އެމްޕީއެލްއަށް ދައްކަން ކަމަށްބުނެ ޝިޕިންލައިންތަކުން ހިތަށް އެރި ޢަދަދަކަށް ދަނީ ފައިސާ ނަގަމުން: އެމްޓީޔޫ

ދިވެހިރާއްޖެއަށް މުދާއެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓުސް ލިމިޓެޑަށް ދައްކަން ކަމަށް ބުނެ ޝިޕިން ލައިންތަކުންނާއި އަދި ފުރައިޓް ފޯވާޑްސްގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން އެއްބަސް ކިޔައިގެން އެބަޔަކަށް ފެންނަވަރަކަށް ފައިސާ ނަގަމުންދާ ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދައިފައިވާ އެމްޓީޔޫއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ  ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޢާއްމުކޮށް ޝިޕިންލައިންތަކުން ނަގާ ފައިސާއަކީ ދާދި އެއްކަހަލަ ހަމަތަކަށް ބިނާކޮށް އެއް މިންވަރަކަށް ނަގާ ފައިސާއެއް ނުވަތަ ޗާޖެއް ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެގޮތަށް ފައީސާނަގަމުންދާތީ އެތައް ފިޔަފާރިވެރިންނެއް ވަނީ އެމްޓީޔޫއަށް އެ މައްސަލަ ހުށަހަޅައިފައެވެ. އެމައްސަލަ ހުށަހެޅުމުން ޓްރާންސްޕޯޓު މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެތައް ފަހަރަކު ބައްދަލު ކުރައްވައި އެކަން ހުއްޓުވައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް އެމްޓީޔޫއިން ވިދާޅުވެފައިވެއެވެ. މި ޢަމަލު ހުއްޓުވުމަށް ވަކިވަކި ފަރުދުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.

އެ ގޮތަށް ނަގަމުންދާ ފައިސާއަކީ އެމްޕީއެލްއަށް ދައްކާ އަދި ދައްކަންޖެހޭ ނުވަތަ އެތަނުން ދޭ އެއްވެސް ޚިދުމަތެއް ލަސްވެގެން ނުވަތަ އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ނަގަންޖެހޭ ފައިސާއެއް ނޫންކަމަށް އެމްޕީއެލްއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ކަމަށް ވެސް އެމްޓީޔޫއިން ވިދާޅުވެފައިވެއެވެ.

އެމްޓީޔޫއިން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މުޅި ޝިޕިން ސެކްޓަރ ކޮންޓްރޯލް ކުރަމުންދަނީ ސްރީލަންކާގެ އެކިއެކި ފަރާތްތަކުން ކަމަށެވެ. އެހެން ކަމުން "ލޯކަލް ޗާޖަސް ނަގާނެ ގޮތާއި މިންވަރު ކަނޑައަޅަނީ ދާއިރާގައި މަސައްކަތްކުރާ ސްރީލަންކާގެ ފަރާތްތަކުންނެވެ. ދެވޭ ޚިދުމަތަކަށް ބިނާކޮށް ޑެލިވަރީ އޯޑަރ ޗާޖުގެ ގޮތުގައި 550 އާއި 750 ދެމެދުގެ ޢަދަދަކަށް ޑޮލަރުން ފައިސާ ނަގަމުންދާއިރު އެއްވެސް ޚިދުމަތެއް ދިނުމަކާ ނުލައި ހިތަށްއެރި ނަމެއްޖަހައިގެން 500 އެމެރިކާ ޑޮލަރުގެ އަގެއް ޓެކުހެއް ނަގާގޮތަށް ނަގަމުންދެއެވެ." މިކަން އެންމެނަށް އެނގޭ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް މުދާއެތެރެ ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްޓީޔޫއިން ވިދާޅުވެފައިވަނީ މުދާއެތެރެ ކުރާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ އެމީހުންގެ  އަތުން ނާޖާއިޒު ގޮތުގައި މިހާރު ނަގަމުންދާ ފައިސާތައް ނެގުން ހުއްޓުވައި އަދި ކުރިން އެގޮތަށް ނަގާފައިވާ ފައިސާ އަނބުރައިލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުން އެދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވާކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.