(6 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޕާކިސްތާނުގެ ނުޖޫމީއެއްގެ ހިސާބުން ދައްކާ ގޮތުން އަށާވީސް ޑިސެންބަރު ހަވީރު ފަހެއްޖަހައި ބާރަ މިނެޓުގައި އެ ތަރި ހިތް ހަލުވައިލާ ކަހަލަ އަޑު ފަށްގަނޑަކާ އެކު ބިމުގައި ޖެހޭނެ."
"ތިޔަހެން ވެގެން ނުވާނެ. ތަރިއަކީ އެއްވެފައިވާ ގޭސްތަކެކޭ ލިއެފައި އޮތްވައި އަޅުގަނޑު ކިއިން. އެ ތަރި ބިމުގައި ޖެހުމުން އަޅުގަނޑުމެންގެ ބިމަށް ފެތުރޭނީ ހުސް ދުން. އަޅުގަނޑުމެން ގޭސް މާސްކު އަޅާނީ. އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑު އެޗް.ޖީ. ވޭލްޒުގެ ފޮތެއް ކަމަށްވާ "އިން ދަ ޑޭސް އޮފް ދަ ކޮމެޓް" ކިއިން. އޭގައި ލިޔެފައި ވާ ގޮތުގައި ދުންތަރިއެއް ބިމުގައި ޖެހިގެން ނިދިއަންނަ ކަހަލަ ގޭހެއް ފެތުރިގެން ހުރިހައި އެންމެންނަށް ނިދުނީ. ދެން އެބައިމީހުންނަށް ލޯ ހުޅުވައިލެވުނު އިރު އެބައިމީހުންގެ ކުރިމަތީގައި ވަނީ ކުލަތަކުގެ ދުނިޔެއެއް. ވީ ގޮތަކީ އެބައިމީހުން އެތަކެއް ޤަރުނު ވަންދެން ނިދައިފައި ތިބީ. އެހައިތަނަށް އައި އިރު ދުނިޔެއަށް ވަނީ އައު އާދަކާދައާއި އައު މެޝިނަރީއާއި އައު ސައިންސީ އިންޤިލާބު އައިސްފައި."
"ދަރިފުޅާ! ތިޔަ ހުރިހައި އެއްޗަކީ ވެސް ވާހަކަ. 1664 މޭ 19 ގައި ފަލަކިއްޔާތުގެ މާހިރުން ޖުޕިޓަރުން ރަތް ލައްގަނޑެއް ދުށް. އެ ޒަމާނުގައި އެ ރަތް ލައްގަނޑަކީ ކޮން އެއްޗެއް ކަމެއް އެކަކަށް ވެސް ނުވިސްނުނު. އެކަމަކު މިއަދު އެންމެ މި ޒަމާނުގެ ސައިންސީ އާލާތުގެ ޒަރީއާއިން އެނގުނު ގޮތުގައި އެއީ ސަތާރަ ވަނަ ގަރުނުގައި ޖުޕިޓަރުގައި ޖެހުނު ދުންތަރިއެއް. އެ ތަރި ޖެހުނުލެއް ބާރުކަމުން ޖުޕިޓަރުގެ ސަތަހައިގެ ތެރެއަށް އަބަދަށް ޓަކައި ވަދެގެން ދިޔައީ."
"އެހެންވީ އިރު ތިޔަ ކަމުގައި މާބޮޑަށް ހާސްވާނެ ތަނެއް ނެތެއް ނޫންތޯ. ތިޔަ ދުންތަރި ބިމުގެ ކޮންމެވެސް އެއްބައެއްގައި ޖެހިފައި އެބަޔަކަށް ވަދެދާނެ ނޫންތޯ؟ އަދި ހަލާކުވާނީ ބިމުގެ ކޮންމެވެސް އެއް ބައެއް ނޫންތޯ. ބިމުގެ ބާކީ ދެން އޮތް ބައަށް ގެއްލުމެއް ނުލިބޭނެ ނޫންތޯ؟"
"ޝަންކަރު! ދަރިފުޅަށް ވިސްނައިދޭނީ ކިހިނެއް؟ ޖުޕިޓަރު އަހަރެމެންގެ ބިމަށްވުރެ ތޭރަ ސަތޭކަ ގުނަ ބޮޑު. އަދި އެ ދުންތަރި ހަތް ހާސް މޭލު ފުޅާވެފައި ތިރީސް ހާސް މޭލު ދިގު. އަހަރެމެންގެ ބިމާ ދިމާއަށް އެހައި ބޮޑު ތަރިއެއް އަތުވެއްޖެ ނަމަ އެ ތަރީގެ ކުރިމަތީގައި އަހަރެމެންގެ ދުނިޔެ ކިހައި ކުޑަވާނެކަން ލަފާކޮށްލަބަލަ. ހީވާނީ މަދިރިއެއް އަތްތިލައިގެ ދަށުވާހެން. ހަމަ އެ ގޮތަށް އަހަރެމެން ވެސް ފިސްވެގެން ހިނގައިދާނެ. އަދި މި ބިން ގުނައި އަދަދު ނުކުރެވޭހައި ގިނަ އެތިކޮޅުތަކަކަށްވެ ކަރުދާސް ކޮޅުތަކެއްހެން ބުރަބުރައިގެން ހިނގައިދާނެ."
