އިނާޔަތް ލިބިދޭ އިސްލާޙު ހުށަނާޅަން މުސްތަފާ ނިންމަވައިފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ޚާއްސަ އިނާޔަތް ލިބިދޭ  އިސްލާހުތަކެއް އިމްތިޔާޒު ތަކާއި ބާރުތަކަބޭ ޤާނޫނަށް އިސްލާޙު ހުށަނާޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ އެގޮތަށް ނިންމެވީ ޕާޓީން އެކަމަށް ތާއީދު ނުކުރުމުންނާއި އެއީ އެއީ އެހައި ރަނގަޅު ބިލެއް ނުވަތަ އިސްލާހެއް ކަމަށް ރައްޔިތުން ޤަބޫލު ނުކުރާތީ ކަމަށެވެ. "އަޅުގަނޑު ގަސްތުކޮށްފިން އެ ބިލް ހުށަނާޅަން. އެއީ ރައްޔިތުންގެ އިޙުސާސްތައް މާ ރަނގަޅެއް ނޫން އެބިލާ ދޭތެރޭ. ބައެއް މީހުންނަށް ހީވަނީ ވަރަށްބޮޑު ކަމެކޭ އަޅުގަނޑު ހުށަހަޅައިގެން މިއުޅެނީ. އެކަމަކު އެއީ މާބޮޑު ކަމެއްނޫން. ހަމައެކަނި ވާގޮތަކީ ދަތުރުފަތުރު ކުރުމުގައި ތަންކޮޅެއް ފަސޭހައީ. ދެން އެކަން ވެސް ރައްޔިތުން ނުޤަބޫލިއްޔާ ކުރާކަށް ނުވާނެތާ،" މުސްތަފާ ވިދާޅުވިއެވެ.

އިސްލާޙު ހުށަނާޅަން މުސްތަފާ ނިންމެވި މައިގަނޑު ސަބަބަކީ އޭނާ ނިސްބަތްވާ އެމްޑީޕީން އެކަމާ ނުޤަބޫލުވުމެވެ. "ޕާޓީން ނުޤަބޫލު އެއްޗެއް ލައިގެން ކަމަކު ނުދާނެ ނޫންތޯ. ވީމާ އަޅުގަނޑު ނުލާނަން އެ ބިލެއް،" އޭނާ ވިދާޅުވިއެވެ. ބިލް ހުށަހަޅަން އޮތީ މާދަމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވައިފައިވަނީ މިއަދުގެ ޖަލްސާގައެވެ.

މި އިސްލާޙަށް މުސްތަފާ ހުށަހަޅުއްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދަތުރުފަތުރު ކުރުމުގައި އެއާޕޯޓުން ވީއައިޕީ ޚިދުމަތް ދެއްވުމަށެވެ. މިފަދަ އިސްލާޙެއް ހުށަހެޅުއްވީ މެމްބަރުކަން ކުރައްވައިފައިވާ ބޭފުޅުންނަށް މުތަމަޢުގައި އަބުރުވެރި ޝަރަފުވެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވުމުގެ މަޤުސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.