ޔަމަނުގައި ޙޫޘިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އަރަބި ކޯލިޝަނަށް އެމެރިކާއިން އަސްކަރީ އެހީދިނުމާ ދެކޮޅު ބިލެއް އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ސެނެޓުން ފާސްކޮށްފައެވެ. ރައީސު ޑޮނާލްޑް ޓްރަމްޕް ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް، އޭނާގެ ރިޕަބްލިކަން ޕާޓީއަށް އަޣުލަބިއްޔަތު އޮންނަ ސެނެޓުން އެ ބިލު ފާސްކުރީ 54 ވޯޓުންނެވެ. އިދިކޮޅަށް ވޯޓުދެއްވީ 46 ސެނެޓަރުންނެވެ.
ރައީސު ޓްރަމްޕްގެ އަމިއްލަ ޕާޓީގެ 7 މެންބަރުންގެ ވޯޓާއެކު ފާސްކުރި ބިލް ސެނެޓަށް ހުށަހެޅީވެސް ދެ ޕާޓީ ގުޅިގެންނެވެ. ބިލް ހުށަހެޅުއްވީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނާ ޔޫޓާގެ ސެނެޓަރ މައިކް ލީއާއި، ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވާމޮންޓްގެ ސެނެޓަރ ބާނީ ސޭންޑާސްއެވެ.
"މާނައަކީ ޚުދުމުޚުތާރު ވެރިކަމަކުން ގެންގުޅޭ ޒިންމާދާރުކަމެއް ނެތް ޚާރިޖީ ސިޔާސަތެއްގެ ދަށުން ހިނގާ ގެއްލުން ބޮޑު ހަނގުރާމައަކަށް އެމެރިކާއިން ތާއީދުކޮށްގެން ނުވާނެޔޭ." ވޯޓަށް އެހުމުގެ ކުރިން ބިލާމެދު ވާހަކަދައްކަވަމުން ސެނެޓަރ ބާނީ ސޭންޑާސް ވިދާޅުވިއެވެ.
މި ބިލު ދެން ފޮނުވާނީ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓެވިވްސްއަށެވެ. އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން އެބިލު ފާސްވާނެކަމަށް ބެލެވެއެވެ.
ވައިޓް ހައުސްއިން ބުނެފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ދެގެއިން އެ ބިލު ފާސްކުރިއަސް ރައީސު ޓްރަމްޕް ތަސްދީގުނުކުރައްވާނެ ކަމުގައެވެ. ވައިޓް ހައުސްއިން ބުނިގޮތުގައި އެ ބިލުގެ ބޭނުމަކީ "ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސަށް ލިބިވަޑައިގެންފައިވާ ބާރުތައް ފަހަނައަޅައި ދިއުމެވެ." އަދި އެކަން ވާނީ "ނުބައި މިސާލަކަށެވެ."
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ޔަމަނުގައި ކުރާ ހަނގުރާމައަށް އަސްކަރީގޮތުން އެހީވުމާ މިހާ ބޮޑަށް ދެކޮޅު ހަނދަން ފަށާފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އިސްތަންބޫލުގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލި ފަހުންނެވެ. ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގެ ފަހަތުގައި ހުންނެވީ ސައޫދީ ވަލީހައުދު މުޙައްމަދު ބިން ސަލްމާނެވެ.
އެހެންނަމަވެސް، ރައީސު ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ސައޫދީ އަރަބިއްޔާއަކީ އެމެރިކާގެ މުހިއްމު ބައިވެރިއެކެވެ. އެހެންކަމުން އޭނާ ވަނީ ސައޫދީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމާ ކަނޑައެޅިގެން ދެކޮޅުހައްދަވާފައެވެ.