"މައި ގޯޑް! ބައްޕާ! ބައްޕަ އަޅުގަނޑު މުޅިން ބިރުގަންނަވައި ލައްވައިފީމު!"
"ބައްޕަ މި ކުޑަކުދީން ބިރުގަންނަވައިގެން ނިންދަވާ ކަހަލަ ވާހަކައެއް ކިޔައިދެނީއެއް ނޫން. މިއީ އަހަރެމެންގެ ކުރިމައްޗަށް ނައިސް ނުދާނެ ތެދެއް. އެހެންވެ ދަރިފުޅަށް މި ވިސްނައިދެނީ ދަރިފުޅުގެ މުށުތެރޭގައި އޮތް ދިރިއުޅުން ހަމައެކަނި ދަރިފުޅުގެ އުފަލަށް ޓަކައި ހޭދަކުރާށޭ. އަވަހަށް ކައިވެނިކުރާށޭ."
ޝަންކަރު، ފަހަތް ބަލަން ހުރި ލޯގަނޑުން، ފަހަތުން އަންނަ ކާރަށް ބަލައިލިއެވެ. އެ ކާރުން ރޫޕްވަތީގެ ރީތި ހަނދުވަރު ފާއްދައިލައިފައި ވެއެވެ. ކާލީދާސްގެ ޅެން ކަމުގައިވާ މި ދުނިޔޭގައި ވަނީ މަހެފިލުގެ މަސްތެވެ. ތާޖް މަހަލުގެ ރީތި ކަމެވެ. އަދި ރޫޕްވަތީގެ މަސްތުކުރުވަނިވި ޒުވާންކަމެވެ. މި ދުނިޔެ ސިކުންތެއްގެ ތެރޭގައި ފަނާވެގެންނެއް ނުދާނެއެވެ. މިއަދާ ހަމައަށް އެއްވެސް އުފެއްދުންތެރިއަކު އޭނާގެ އުފެއްދުމުގެ މޫނު ނަގައިލައިފައެއް ނުވެއެވެ. ވީއިރު ކަލާނގެ ދުނިޔޭގެ ރީތިކަން މި ގޮތަށް ނޮޅައިލައިފައި އެއްލައެއްނުލާނެއެވެ.
ޝަންކަރުގެ ހިތެއް ޔަޤީނެއް ނުކުރިއެވެ. އެކަމަކު އޭނާގެ ސިކުނޑި، ބައްޕަގެ ތަޖުރިބާ ފަހަރެއްގައިވެސް ދޮގެއް ނުހަދާނެ ކަމަށް ނިންމިއެވެ. އޭނާ ފޮރިން މިނިސްޓަރުގެ ގޭގެ ގޯތި ތެރެއަށް ވަދެފައި ކާރު މަޑުކޮއްލި އެވެ. ހިންމަތު ރާއޯ ކާރުން ފޭބުމުން ހަތިޔާރު އެޅި ސިފައިން ސަމާލުވިއެވެ. ސެކެޓްރީ އޭނާއާ އެކުގައި ބޮޑުކޮޓަރިއާ ހަމައަށް ދިޔައެވެ. އެ ތާނގައި އަރާމު ސޯފާގައި ޚާރިޖީ ވަޒީރާއި ބޮޑު ހަތަރު ޤައުމުގެ ސަފީރުން ތިއްބެވިއެވެ. އެ ބޭފުޅުން ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައި ބިޔަރާއި ވިސްކީއާއި ޝެންޕޭނާއި އެހެނިހެން ތަކެތި ހިއްޕަވަމުން ގެންދަވައެވެ. ޚާރިޖީ ވަޒީރު ބޮޑެތި ޤައުމުތަކުގެ ސަފީރުންނަށް ހިންމަތު ރާއޯ ތައާރަފުކޮށްދެއްވިއެވެ. އޭގެފަހުގައި އޭނާއަށް ވިދާޅުވިއެވެ.
