ކަޝްމީރުގެ ޕުލްވާމާގައި އިންޑިއާ ސިފައިން ދަތުރުކޮށްފައި ދިޔަ ބަހަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 40 އަށް ވުރެ ގިނަ ސިފައިން މަރާލައި އެތައްބަޔަކު ޒަޚަމްވި ހާދިސާގެ ބަދަލު 12 ދުވަސް ފަހުން އިންޑިއާ ސިފައިން ހިފީ ޕާކިސްތާނަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީގެންނެވެ.
ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެރޭ ފަތިސްވާން ކުޑަތަންވަމުން ދަނިކޮށް، އެންމެން އަރާމު ނިދީގައި ތިއްބާ ޕާކިސްތާނުގެ ބާލާކޯޓުގެ ސަރަހައްދަކަށް އިންޑިއާއިން ދިން ހަމަލާގައި 200-325 ޓެރަރިސްޓުން މަރާލެވުނުކަމަށް އިންޑިއާއިން މީޑިއާތަކަށް މައުލޫމާތު ދިނެވެ. އަދި އެހަމަލާގައި އިންޑިއާގެ ވައިގެ ސިފައިންގެ މިރާޖް 2000 މަރުކާގެ 12 ޖެޓު ބައިވެރިވި ކަމަށާއި 1000 ޓަނުގެ ބޮން އެޅިކަމަށާއި 21 މިނިޓަށް ހަމަލާތައް ދިގު ދެމިގެން ދިޔަކަމަށް ވެސް މުޅި ދުނިޔެއަށް މައުލޫމާތު ފެތުރިގެން ދިޔައެވެ. އެ ހަމަލާގެ ޚަބަރުތައް ފެތުރިގެން ދިޔަ ގޮތުން ހީވީ ޕާކިސްތާނުގެ ސަރަހައްދު ތެރޭގައި ހުރި ޖައިޝޭ މުޙައްމަދުގެ ތަމްރީނު މަރުކަޒެއްގެ އެތެރެގޭތެރެއަށް ވަދެ އެތަން ފުނޑުފުޑުކޮށް ތަނުގައި ތިބި އެންމެންގެ ދުވަސްދުއްވާލިހެންނެވެ. ކަޝްމީރުގެ ޕުލްވާމާގައި އިންޑިއާ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއަކީ ޖައިޝޭ މުޙައްމަދު ޖަމާއަތުން ދިން ހަމަލާއެއްކަން ރަސްމީ ތަހުގީގުތަކުން އަދި ސާބިތެއްނުވެއެވެ.
ޖައިޝޭ މުޙައްމަދުގެ މަރުކަޒުތަކަށް އިންޑިއާގެ ވައިގެ ލަޝްކަރުން ވަރަށް ވަރުގަދަ ހަމާލަތަކެއްދީ އެތައް ސަތޭކަ ބަޔަކު މަރާލައިފައިވާކަމަށް ޚަބަރުތަކުގައި އެނބުރެމުންދާއިރު މަރުވި މީހެއްގެ ފޮޓޯއެއް ގެއްލުން ލިބުނު އިމާރާތެއްގެ ފޮޓޯއެއް އަދި މިހާތަނަކަށް ނުފެނެއެވެ. އެކަމާއި އިންޑިއާގެ ނޫސްތަކުންނާއި އާއްމު ރައްޔިތުން ދަނީ ސުއާލު އުފައްދަމުންނެވެ.
މަރުވީ ކިތައް މީހުން؟
މަރުވި މީހުންގެ ހަށިތައް ކޮބާ؟
އިންޑިއާއިން ޕާކިސްތާނުގެ ބާލާކޯޓަށް ދިން ހަމަލާގެ ވާހަކަ މީޑިއާގައި ފުރަތަމަ ދެއްކެވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކަލެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައިގެ ހަމަލާގައި ވަރަށް ގިނަ އަދަދެއްގެ ޓެރަރިސްޓުންނާއި އެމީހުން ތަމްރީން ކުރާ މީހުންނާއި ޖާނުންފިދާވާން ތަމްރީނުދެވިފައިވާ މީހުންނާއި ޖައިޝޭ މުޙައްމަދުގެ އިސް ބޭފުޅުން އަވަހާރަކޮށްލެވުނެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ނިރުމަލާ ސީތާރަމަން އާއި ސަރުކާރުގެ ވަރަށް ގިނަ އިސްބޭފުޅުން ގެންދަވަނީ ހަމަލާގައި މަރުވި މީހުންނާއި ބެހޭ ގޮތުން ސަރުކާރުން ފަތުރާފައިވާ އަދަދުތަކުގެ ދިފާއުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ހަމަލާގައި މަރާލެވުނު މީހުންގެ އަދަދެއް ފޮރިން ސެކްރެޓަރީ ވިދާޅެއް ނުވޭ." ދިފާއީ ވަޒީރު ޗެންނާއީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. "އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ މީހުން މަރާލެވުނު ވާހަކަ. މަރުވި މީހުންގެ އަދަދެއް އޭނާ ވިދާޅެއްނުވޭ. ފޮރިން ސެކްރެޓަރީ ދެއްވީ ރަސްމީ ބަޔާނެއް."
