މާލީގެ މެދުތެރޭ އަވަށަކަށް ހަމަލާދީ 115 މީހުން މަރާލައިފި

ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ މާލީގެ މެދުތެރޭގައި އޮންނަ އަވަށަކަށް ހަމަލާދީ މަދުވެގެން 115 މީހުން މަރާލައިފިއެވެ.

ފުލާނީ ދަރިކޮޅުގެ މީހުން އުޅޭ އޮގޮސަގޫ އަވަށަށް ހަމަލާދީފައި ވަނީ ފަތިހުގެ ވަގުތުގައި ކަމަށް ޚަބަރު ލިބެއެވެ.

ކައިރީގައި އޮންނަ ބަންކާސީ އަވަށުގެ މޭޔަރ މައުލާޔަ ގުއިންޑޯ ވިދާޅުވި ގޮތުގައި ހަމަލާދިން މީހުން ތިބީ ޑޮގޯން ދަރިކޮޅުގެ ޝިކާރަވެރިންގެ ހެދުމުގައެވެ. އެމީހުން ހަތިޔާރާއެކު އައިސް ރަށް ވަށާލައި ގަތުލު އާންމު ހިންގީއެވެ.

ކައިރީގައި އޮންނަ އެހެން ރަށެއްކަމުގައިވާ އޮއެންކޯރޯގެ މޭޔަރ ޝައިޚް ހާރޫނަ ސަންކަރޭ ވިދާޅުވި ގޮތުގައި އޮގެސަގޫ އަވަށުން 115 މީހުން މަރުވެފައިވާ ކަން ވަނީ ޔަގީންކުރެވިފައެވެ.

މާލީއަކީ ދީނީ، އަދި ނަސްލީ ހަމަ ނުޖެހުން ބޮޑު ގައުމެކެވެ. ތަފާތު ނަސްލުތަކުގެ މީހުންގެ މެދުގައި ބަދަލުކުރެވޭ ހަމަލާތަކުގައި އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެއެވެ. އެހެންނަމަވެސް، އޮގޮސަގޫއަށް މި ދެވުނު ހަމަލާއަކީ މިފަދަ އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

މި ހަމަލާ ދެވުނު އިރު، ހަމަނުޖެހުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާމެދު ވާހަކަ ދައްކަން އދ.ގެ ސަލާމަތީ މަޖިލީހުގެ ވަފުދެއް މާލީގައި މަސައްކަތްކުރަމުން އެބަދެއެވެ.

ސަލާމަތީ މަޖިލީހުގެ ވަފުދު ވަނީ ހުކުރު ދުވަހު މާލީގެ ރައީސު އިބްރާހީމް ބޫބަކަރް ކެއިޓާއާއި ސަރުކާރު އިސް ބައެއް ވ ވެރިންނާ ބައްދަލުކޮށްފައެވެ. ވަފުދުގެ މައިގަނޑު ބޭނުމަކީ 2015 ވަނަ އަހަރު އެކުލަވައިލެވުނު "މާލީގެ ސުލްހައިގެ އެއްބަސްވުން" ތަންފީޒުކުރާނެ ގޮތްތަކެއް ހޯދުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.