ކިމްއާއެކު ބޭއްވި ބައްދަލުވުން ނާކާމިޔާބުވީ ކޮންގްރެސްއިން އާއްމުކޮށް ހުޅުވާލައިގެން ކޯހެންއާ ސުވާލުކުރުމުން: ޓްރަމްޕް

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި އޭނާގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން

ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ-އުންއާއެކު ބޭއްވެވި ބައްދަލުވުމުން ނާކާމިޔާބުވެގެން ނިމުނީ ކޮންގްރެސްގެ ސަބަބުން ކަމަށް ވެދާނެކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރައީސު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ ބައްދަލުވުން ނާކާމިޔާބުވުމުގެ ސަބަބަކީ އެމެރިކާގެ ގާނޫނުހަދާ މަޖިލީސް، ކޮންގްރެސްގެ ކޮމިޓީއަކުން އާއްމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި އޭނާގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެންއާ ސުވާލުކުރުމުންކަމަށް ވެދާނެކަމުގައެވެ.

އާދީއްތަ ދުވަހުގެރޭ ފުލުފުލުގައި ކުރެއްވި ޓްވީޓުތަކެއްގައި ޓްރަމްޕް ވަނީ ކޯހެން އަކީ "ދޮގުވެރި އަދި މަކަރުވެރި" މީހަކު ކަމުގައެވެ.

އުތުރު ކޮރެޔާ ނިއުކުލިޔާ ހަތިޔާރު ހެދުން ހުއްޓާލުމަށް އެއްބަސްވާނެ ކަމުގެ އުއްމީދުގައި ބޭއްވި ބައްދަލުވުން ވަނީ ނަތީޖާއަކާ ހަމައަށް ނުދެވި ކުއްލިގޮތަކަށް ނިމިފައެވެ. "ބައެއް ފަހަރު ނުކުމެގެން ދާންވެސް ޖެހޭ. މިއީ އެކަލަ ވަގުތެއް" ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވަމުން ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވިއެވެ.

ކޮންގްރެސްގެ ކޮމިޓީއަކުން ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ކޯހެންއާ ސުވާލުކުރި މައްސަލައިގައި ކޯފާ އިސްކުރައްވައި ކުރި ޓްވީޓެއްގައި "ރައީސަކު ގައުމުން ބޭރުގައި ހުންނަވަނިކޮށް (އެފަދަ ކަމެއް ކުރިން ކޮށްފައިނުވާ" ކަމަށް ވިދާޅުވިއެވެ.

ކިމް ޖޮންގ-އުންއާއެކު ބޭއްވި ބައްދަލުވުން ނާކާމިޔާބުވި ކަމަށް ޚުދް ރައީސު ޓްރަމްޕް ވިދާޅުވިނަމަވެސް، އޭނާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ކާމިޔާބު ބައްދަލުވުމެކެވެ. "ރައީސު އެމެރީގެ މަސްލަހަތުތައް ހިމާޔަތްކުރައްވައި ކުރިއެރުއްވުމުގެ މާނައިގައި (އެބައްދަލުވުން) ނަގައިފިނަމަ އެއީ ކާމިޔާބީއެއް" ސީބީއެސްގެ 'ފޭސް ދަ ނޭޝަން' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.