"ހިންމަތު ރާއޯ ފޯނު ނުކުރެއްވި ނަމަވެސް މި ތަނަށް ދުރުވުމުގެ އުނދަގޫ ޖެއްސުނީސް. މާދަމާ ހެނދުނު ފްރެންކްފާޓުގައި ވަރަށް ކުއްލި ޖަލްސާއެއް އެބަ ބޭއްވޭ. ތަރައްގީ ވެފައި ވާ ހުރިހާ ގައުމެއްގެ ތަޖުރިބާކާރު އަދި ދުނިޔެ އަށް މަޝްހޫރު ސައިންސުވެރީންނާއި ފަލަކިއްޔާތުގެ މާހިރުން މި ޖަލްސާގައި ބައިވެރިވާނެ. އިންޑިޔާގެ ފަރާތުން ދުރުވާނީ ހިންމަތު ރާއޯ. އެ ދަތުރަށް ޓަކައި މަތިންދާ ބޯޓެއް މިހާރު ވަނީ ޗާޓަރު ކުރެވިފައި. މި ތަނުން ފުރުން އޮންނާނީ މިރޭ ބަރާބަރު އެކެއް ޖަހާ އިރު."
ހިންމަތު ރާއޯ ހަމަޖެހުމުގެ ނޭވާއެއް ލައިފައި ދެންނެވިއެވެ.
"ތީގެ މާނައަކީ ހުރިހައި ގައުމެއްގެ އޮބްޒަވޭޓްރީން ވެސް އެ ދުންތަރި ފެނިއްޖެޔޭ ތޯ؟"
"ލައްބަ، މި ހުރިހައި ކަމެއް ވެސް މި ކުރެވެނީ އެ ކަމާ ގުޅިގެން."
"އެކަމަކު މި ޖަލްސާގެ ކުރިން އަޅުގަނޑުމެން ވަރަށް މުހިންމު ފިޔަވަޅެއް އެބަ އަޅަންޖެހޭ. މަނިކުފާނު ނިކަން މި ނޫސް ވިދާޅުވެބައްލަވަ."
އޭނާ އެ ނޫސް ފައިލުން ނަގައިފައި އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ބޭއްވިއެވެ. އެ ބޭފުޅުން ފަހަރަކު ބޭފުޅަކު، ދުނިޔެއަށް މަޝްހޫރު ނުޖޫމީ ޚޫރްޝީދު ބަލްގުރާމީގެ ބަޔާން ނޫހުގައި ޝާއިޢު ކުރެވިފައިވާ ބައި، ފަރުވާތެރި ކަމާ އެކު ވިދާޅުވާން ފެށްޓެވިއެވެ. އެއް ސަފީރަކު ވިދާޅުވިއެވެ.
"އަޖައިބެއް. ފަލަކިއްޔާތުގެ މާހިރުންނާއި ސައިންސީ އާލާތުގެ ކުރިން ނުޖޫމީގެ ސިކުނޑި ބުނެދީފި. މި މީހާ އަޅުގަނޑުމެންނަށް ވުރެ އެއްދުވަސް ކުރިން އޭނާގެ ޢިލްމުގެ ލޮލުން ދުންތަރި ދެކެފި."
ހިންމަތު ރާއޯ ދެންނެވިއެވެ. "އަޅުގަނޑު ދަންނަވަން މިއައީ މާދަމާ ހެނދުނު ޕާކިސްތާނުގައި ނެރެވޭ ހުރިހައި ނޫހެއް ސެންސަރު ކުރަންވާނެއޭ. އެއީ ޕުރޮފެސަރު ޚޫރްޝީދު ބަލްގުރާމީގެ އިތުރު ބަޔާނެއް ޝާއިޢުވިޔަ ނުދިނުމަށް ޓަކައި."
