އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއިން ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އަދި އިސްރާއީލުގެ އެއްގަމު ސިފައިންގެ ދެ ބްރިގޭޑް ވަނީ ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ރުކުރުވާލާފައެވެ.
އިސްރާއީލުގެ މި ހަރުކަށި ރައްދު އައިސްފައި މިވަނީ ހޯމަ ދުވަހު ޣައްޒާއިން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދިން ރޮކެޓް ހަމަލާއެއްގައި ގެއެއް ހަލާކުވެ ހަތް މީހަކު ޒަޚަމްވެފައި ވަނިކޮށެވެ. އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލައި ގުޅިފައިވާ ބަޔާނެއް ނެރެފައެވެ.
ހަމާސް ގެ ލީޑަރު އިސްމާއީލު ހަނިއްޔާގެ އޮފީސް ވަނީ ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވެފައެވެ. އެހެންނަމަވެސް، ހަނިއްޔާ އެވަގުތު އޮފީހުގައި ނުއުޅުއްވައެވެ.
ޓެލްއަވީވަށް ރޮކެޓް ހަމަލާ އެރިއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެޅެނީ އެމެރިކާއަށް ކުރާ ރަސްމީ ދަތުރެއްގައެވެ. އޭނާގެ ދަތުރު ކުރުކޮށްލާފައި އިސްރާއީލަށް އެނބުރި އައުމުގެ ކުރިން ވޮޝިންގޓަނުގައި ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ "އިސްއީރުން މިކަމާ އަޅާނުލާ ނުއޮންނާނެ. އަހަރެން މިކަމާ އަޅާނުލާ ނުހުންނާނަން." "އަހަރެން ވާހަކަދައްކަމުން ދާއިރުވެސް، އިސްރާއީލުން ދަނީ މި އުދުވާނަށް ގަދަފަދަ ބާރާއެކު ރައްދުދެމުން."
ހޯމަ ދުވަހު ޓެލްއަވީވަށް ދީފައިވާ ރޮކެޓު ހަމަލާއަކީ އާއްމުކޮށް ހަމާސްއިން ބޭނުންކުރާ ވަރަށްވުރެ ދުރުރާސްތާގެ ރޮކެޓު ބޭނުންކޮށްގެން ދީފައިވާ ހަމަލާއެކެވެ.
ރޭގެ ވަގުތެއްގައި ހަމާސްއިން ބުނެފައި ވަނީ މިސްރު މެދުވެރިވެގެން ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަކަށް އިސްރާއީލާއެކު އާދެވިފައިވާ ކަމަށެވެ. ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރްހޫމް މިހެން ވިދާޅުވިފަހުންވެސް ޣައްޒާގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑު އިވިފައި ވެއެވެ.
މީގެ 10 ދުވަސް ކުރިންވެސް ޓެލްއަވީވަށް ރޮކެޓް ހަމަލާތަކެއް އަރާފައި ވެއެވެ. ހަމާސް އިން ބުނެފައި ވަނީ އެއީ އެ ޖަމާއަތުން ދިން ހަމަލާތަކެއް ނޫން ކަމުގައެވެ.