ކަޒަޚިސްތާނުގެ ރައީސު ކުއްލިގޮތަކަށް އިސްތިއުފާދެއްވައިފި

ގާތްގަނޑަކަށް 30 އަހަރު ރައީސުކަން ކުރެއްވުމަށްފަހު ކަޒަޚިސްތާނުގެ ރައީސު ނޫރުސުލްޠާން ނަޒަބާޔޭފް މިއަދު ކުއްލިގޮތަކަށް އިސްތިއުފާދެއްވައިފިއެވެ. އިސްތިއުފާދެއްވުމަށްފަހު ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ އޭނާ ނިންމެނީ "ފަސޭހަ ނިންމުމެއް ނޫން" ކަމުގައެވެ. "ރައީސެއްގެ ހައިސިއްޔަތުން އަހަރެންނަށް ލިބިފައިވާ ބާރުތައް ދޫކޮށްލަން އަހަރެން ނިންމައިފިން." ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ނިންމެވުން އިއުލާންކުރައްވަމުން އޭނާ ވިދާޅުވިއެވެ.
ކުރީގެ ސޯވިޔެޓް ޔުނިޔަންގެ ދަށުގައި އޮތުމަށްފަހު 1990 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ކަޒަޚިސްތާން މިނިވަންވީފަހުން އެގައުމުގައި ރައީސުކަން ކުރައްވަމުން އައީ އުމުރުފުޅުން 78 އަހަރުގެ ނަޒަރްބާޔޭވްއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ކަޒަޚިސްތާނު، ސޯޝަލިސްޓް އިގްތިސާދީ ނިޒާމަކުން ކެޕިޓަލިސްޓް ނިޒާމަކަށް ބަދަލުކުރައްވައި، އިގްތިސާދީގޮތުން ގައުމު ކުރިއަށް ޖެއްސެވިޔަސް، ސިޔާސީ އިސްލާހަށް އޭނާ އެއްވެސް ފުރުސަތެއް ދެއްވާފައި ނުވެއެވެ.
"އަހަރެން އެންމެ މަތީ މަގާތުގައި ހުންނަތާ މިއަހަރު 30 އަހަރު ފުރޭނެ. މިނިވަން ކަޒަޚިސްތާނުގެ ފުރަތަމަ ރައީސަކަށް ވުމުގެ ފުރުސަތު އަހަރެންނަށް ދިނީ ރައްޔިތުން." އިސްތިއުފާދެއްވި ސަބަބެއް ބަޔާންނުކުރައްވައި އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ވާގޮތުން މިވަގުތަށް ގައުމުގެ ރައީސުކަމާ ހަވާލުވެވަޑައިގަންނަވާނީ ގާނޫނުހަދާ މަޖިލީހުގެ މަތީގޭގެ ރައީސު ކަސީމް-ޖޮމާތު ތުޤަޔޭވް ކަމުގައި ރައީސު ނަޒަރްބާޔޭވް ވިދާޅުވިއެވެ.
ނަޒަރްބާޔޭވް އިތުރަށް ވިދާޅުވިގޮތުގައި ވެރިކަންކުރާ ނޫރު އޮތާން ޕާޓީގެ ރައީސުކަމާއި، ރިޔާސީ ސަލާމަތީ މަޖިލީހުގެ ރައީސުކަމުގައި އޭނާ ދެމިހުންނަވާނެއެވެ. މި ދެމަގާމުގައި ހުންނެވުމުން އޭނާގެ އަތްޕުޅުގައި ގިނަ ބާރުތަކެއް އޮންނާނެއެވެ.
ނޫރްސުލްޠާން ނަޒަރްބާޔޭވްގެ ވެރިކަމުގައި ކަޒަޚިސްތާނު ވަނީ ވަރުގަދަ އިގްތިސާދީ ބާރަކަށްވަފައެވެ. އެގައުމަކީ މިހާރު މެދުތެރޭ އޭޝިޔާގެ އެންމެ ވަރުގަދަ އިގްތިސާދެވެ. އެގައުމަކީ ކުރީގެ ސޯވިޔަޓް ޔުނިއަންގެ ދަށުން މިނިވަންވީ ގައުމުތަކުގެ ތެރެއިން ވާލްޑް ބޭންކަށް އޮތް ދަރަނި ދައްކައި ޚަލާޞްކުރި ހަމައެކަނި ގައުމެވެ. ކަޒަޚިސްތާނު ވަނީ ފައިސާދައްކަން ޖެހޭ މުއްދަތަށްވުރެ 7 އަހަރު ކުރިން އެ ފައިސާ ދައްކައި ނިންމާފައެވެ.
ކަޒަޚިސްތާނުގެ 18 މިލިއަން މީހުންގެ އާބާދީގެ %70 އަކީ މުސްލިމުންނެވެ. 1990 ވަނަ އަހަރު ކުރީގެ ސޯވިއެޓް ޔުނިއަންގެ ދަށުން މިނިވަންވީއިރު މުސްލިމުންގެ ހާލަތު ވަރަށް ދަށް ނަމަވެސް، މިނިވަންވުމަށް ފަހު ދީނީ ޝިއާރު ފާޅުކުރަން ލިބުނު މިނިވަންކަމާއެކު، ގިނަ މިސްކިތްތަކަކާއި ދީނީ ބިނާތަކެއް އެ ގައުމުގައި ބިނާކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.