަހަރެމެންގެ ބިމުގައި ޖެހުމުން ބިމުގެ ވެލިފުކެއް ވެސް ފެންނަން ނޯންނާނެހާ ބާރަށް."
ރޫޕްވަތީ ރޯ ވައްތަރު ޖައްސައިލިއެވެ.
"އެހެން ނުވާނެ. ތިޔަ ހަދަނީ ދޮގު. ތިޔަ އުޅެނީ އަހަރެން ބިރުގަންނަވައިގެން އެ ގޮތުން އަވަހަށް ކައިވެނިކުރަން ވެގެން."
"އަހަރެން ބޭނުމީ ބިރުގަންނަވާކަށް ނޫން. ވިސްނައިދޭން. ބަގުވާން، އުޑުގެ ނިތްކުރީގައި ވަނީ، އަހަރެމެން އެންމެންގެ މަރު ހަމަ އެއް ދުވަހެއްގައި ލިޔުއްވައިފައި. އަހަރެމެން އެންމެން މަރުވާން ޖެހޭ އިރު ރޮމުން ބިރުން ވެސް ޖެހޭނީ މަރުވާން. އަދި ހެނމުން ކުޅެމުން ވެސް ޖެހޭނީ މަރުވާން. ވީއިރު އަހަރެމެން ދެ މީހުން އެކެއް އަނެކެއްގެ އަތުގެ ތެރޭގައި އެކަކަށް ވެގެން ތިބެ މަރުނުވާންވީ ކީއްވެގެން."
"ތިޔަ ދައްކަނީ ކޮންފަދަ ބިރުވެރި ވާހަކައެއް. ޝަންކަރު ކުޑަކޮށް ވެސް ބިރެއް ނުގަނޭތަ؟"
"ރޫޕާގެ ލޯބީގެ ހިޔާ ނުލިބުނު ނަމަ ބިރުގަތީސް ކަން ނޭނގެ. ބަލަ ހަނދާން ނެތުނީތަ. ޚުދު ރޫޕާ ފިލްމު "ލައިލާ މަޖުނޫނު" ގައި ފުރާނަ ދޫކޮށްލީ މަޖުނޫނުގެ މޭގައި ޖެހިގެން އޭނާގެ އަތުތެރޭގައި ހުރެގެން. ތެދުވެރި ލޯތްބޭ ކިޔަނީ އެއަށް."
"ބަލަ އެއީ ފިލްމީ މަރެއްނު. އަންހެނަކު ކިރިޔާ ހޭ ބުއްދި ހުރި ނަމަވެސް، މަޖުނޫނު ކަހަލަ މޮޔައެއްގެ ގާތަށް ގޮސް މަރުވުމުގެ ބަދަލުގައި ވިސްނާނީ ތިމާގެ ފުރާނަ ސަލާމަތްކުރާނެ ގޮތެއް."
"އަޖައިބެއް! ރޫޕާއަށް ކުރިމަތިން މަރު ފެނުމުން، ތިޔަ، ލޯބި ނިކަމެތި ކުރަނީ!"
"ހުއްޓާލާ! ތިޔަ ކިޔަނީ ކޮން ލޯތްބެކޭތަ؟ ޝަންކަރު އަހަރެން ދެކެ ތެދުވެރި ލޯބިވަމުތަ؟"
"އާނ. އަޖުމަ ބަލައިލަބަލަ."
"އެހެންވިއްޔާ، އަހަރެން އެ ދުންތަރިން ސަލާމަތްކޮށްދީ. ފިރިހެނުން ހަދާހައި ލޯބީގެ ވާހަކައެއްގައި އަންހެނުންނަށް ދަސްކޮށްދެނީ ހަމައެކަނި މަރުވާން. ބައެއް ފަހަރަށް އަންހެނުންނަށް ލޯބީގައި ދިރިހުންނަން ވެސް ދަސްކޮށްދީބަލަ! ބައެއް ފަހަރަށް ބުނެބަލަ، އަހަރެން ކަލޭ މަރުވިޔަކަ ނުދޭނަމޭ! ބުނެބަލަ!"
"ބުނާނީ ކިހިނެއް؟ ސަލާމަތްވާނެ އެއްވެސް ތަނެއް އޮތްނަމަ ހަމަ އެ ތަނަކަށް ރޫޕާ ގެންގޮސް ރައްކާކުރީމުސް.!"
"ތަނެއް ނޯންނަންވީ ކީއްވެގެން. މި ބިން ނުލާހިކު ބޮޑު. ކަނޑުތައް އެހައި ތަނަވަސް. ދުންތަރި ޖެހޭނީ ހުރިހައި ތަނެއްގައިތަ؟"
"ރޫޕާ! އެ ނުރައްކާތެރި ތަރި ނުލާހިކު ބޮޑު. ބައްޕަ ބުނުއްވީ، ކިހައި ބޮޑެކޭ ކަމެއް ހަނދާނެއް ވެސް ނެތް. އާނ. ބުނުއްވީ، އެ ސުންޕާ ތަރީގެ ކުރިމަތީގައި އަހަރެމެންގެ މުޅި މި ބިމާއި ކަނޑު މަދިރިއެކޭ އެއްގޮތޭ. ސަލާމަތްވާނެ އެއްވެސް ތަނެއް ނެތްކަން އެ ވާހަކައިން ލަފާކުރެވޭނެ. އަހަރެމެން އެންމެން މަސްހުނިގުޅައަކަށް ވާނެ. އަދި ލަފާކުރެވޭ ގޮތުން އެ މަސްހުނިގުޅަ ވެސް ވާނީ ދުންތަރީގެ އެއް ތަންކޮޅަށް."
ބިރުންގޮސް ރޫޕްވަތީގެ ބޯ ދެ ފަރާތަށް ހަލުވަން ފެށިއެވެ. ނޫން ނޫނެކޭ ބުނާހެންނެވެ. ދެން ހަމަ ރީތިކޮށް ރޯން ފެށިއެވެ.
"ނޫންނޫން. އަހަރެން މަރެއްނުވާނަން. ކާރު ހުއްޓާ. އަހަރެން ކޮންމެވެސް ތާކަށް ގޮސް ފިލާނަން. ކާރު ހުއްޓާ!"
(ނުނިމޭ)