އައްޑުއަށް ބޯކޮށް ވާރޭ ވެހެނީ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން  މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ އެންމެ ގެއަކުން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ ފެންވަދެގެން މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ މަރަދޫފޭދޫ ރޯޒްމީޑް ކިޔާ ގެއަކުން ކަމަށެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމަކުން ވަނީ އެގެއަށް ގޮސް އެހީތެރިކަން ފޯރުދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އެކި ހިސާބު ތަކުގެ ޙާލަތު ދެނެގަތުމަށް ސިޓީކައުންސިލުން ގެންދަނީ މަސައްކަތް ކުރައްވަމުން ކަމަށް ވެސް ޑެޕިޔުޓީ މޭޔަރ ވިދާޅުވިއެވެ. އަވަށްތަކުގައި ފެންބޮޑުވެ ގެއްލުންވެ އެކަހަލަ ކަމެއް ހިނގާތޯ އަވަށްތަކުގެ އޮފީސްތަކުން ބަލަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ އިތުރަށް ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިހާރު ދާނީ ވިއްސާރަވެ ވާރޭ ވެހެމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި، ހޫނުގަދަ ވުމުގެ ސަބަބުން މާލެއާއި ރަށްރަށުގައި އިއްޔެ މެންދުރު ނަމާދަށްފަހު ވަނީ އިސްތިސްޤާ ނަމާދު ކޮށްފައެވެ. ނަމާދަށްފަހު ރެއިން ފެށިގެން ގިނަ ރަށްރަށަށް ވާރޭވެހެމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.