މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެ އޭރިޔާގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި ވަނީ މާލޭތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯބަލައި ވީއެންމެ އަވަހަކަށް އާއްމު ހާލަތަށް ގެނައުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެއޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ އިސްމާޢީލް ފަރުވީން އާއި މާލޭ އޭރިޔާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.