އެތަނުން ސަފީރެއް ވިދާޅުވިއެވެ. "އެހެންވެއްޖެއްޔާ މިހެން މި ހަދަނީ ކޮންމެވެސް ނުރައްކަލަކާ ހުރެ ކަން ޕާކިސްތާނު ސަރުކާރުގައި ޖެހޭނީ ދަންނަވަން. އެކަމަކު އަދި އަޅުގަނޑުމެން ބޭނުމީ މި ސިއްރު ދެތިން ގައުމަކާ ހަމައިގައި ހިފަހައްޓައިފައި ބާއްވަން."
"އެކަމަކު ޕާކިސްތާނުގެ ސަރުކާރަށާއި އެ ތާނގެ ރައްޔިތުންނަށް މި ސިއްރު ފާޅުވެދާނެ. އެ ނުޖޫމީގެ ދޫ ބަންދުވެފައެއް ނޯންނާނެ."
ކޮންމެ ބޭފުޅެއް ވެސް އެ ބޭފުޅެއްގެ ރާތަށްޓަށް ގެނބިވަޑައިގެން އިންނަވައި ވިސްނަވަން ފެށްޓެވިއެވެ. އެއް ބޭފުޅަކު ވިދާޅުވިއެވެ.
"އޭނާގެ ދޫ ޖެހޭނީ ބަންދުކުރަން. އަޅުގަނޑުމެން ހަމަ މިހާރު އަޅުގަނޑުމެންގެ ސަރުކާރާ ގުޅާނީ. އަދި ދަންނަވާނީ މި ޖަލްސާގައި ނުޖޫމީ ޢިލްމުގެ މާހިރު ޕުރޮފެސަރު ޚޫރްޝީދު ބަލްގުރާމީ ވެސް ބައިވެރިވުމަށް ދަޢުވަތު ދެއްވާށޭ."
ދެ ވަނަ ސަފީރު ދަތްދޮޅި ކައްސަވައިލައްވަމުން ވިދާޅުވިއެވެ.
"އާދެ. ރަނގަޅު އައިޑިޔާއެއް. ތިޔަ ގޮތުން އޭނާ ޖަލްސާގައި ބައިވެރިވެގެން އުޅޭހައި ދުވަހަކު އޭނާއަށް ނޫސްވެރިންނަކަށް ބަޔާނެއް ނުދެވޭނެ."
"ނޫން." އެއް ބޭފުޅަކު ދެކޮޅުހެއްދެވިއެވެ. "އޭނާ އެނބުރި ގައުމަށް ދިއުމާ އެކު އޭނާގެ ސަރުކާރަށް މި ސިއްރު ޖަލްސާގެ ބާވަތާއި ބޭނުން އަންގާނެ."
"އޭނާ އެނބުރި ދިޔަދޭން އުޅެނީ ކާކު؟"
ހުރިހައި ބޭފުޅުން ސިހިވަޑައިގެންފައި އެ ސަފީރާ ދިމާއަށް ބައްލަވަން ފަށްޓަވައިފިއެވެ. އެ ސަފީރު ވިދާޅުވިއެވެ.
"މުޅި ދުނިޔޭގެ އެންމެންނަށް އަދި ރަނގަޅުވާނީ ވާން އުޅޭ ގިޔާމަތުގެ ޚަބަރު އެބައިމީހުންނަށް ނުލިބުނިއްޔާ. އެއީ ގާނޫނާއި ޑިސިޕްލިން ގާއިމުވެފައި އޮތުމަށް ޓަކައި. ހުރިހައި އިންސާނުންގެ ލާބައަށް ޓަކައި. އަޅުގަނޑުމެން އެންމެ ނުޖޫމީއަކު ވަގަށްނަގައި ގިޔާމަތާ ހަމައަށް ބަންދުގައި ބެހެއްޓިޔަކަސް އެއީކީ އަނިޔާއަކަށް ނުވާނެ."
"އާދެ. އެއީ އަނިޔާއަކަށް ނުވާނެ." ހުރިހައި ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.
ހިންމަތު ރާއޯ އަމިއްލަ ނަފުސާ މެދު ވިސްނައިލިއެވެ. އޭނާ އަނެއްކާ ކުށެއްކުރުމުގައި ބައިވެރިވަނީކީ ނޫން ބާވައެވެ. އޭނާގެ ހިތް ބުންޏެވެ. "ނޫން. ޚުދު އަހަރެން އެއްވެސް މީހަކު ވަގަށް ނަގާކަށް ނޫޅެން. އެކަމުގެ ފާފަ އޮންނާނީ އެ ކަން ކުރި މީހެއްގެ ބޮލުގައި..."
