ޒަޚަމްތަކާއެކު މަރުވެފައި އޮތް މީހަކު ވިލިގިލިން ފެނިއްޖެ

ޒަޚަމްތަކާއެކު މަރުވެފައިވާ ދިވެހި ފިރިހެނަކު ގއ. ވިލިގިލިން ފެނިއްޖެ އެވެ. ފުލުހުން މަޢުލޫމާތު ދެއްވައި ގޮތުގައި އެމީހާ ފެނިފައިވަނީ ވިލިގިލީ އުތުރުކޮޅުގައިހުރި ހަރުގެއެއްގެ ކައިރިންނެވެ. އޭނާގެ ފެނުނުއިރު ގައިގައި ފިހިފައިހުރި ކަހަލަ ނިޝާންތަކެއް ހުރިކަމަށާއި އެއީ ތޫނު އެއްޗަކުން ކޮށްފައިވާ ޒަޚަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ މަރުވެފައި އޮއްވައި ހަރުގެ ކައިރީން ފެނިފައިވަނީ މިއަދު ހެނދުނު 7:00 ގައި ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ޢުމުރުން 29 އަހަރުގެ އެމީހާ ފެނުމުން ފުލުހުންވަނީ ވަގުތުން ވިލިގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނުން މަޢުލޫމާތު ދެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ އެރަށު މީހަކާ އިނދެގެން އުޅޭ އައްޑޫސިޓީ ހިތަދޫ މީހެކެވެ. އޭނާގެ ނަމަކީ ޙުސައިން ސިމާދެވެ. އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

މިމައްސަލައިގެ ތަޙުޤީގު ފުލުހުންދަނީ ކުރައްވަމުންނެވެ. އެހެންނަމަވެސް އަދި އެކަމުގެ ތުހުމަތުގައި އެއްވެސް މީހަކު ބަންދުކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.