ވިލިގިލީގައި މަރުވި މީހާގެ މައްސަލަ ބެލުމަށް މާލޭއިން ޓީމެއް ހިނގައްޖެ

ޒަޚަމްތަކާއެކު މަރުވެފައިވައި އޮއްވައި ގއ. ވިލިގިލިން މިއަދު ފެނުނު މީހާގެ މަރުގެ  މައްސަލަ ތަޙުޤީޤު ކުރުމަށް މާލެއިން އެރަށަށް ޚާއްސަ ޓީމެއް ހިނގައްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ވިލިގިލީ އުތުރުކޮޅުގައިހުރި ހަރުގެއެއްގެ ކައިރިން އެމީހާ ފެނިފައިވަނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ. އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 7:00 އެހައިކަންހާއިރުއެވެ. ފެނުނުއިރު ގައިގައި ފިހިފައިހުރި ކަހަލަ ނިޝާންތަކެއް ހުރިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއީ މީހަކު ކުރިކަމެއްތޯ ނޫންތޯ ފުލުހުން އަދި ނުނިންމައެވެ. އެހެންވެފައިވަނީ ކަރަންޓު ޖެހިގެން ކަމަށް ވެސް ބައެއް މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.

ޢުމުރުން 29 އަހަރުގެ އެމީހާ ފެނުމުން ފުލުހުންވަނީ ވަގުތުން ވިލިގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނުން ވަނީ ވިދާޅުވެފައެވެ.

ޙުސައިން ސިމާދު ނަމަކަށް ކިޔާ އެމީހާއަކީ ވިލިގިލީ މީހަކާ އިނދެގެން އެރަށުގައި ރަޖިސްޓްރީވެސް ވެގެން އުޅޭ މީހެކެވެ. އޭނާގެ ޢާއިލާ އައްޑޫގައި ވެސް އޮންނަ ކަމަށާއި ވިލިގިލީގައި އޭނާ އުޅެނީ އޭނާގެ މަންމަގެ މީހުންގެ ގާތުގައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.