ފޮރިން ސެކްރެޓަރީ ރަސްމީ ބަޔާނުގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވިކަމަށް ވިދާޅުވި އިރު އަދި މިހާތަނަށް އެންމެ ޓެރރިސްޓަކު މަރުވި ކަމުގެ ހެކިވެސް އިންޑިއާއަށް ދެއްކިފައިނުވެއެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ނިރުމަލާ ސީތާރަމަން
ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ޓެރަރިސްޓުންނާ ބެހޭ ގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި އެމީހުންނަށް ހަމަލާދިނީ އެ ސަރަހައްދުގެ އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށެވެ. އެކަމަކު އާޚިރުގައި ކަންތައް ނިމިގެންދިޔައިރު އިންޑިއާއިން ޓެރަރިސްޓުންނޭ ބުނި އެންމެ މީހަކަށްވެސް އެ ހަމަލާއިން ގެއްލުމެއް ދެރައެއް ނުލިބިއެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމެއްގެ އިތުރަށް ވަރަށް ގިނަ ސިޔާސީ ޕާޓީތަކުންނާއި ނޫސް އެޖެންސީތަކުންނާއި އިންޑިއާގެ އެތައް ލައްކަ ރައްޔިތުން ދަނީ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާގައި މަރުވި މީހުންނާ ބެހޭ ގޮތުން ސުއާލު އުފައްދަމުންނެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯވާ
ވެރިރަށް ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާކިސްތާނަށް ދިން ވައިގެ ހަމަލާއާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ބީއެސް ދަނޯވާ ވިދާޅުވީ މަރުވީ ކިތައް މީހުން ކަމެއް ވައިގެ ސިފައިންނަށް ނުބެލޭނެކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ އަމާޒަށް ހަމަލާދިނުން. މަރުވި މީހުންގެ ހަށިތައް ގުނުމެއްނޫން." އޭނާ އިތުރަށް ވިދާޅުވިއެވެ. "އެ މަސައްކަތަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް."
އޭނާ ވިދާޅުވި ގޮތުގައި ހަމަލާގައި މަރުވި މީހުން ކަމަށް ބެލެވޭނީ އެ ވަގުތު އެތަނުގައި ތިބި މީހުންގެ މައްޗަށް ބިނާކޮށެވެ.
"އެތަނުގައި އެވަގުތު ތިބީ ކިތައް މީހުންކަން އެނގޭފަދަ ޕޮޒިޝަނެއްގައެއްނޫން އަޅުގަނޑުމެން ތިބީ." އޭނާ ވިދާޅުވިއެވެ. "ވައިގެ ސިފައިން ބަލާނީ ހަމަލާދޭންޖެހޭ އަމާޒުތަކުގެ އަދަދު. ދެން ބަލާނީ އަމާޒަށް ހަމަލާ ދިނުމުގައި ކާމިޔާބުވީ ކިހާވަރަކަށްތޯ ނާކާމިޔަބުވީ ކިހާވަރަކަށްތޯ."
އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ބީ އެސް ދަނޯވާ ނޫސްވެރިއެއްގެ ސުއާލުގެ ޖަވާބުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަމަލާދިނުމެގެ ރޭވުމެއް ރާވާއިރު އެކަން އަޅުގަނޑުމެން ކުރާނީ. އަމާޒުތަކަށް ހަމަލާ ދިނުމަށް ކާމިޔާބު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނީ. އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުނުވިނަމަ، އަޅުގަނޑުމެން ޖަންގައްޔަށް ބޮން އެޅިނަމަ (ޕާކިސްތާނުން) ޖަވާބީ ހަމަލާއެއް ދިނުމުގެ ބޭނުމެއް ނޯންނާނެ."
