މިޒަމާނުގައި ޕިކްނިކް ދަތުރުތަކުގައި ދާއިރު ކެއިންބުއިމަށްޓަކައި އާންމުގޮތެއްގައި ދިވެހިން ބޭނުންކޮށްއުޅެނީ ޕްލާސްޓިކު ތަށްޓެވެ. ޕްލާސްޓިކު ތަށްޓަކީ މުށި ތަށްޓައްވުރެ ހިފައި ގެންގުޅުމަށް ލުއި އެހާމެ ފަސޭހައެއްޗެކެވެ. އެހެންކަމުން ކުޑަކުދިންނަށް ކާންދިނުމަށްޓަކައިވެސް މުށި ތަށީގެ ބަދަލުގައި އާންމުކޮށް ބޭނުންކޮށްއުޅެނީ ޕްލާސްޓިކު ތަށްޓެވެ. އެހެންނަމަވެސް ދާދިފަހުން ކޮށްފައިވާ ދިރާސާއަކުން އެނގުނުގޮތުގައި ޕްލާސްޓިކު ތަށްޓަކީ ހޫނު އެއްޗެހި ކެއުމަށް ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއްނޫނެވެ.
ވަނަ އަހަރު ތައިވާނުގެ ދިރާސާވެރިންތަކެއް ވަނީ ހޫނުކޮށް ހުންނަ ކާބޯތަކެތި ޕުލާސްޓިކު ތަށީގައި ކެއުމުން އިންސާނާގެ ހަށިގަނޑަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ ބެލުމަށް ދިރާސާއެއް ކޮށްފައެވެ. މިދިރާސާއިން ހާމަވިގޮތުގައި، ހޫނުކޮށް ހުންނަ ކާބޯތަކެތި ޕްލާސްޓިކު ތަށީގައި ކެއުމަކީ އިންސާނާގެ ގުރުދާ (ކިޑްނީ) ގައި ހިލަ އުފެދުމަށް މަގުފަހިކޮށްދޭކަމެކެވެ. ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން ކިޑްނީގައިވާ ހޮޅިތައް ބެދި ކުޑަކަމުދާތަކެތި އުފެއްދުމަށާއި ހަށިގަނޑުން ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް ހުރަސްއެޅެއެވެ. އަދި ބައެއް ހާލަތްތަކުގައި ކިޑްނީގެ މަސައްކަތް އެއްކޮށް ހުއްޓި އިންސާނާގެ ފުރާނައަށްވެސް ނުރައްކާވެއެވެ.
މިދިރާސާ ކުރިއަށް ގެންދިޔައީ ދިރާސާގެ ބައިވެރިން ދެބަޔަކަށް ބަހާލައިގެންނެވެ. އެއްބަޔަކަށް ކެއުމަށްޓަކައި ޕްލާސްޓިކު ތަށި ދިންއިރު އަނެއްބަޔަށް ދީފައިވަނީ މުށި ތަށްޓެވެ. މި ދިރާސާގައި ބައިވެރިންގެ ކުޑަކަމުދާތަކެތި ކެއުމުގެ ކުރިންނާއި ފަހުން ޓެސްޓު ކުރެވުނެވެ. މިގޮތުން ކެއުމަށްފަހު 12 ގަޑީއިރު ވަންދެން ކޮންމެ ދެގަޑީއިރުން އެއްފަހަރު ބައިވެރިންގެ ކުޑަކަމުދާތަކެތި ވަނީ ޓެސްޓުކުރުމަށްޓަކައި ނަގައިފައެވެ. މި ދިރާސާގައި ބައިވެރިންނަށް ކެއުމަށްޓަކައި ދީފައިވަނީ ހޫނު ސޫޕެކެވެ. ޕްލާސްޓިކު ތަށީގައި ކަމުންއައި ބައިވެރިންނަށް ދިރާސާ ފެށިތާ 3 ހަފްތާފަހުން ވަނީ މުށިތަށީގައި ކާންދީފައެވެ. އަދި މުށިތަށީގައި ކަމުން އައި ބައިވެރިންނަށްވަނީ ކެއުމަށްޓަކައި ޕްލާސްޓިކު ތަށިދީފައެވެ. އެއަށްފަހު ބައިވެރިންގެ ކުޑަކަމުދާތަކެތި ވަނީ އަލުން ޓެސްޓު ކޮށްފައެވެ.
