ޝިމާ ގެއްލުނު ޙާދިސާގެ މަޢުލޫމާތު ހާމަކުރަން ފުލުހުން ތައްޔާރުވެއްޖެ

ހައްދުންމަތީ ސިކްސް ސެންސަސް މޯލްޑިވްސް ރިސޯޓު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލި ޙާދިސާގައި ގެއްލި ފައިވާ އާމިނަތު ޝިމާ ނާފިޒާ ބެހޭ  ތަޙުޤީގަށްފަހު އެކަމާބެހޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ޙިއްސާ ކުރުމަށް ފުލުހުން ތައްޔާރު ވެއްޖެއެވެ.

ޝިމާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރާނީ މިއަދު 2:30 ގައި އިސްކަންދަރު ކޮށީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި މަޢުލޫތު ހާމަ ކުރައްވާނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް އެވެ.

ޝިމާ ގޮވައިގެން ދަތުރުކުރި ޑިންގީ ބަންޑުންވެފައިވަނީ މިއަހަރު ފެބުރުއަރީމަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ ގޮވައިގެން ދަތުރުކުރި ފަޒީލް ވަނީ ޑިންގީ ބަންޑުން ވުމުން ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރައިފައެވެ.

ޝިމާ ހޯދުމަށް ފުލުހުންނާއި ސިފައިން ވަނީ ޑިންގީ ބަންޑުވި ސަރަޙައްދު ވަރަށް ބޮޑަށް ބަލައިފައެވެ. އޭނާ ހޯދުގެ މަސައްކަތުގައި ވަނީ ޑައިވިން ރޮބަރޓް ވެސް ބޭނުން ކޮށްފައެވެ. ކައިރި ފަޅުރަށްރަށާއި ވައިގެ މަގުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އަދި އޭނާ ފެނިފައެއް ނުވެއެވެ.

ޝިމާ ގޮވައިގެން ދަތުރުކުރި ފަޒީލާއި އެހެން ދެ މީހަކު ޝިމާގެ އަންހެން ކޮއްކޮ އަކު ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ފުލުހުން ވަނީ ހުއްޓުވައިފައެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ވެސް ވަނީ ބަލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.