ރޫޕްވަތީ އަކީ ވަރަށް ބޮޑު އާއިލާއެއްގެ ޚަރަދުބަރަދު ބަލަހައްޓާ ކުއްޖެކެވެ. އޭނާގެ ކާރު ފައްކާ ގެއަށް ވަންނަ ހިނދު ހަމަ ހުރިހައި ގާތް ތިމާގެ މީހުން ޚުޝާމަދުކުރުމަށް ޓަކައި އޭނާއާ ބައްދަލުކޮށް ކަމޭހިތައި ހަދައެވެ.
ޕޯޗުން ކާރުގެ ބަރުގޮނުގެ އަޑު ހަމަ އިވުމާ އެކުގައި އޭނާގެ ބޭބެއާއި ފަހަރި ދުވަމުން އައެވެ. ބޭބެ އަވަސް އަވަހަށް ދޮރުފަތް ހުޅުވައިލިއެވެ. އޭނާ ކާރުން ފޭބުމާ އެކު ފަހަރި ހެޔޮ ދުއާ ކުރިއެވެ. އެހެނީ ފަހަރީގެ ކުޑަ ދަރިފުޅުގެ އުފަން ދުވަހަށް ޓަކައި ގަންނަންވީ އެއްޗެއްސާއި ކުރަންވީ ޚަރަދުތަކުގެ ލިސްޓު އޮތީ ހުށައަޅަންޖެހިފައެވެ. އެކަމަކު ރޫޕްވަތީ އެ މީހުންނާ ދިމާއަށް ރުޅިވެރިކަމާ އެކު ބަލަމުން ކުރިއަށް ދިޔައެވެ.
ކުރިމަތީގައި ގޭގެ ބޭރު ދޮރުމަތީގައި ބޮޑުބޭބެ ދަތްޕިލާ ދިލުވައިގެން ހުއްޓެވެ. ކޮންމެ ދުވަހަކު ހަވީރު އޭނާއަށް ކާޑުގެ ގޮތުގައި ވިލާތު ވިސްކީ ފުޅިއެއް ލިބެއެވެ. އޭނާ އޭނާގެ ބޮޑުބޭބެކޮއްކޮއަށް ތާރީފުގެ ކޮންމެވެސް ޅެމެއް ކިޔަން ކަމަށް ހީކުރިއެވެ. އެކަމަކު އޭގެ ކުރިން ކޮއްކޮ ކަނިބުރުވަމުން އޭނާގެ ކުރިމަތިންލައިފައި ހިނގައްޖެއެވެ.
ބޮޑުކޮޓަރީގައި އޭނާގެ ދައްތައާއި ޅިޔަނު އިސްތިގުބާލުގައި ތިއްބެވެ. ދައްތަ ކުރިއަށް ޖެހިލައިފައި ހިނިތުންވަމުން ބުންޏެވެ.
"މިހާރު ވެސް ޅިޔަނު ގާތު މި ދައްކަނީ ރޫޕްވަތީގެ ވާހަކަ. ދައްތަ މި ބުނަނީ ރޫޕްވަތީގެ އެކްޓިންގ ނުލާހިކު ވޮންޑަރފުލޭ. ރޫޕްވަތީގެ އެއްވެސް ފިލްމެއް ގޯލްޑަން ޖުބްލީ..."
ރޫޕްވަތީ ދައްތައާ ދިމާއަށް ބަލައި ވެސް ނުލައި ކުރިއަށް ދިޔައެވެ. ޅިޔަނު ފަހަތުން ދަމުން ބުންޏެވެ.
"ޅިޔަންބެ ދައްތަ ގާތު މި ބުނީ ރޫޕްވަތީ އަކީ ހެދުމުގެ ރާނީ އޭ. ކޮންމެ ކަހަލަ ހެދުމަކަސް އެ ހެދުމެއް ރޫޕްވަތީއާ ނުލާހިކު ގުޅެއޭ. އަސްލުގައި ފިލްމު ބަލާ މީހުން... ރޫޕްވަތީގެ ރީތިކަމުގެ ސަބަބުން..."