މި ދިރާސާގައި ހެދި ކުޑަކަމުދާތަކެތީގެ ޓެސްޓުތަކުގެ ނަތީޖާއިން ހާމަވިގޮތުގައި، ޕުލާސްޓިކު ތަށީގައި ކޭ ބައިވެރިންގެ ކުޑަކަމުދާތަކެތީގައި ޕްލާސްޓިކުގެ ބާވަތެއްކަމުގައިވާ 'މެލަމިން' ހުރި މިންވަރު މުށި ތަށީގައި ކޭ ބައިވެރިންނަށްވުރެ އިތުރެވެ. މިގޮތުން ޕުލާސްޓިކު ތަށީގައި ކޭ ބައިވެރިންގެ ކުޑަކަމުދާތަކެތީގައި 8.35 މައިކްރޯ ގްރާމް މެލަމިން ހުރީއިރު މުށި ތަށީގައި ކޭ ބައިވެރިންގެ ކުޑަކަމުދާތަކެތީގައި ހުރީ އެންމެ 1.3 މައިކްރޯ ގްރާމް މެލަމިންނެވެ.
މި ދިރާސާގެ ދިރާސާވެރިން ވިދާޅުވެފައިވާގޮތުގައި، މާބޮޑަށް ހޫނު ކާތަކެތި ޕްލާސްޓިކު ތަށްޓަށް އެޅުމުން އެ ތަށީގައިވާ މެލަމިން ކާއެއްޗެއްސާ އެކުވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ގިނަ ދުވަސްވެފައިވާ ޕްލާސްޓިކް ތަށީގައި ކެއުމަކީވެސް މެލަމިން ކާއެއްޗެއްސާ އެކުވުމަށް މަގުފަހިކޮށްދޭކަމެކެވެ. އެހެންނަމަވެސް މި ދިރާސާވެރިން ފާހަގަކުރަށްވާފައިވާ ގޮތުގައި ހޫނު ކާތަކެތީގެ ސަބަބުން މެލަމިން ކާއެއްޗެއްސާ އެކުވާ މިންވަރު އެކި ވައްތަރުގެ ޕްލާސްޓިކުގައި ތަފާތުވެއެވެ. އެހެންކަމުން ޕްލާސްޓިކް ތަށީގައިވާ މެލަމިން ކާއެއްޗެއްސާ އެކުވާނެ މިންވަރު ކަނޑައެޅިގެން ދެނެގަތުމަށް މި ދިރާސާވަނީ ނުކުޅެދިފައެވެ.
އެހެންނަމަވެސް ޖަނަވާރު ބޭނުންކޮށްގެން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ހާމަވާގޮތުގައި މެލަމިން އަކީ ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާއެކެވެ. މިގޮތުން 2008 ވަނަ އަހަރު ޗައިނާގައި ކުޑަކުދިންނަށް ހާއްސަ ކިރެއް ކަމުގައިވާ 'ފޯމިއުލާ މިލްކް' އަށް މި ވިހަ މާއްދާ އެޅުމުގެ ސަބަބުން ހަ ކުދިން މަރުވެ 50،000 ކުދިންނަށްވަނީ ކިޑްނީ ގައި ހިލަ އުފެދުމުގެ ސަބަބުން ފަރުވާދޭން ޖެހިފައެވެ.
އެހެންކަމުން މީގެފަހުން ކުޑަކުދިންނަށް ޕްލާސްޓިކް ތަށީގައި ކާންދިނުމުގެ ކުރިންނާއި ޕިކްނިކް ދަތުރުތަކުގައި ގޮސް ޕްލާސްޓިކު ތަށީގައި ހޫނު ނޫޑްލިސް ފަދަ އެއްޗެހި ކެއުމުގެ ކުރިން އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ވިސްނާލައްވާށެވެ.
ދިރާސާ:
ފޮޓޯ:
ލިޔުނީ: އެމް.އެން.ޔޫ ގެ ބެޗްލަރ އޮފް ސައިންސް ގެ ދަރިވަރު ސައުޝަން އަޙްމަދު