އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކުނުގެ ސަރަހައްދީ އޮފީހެއް އައްޑޫސިޓީގައި ގާއިމް ކުރައްވައިގެން ޚިދުމަތް ދެއްވަން ފެއްޓެވުމުން އެސަރަޙައްދުގައި ހިންގާ ސަރުކާރު އޮފީސްތަކުގެ މާލީ ހިންގުން ހަރުދަނާ ވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް އޮޑިޓަރޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މަޤުޞަދަކަށްވީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ އޮފީސްތައް އޮޑިޓް ކުރުން. މިދިޔަ ތިން އަހަރުގެ ދުވަހުގެތެރޭގައި އަޅުގަނޑުމެން ސްކޫލް، ހޮސްޕިޓަލް، އަދި ސަރުކާރު ބަޖެޓުން ފައިސާ ދޫކޮށްފައިވާ ތަންތަން މި އޮޑިޓްކުރީ. މި އޮޑިޓްތަކުގެ ސަބަބުން އެތަންތަނުގެ މާލީ ހިންގުން ހަރުދަނާ ވެގެން ގޮސްފައިވާ ކަމަށް މިހާރު ކުރަމުންދާ އޮޑިޓުތަކުން ވެސް ފާހަގަވެގެންދޭ،" އެސިސްޓެންޓް އޮޑިޓަރޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވިއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތުގެ މިހާރުގެ ވިސްނުންފުޅާއި ސިޔާސަތަކީ ދެކުނުގައިހުރި ސަރުކާރުގެ ކުންފުނިތަކުގެ ވިޔަފާރި އޮޑިޓު ކުރެއްވުން ކަމަށެވެ. " އޮޑިޓަރ ޖެނެރަލްގެ މިހާރުގެ ސިޔާސަތަކީ އަދި ވިސްނުންފުޅަކީ ދެކުނުގައިހުރި ސަރުކާރުގެ ކުންފުނިތަކުގެ ފިޔަފާރިތައް އޮޑިޓު ކުރެއްވުން. އޭގެ މަޤުޞަދަކީ އެތަންތަނުގެ މާލީ ހިންގުން ހަރުދަނާ ކުރެއްވުން،" އޭނާ ވިދާޅުވިއެވެ.
ނިޔާޒީ ވިދާޅުވީ ކުރިއަށްއޮތް އަހަރުތެރޭގައި ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯ އާއި މިފްކޯ ކަހަލަ ދައުލަތުގެ ވިޔަފާރި ކުންފުނިތައް އޮޑިޓް ކުރެވިގެންދާނެ ކަމަށެވެ. އޮޑިޓަރޖެނެރަލް މިހާރުވަނީ ފެނަކައާއި ހުޅުދޫ-މީދޫގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގެ އޮޕަރޭޝަންސްތައް ބައްލަވާލައްވައިފައެވެ. އައްޑުއާއި ފުވައްމުލަކާއި ދެކުނުގެ އެހެން ހިސާބުތަކުގައިވާ ފެނަކައިގެ ވިޔާފާރިތައް މިއަހަރު އޮޑިޓް ކުރެވިގެންދާނެ ކަމަށް ވެސް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓަރޖެނެރަލްގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި ޤާއިމް ކުރެއްވީ 2015 ވަނައަހަރު ޑިސެމްބަރު މަހުގައެވެ.