ވާހަކަ ނިމުމުގެ ކުރިން ނިދާ ކޮޓަރީގެ ދޮރު، އޭނާގެ ކުރިމަތީގައި ޕަސްލައިފައި ބަންދުވެއްޖެއެވެ. ރޫޕްވަތީ އެތެރެއިން ދޮރު ތަޅުލުމަށް ފަހު ހަލުއިކަމާ އެކު ގޮސް، އޭނާގެ މަޑު ތަންމައްޗަށް، ވަރުބަލިވެފައިވާ މީހެއް ފަދައިން ވެއްޓިގަތެވެ. އޭނާ ރާވާ އެއްވެސް ކަމަކާ މެދު ކުޑަކޮށް ވެސް ނާކާމިޔާބީގެ ދަޅައެއް އޭނާއަށް ފެނިއްޖެނަމަ ރުޅި އަންނަ ގޮތްވެއެވެ.
އޭނާ މި ވަގުތު ރުޅި އައިސްފައި ވަނީ ޝަންކަރު ރާއޯ ދެކެއެވެ. ޝަންކަރު ގަދަހަދަނީ ސައުވީސް ގަޑި އިރުގެ ތެރޭގައި ކައިވެނިކުރަން ވެގެންނެވެ. ފިލްމު ބަލާ އެތައް ލައްކަ އެތައް ކުރޯޑު ޒުވާނުންނާއި މުސްކުޅިން، އޭނާއަކީ ހުސްހަށިބައި ހިރޮއިނެއް ކަމަށް ވިސްނައި މާނޭވާލައެވެ. މާނޭވާލުމުން ވިޔަފާރި ކުރިއަށްދެއެވެ. އެކަމަކު އެތަކެއް ލައްކަ ބައެއްގެ މާނޭވާ އަތުލައިގަތުމުން ފިލްމުތައް ފުލޮޕުވާން ފަށައިފާނެއެވެ. އެހެންކަމުން އޭނާއަށް ޝަންކަރަށް ދެއްކޭނީ ކައިވެނީގެ ހުވަފެނެވެ. ކައިވެންޏެއް ނުކުރެވޭނެ އެވެ.
ޝަންކަރު ކަހަލަ ކިތައް ކިތައް މިލިއަނަރު އަދި ބިލިއަނަރު ޒުވާނުންނާއި މުސްކުޅީން ކައިވެންޏަށް ޓަކައި އޭނާގެ ފައިބުޑުގައި ނިތްތަޅާ ހެއްޔެވެ. އޭގެތެރޭގައި ލޯބީގެ ކުޅިގަނޑު ކުޅެވޭ ކިތައް މީހުން ވޭހެއްޔެވެ. ޝަންކަރާ ކައިވެނިކުރަން އޭނާ އެއްބަސްވީ އެ މުއްސަނދި ޒުވާނާއަށް ފިލްމު ހެދުމާ ބެހޭ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތީމައެވެ. އޭނާ ރޫޕްވަތީ ދެކެ ލޯބިވެގެން ގޮސް ފިލްމު އުފެއްދުމަށް ފައިސާ ޚަރަދު ކުރުމަށް ބޭނުންވީ އެވެ. ވާހަކަ ދެކެވި ހަމަޖެހުނީ ފިލްމު ހެދުމުގެ ހުރިހައި ޒިންމާއެއް ރޫޕްވަތީގެ މައްޗަށް އޮންނަ ގޮތަށެވެ. ޝަންކަރުގެ ފައިސާ ރޫޕްވަތީގެ އަތުން ފިލްމަށް ޓަކައި ޚަރަދު ކުރެވެމުންދާނެއެވެ. ފިލްމުގެ ވިޔަފާރި ވެސް ހިނގަމުންދާނީ ރޫޕްވަތީގެ ނަމުގައި އޭނާގެ ސޮއިންނެވެ. މި ކަހަލަ މޮޔަ ލޯބިވެރިއެއް މަޅީގައި މި ޖެހުނީ ވަރަށް ގިނަ ދުވަހަށް ފަހުގައެވެ.
އޭނާއަށް ހިތްވަރުދިނުމަށް ޓަކައި ރޫޕްވަތީ ބުނެފައިވަނީ، އޭނާ ރޫޕްވަތީއަށް އެހައި އިތުބާރު ނުކުރަންޏާ ފިލްމު ހަމަ ނިމުމާ އެކު އޭނާއާ ކައިވެނިކުރާނެކަމަށެވެ. އެކަމަކު އެ މޮޔަ ކަލޭގެ މިހާރު މާ ބޮޑަށް ހުޝިޔާރުވާންވެގެން އުޅެނީއެވެ. ހިއްސާލުމުގެ ކުރިން ސައުވީސް ގަޑި އިރުގެ ތެރޭގައި ކައިވެނިކުރަން ގަދަހަދަނީ އެވެ. އޭނާ ރުޅިއައިސްގެން ތެދުވެ އިށީނދެއްޖެއެވެ.