ހައިދަރު އާބާދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބީޖޭޕީގެ ރައީސް އަމިތު ޝާހު ވިދާޅުވީ އިންޑިއާއިން ދިން ހަމަލާގައި 250 އަށްވުރެ ގިނަ މީހުން މަރުވިކަމަށެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ޚަބަރު ފަތުރަމުން ދިޔައީ ޖައިޝޭ މުޙައްމަދުގެ 300 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލެވުނުކަމަށެވެ. އެކަމަކު ޕާކިސްތާނުން ބުނީ އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުވާކަމަށެވެ.
ޕާކިސްތާނުގައި ތިއްވަބާ ހުޅަގުގެ ޑިޕްލޮމޭޓުން ވެސް އިންޑިއާއިން ދެއްކި ވާހަކަ ގަބޫލެއް ނުކުރައްވައެވެ.
ޖައިޝޭ މުޙައްމަދުގެ މަރުކަޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީ އެތަން ފުނޑުފުޑުކޮށް ސުންނާފަތިކޮށްފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނަމުންދާއިރު، ސެޓެލައިޓު ފޮޓޯތަކުން ދައްކާ ގޮތުގައި އެއިން އިމާރާތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމަކަށް ނުދައްކައެވެ. އެމެރިކާގެ ސެޓެލައިޓު ކުންފުޏްކުން މާޗު މަހުގެ 4 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކާއި މިދިޔަ އަހަރު ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު އިންޑިއާއިން ބޮން އެޅިކަމަށް ބުނާ ސަރަހައްދުގެ އެއްވެސް އިމާރާތަކަށް ގެއްލުން ލިބިފައިވާކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ކަން އެހެން އޮތުމުން އެނގެނީ ޕާކިސްތާނަށް އިންޑިއާއިން ދިން ހަމަލާއިން ލިބުނުކަމަށް އިންޑިއާއިން ބުނާ ގެއްލުންތަކުގެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމެވެ. އަދި އެއީ އިންޑިއާގެ އެތައް މިލިއަން ރައްޔިތުންގެ ހިތްހަމަޖެއްސުމަށް ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ފެތުރި ދޮގު ޚަބަރެއްކަމެވެ.
އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ބޮޑުވަޒީރު މޯދީއަށް ސިޔާސީ ގޮތުން ވަރަށް ބޮޑު ކާމިޔާބެއް ލިބިވަޑައިގަންނަވާނޭ ކަމަށް ކުރީން ބެލެވުނެވެ. އަދި އަޑިއަޅަމުންދާ މޯދީގެ ނަމަށް ކޮންމެވެސް ވަރެއްގެ މަގުބޫލުކަމެއް ލިބުނެވެ. ނަމަވެސް އިންޑިއާއިން ހަމަލާދީ މަރާލިކަމަށް ބުނާ ޓެރރިސްޓުންގެ ހަށިތަކަށް ވީ ގޮތެއް ނޭނގުމާއި ހަމަލާގައި މަރާލިކަމަށް ބުނާ ޓެރަރިސްޓުންގެ އަދަދު އެކި އިދާރާތަކުން އެކި އަދަދަށް ބުނުމާއި ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ހަނގުރާމަތީ ދެ ޖެޓު ވައްޓާލުމާއި ޕައިލެޓު ހައްޔަރު ކުރުންފަދަ ހާދިސާތަކުގެ ސަބަބުން ޕާކިސްތާނަށް އިންޑިއާއިން ދިން ހަމަލާއިން އިންޑިއާއަށް ލިބުނީ ވަރަށް ބޮޑު ނާކާމިޔާބީއެއްކަމުގައި އިދިކޮޅުފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން މޯދީގެ އިންތިޚާބީ މަސައްކަތްކަށް ބޮޑު ލޮޅުމެއް އަރައި ގެއްލުންތަކެއް ލިބިގެންދާނޭކަމަށް ބެލެވެއެވެ.
ޕާކިސްތާން ފެހިކޮށް ރީތިކުރުމަށް އެއްބިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ބޮޑު ވަޒީރު ޢިމްރާން ޚާންގެ ސަރުކާރުން ކުރިއަށް އެބަގެންދެއެވެ.
ޕާކިސްތާނުގެ ސިފައިން ބުނި ގޮތުގައި އިންޑިއާއިން ޕާކިސްތާނުގެ ބާލާކޯޓަށް ދިން ވައިގެ ހަމަލާގައި މަރުވީ 15 ގަހާއި ކަޅު ކާޅެކެވެ.
މައުލޫމާތު:ދަ ހިންދޫ، ޖަންގް، ޑޯން