"ކޮންތާކު ކަމީނާ އެއް! ކައިވެނި އަވަސްކުރަން އުޅޭވަރުން ހީވަނީ ގިޔާމަތްވާން އުޅެނީހެން... ހުނ!"
އޭނާއަށް އިރުއިރު ކޮޅާ ޝަންކަރު ދެކެ ރުޅިއާދެވެއެވެ. ފިލްމުގެ ބަޖެޓުގެ އަދަދަކީ އެއް ކުރޯޑު ވިހި ލައްކަ ރުފިޔާ އެވެ. ޝަންކަރު އަދި މިހާތަނަށް ދިނީ ބާރަލައްކަ ރުފިޔާ އެވެ. ފިލްމު ތައްޔާރުކުރަން އޮތީ އެމެރިކާއާއި އިންގުލެންޑާއި ފްރާންސާއި އިޓަލީއާއި ހިންދުސްތާނުގައެވެ. އެހެންކަމުން ބޭރު ގައުމުތަކަށް ގޮސް ލޮކޭޝަން ބަލައި ޝޮޕިންގކުރުމަށް ނުވަ ލައްކަ ރުފިޔާ ޚަރަދުކުރެވިއްޖެއެވެ. މިހާރު ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތީން ރޫޕްވަތީގެ އަތަށް އެއް ކުރޯޑު އަށްލައްކަ ރުފިޔާ އޮތީ ލިބޭންވެފައެވެ. އެކަމަކު ސައުވީސް ގަޑިއިރުގެ ތެރޭގައި ކައިވެނި ކުރުމުގެ އެ ޝަރުޠު؟
މި ފަހަރު އޭނާ ރުޅިގަނޑު ދިރުވައިލިއެވެ. ކުޑަކޮށް ފިނި ސިކުނޑިއަކުން ވިސްނަންފެށިއެވެ. އަހަރެން ވިސްނުންތެރިކަމާ އެކު ކަންތައް ކޮށްފިނަމަ ކައިވެނި ފަސްކުރެވިދާނެއެވެ. އަހަރެން ޝަންކަރު ގާތުގައި ބުނާނީ އޭނާގެ ބައްޕަ ދެ ދުވަހަށް ރަށުން ބޭރަށް ދުރުވާތީ ސައުވީސް ގަޑި އިރުގެ ތެރޭގައި ކައިވެންޏެއް ނުކުރެވޭނެ ކަމުގައެވެ. ދެ ދުވަސް ފަހުން އަހަރެން ބޭބެ ބަލިކަމަށް ހަދާނީއެވެ. ބަލިކަމުގެ ބަހަނާގައި އޭނާ ފަންސަވީސް ދުވަސް ދަމައިގަންނާނީއެވެ. ދެން ނާގުޕޫރުން، ބޮޑުދައިތަ މަރުވެއްޖެ ކަމަށް ޓެލެގުރާމެއް ގެނުވާނީއެވެ. އެއް މަސް ދުވަސް ވަންދެން އެއްވެސް އުފާވެރި މުނާސަބަތެއް ފާހަގަކުރުމެއް ނޯންނާނެއެވެ. ދެން އަހަރެން، މިހާރު ނުނިމި ހުރި ފިލްމުތަކުގެ ޕުރޮޑިއުސަރުންނަށް ދުރު ތާރީޚުތައް ދޭނީއެވެ. ތިން ހަތަރު މަސް ވަންދެން ހަމަ ހުރިހައި ޕުރޮޑިއުސަރުން ހެން ޝަންކަރުގެ ކުރިމަތީގައި ދެ އަތް ޖޯޑުކޮށްގެން އާދޭސްކުރާނެއެވެ. މިހާރު ކައިވެނިކޮށްފި ނަމަ ކިތައް ޕުރޮޑިއުސަރުން އެތަކެއް ކުރޯޑު ރުފިޔާގެ ގެއްލުން އުފުލަން ޖެހޭނެ ހެއްޔެވެ.
(ނުނިމޭ)