ކަޓަލޯނިޔާގެ ލީޑަރުންގެ ޝަރީއަތާ ދެކޮޅަށް ބާސަލޯނާގައި 2 ލައްކަ މީހުން މުޒާހަރާކޮށްފި

ކަޓަލޯނިޔާ މީހުން ބާލަސޯނާގައި މުޒާހަރާކުރަނީ. 2 ލައްކަ މީހުން ބައިވެރިވިކަމަށް ލަފާކުރެވޭ

ކަޓަލޯނިޔާ ސްޕޭނުން ވަކިކޮށް މިނިވަންކުރުމަށް މަސައްކަތްކުރުމުގެ ކުށުގައި ކަޓަލޯނިޔާގެ ސިޔާސީ ލީޑަރުންނާ ދެކޮޅަށް މެޑްރިޑްގެ ކޯޓެއްގައި ފެށި ޝަރީއަތާ ދެކޮޅަށް އަޑުއުފުލައި 2 ލައްކަ މީހުން އިއްޔެ ކެޓެލޯނިޔާގެ ވެރިރަށް ބާސަލޯނާގައި މުޒާހަރާކޮށްފިއެވެ.

ކެޓެލޯނިޔާ ސަރަހައްދުގެ ރައީސު ކުއިމް ތޯރާ އިސްވެ ހުންނަވި މުޒާހަރާގެ ކުރީގައި "އަމިއްލަ މިނިވަންކަން ހޯދުމަކީ ޖަރީމާއެއް ނޫން." ލިޔެފައިވާ ބެނާއެއް ފެންނައް ހުއްޓެވެ. ބާސަލޯނާގެ މުނިސިޕަލް ޕޮލިސް އަންދާޒާކުރާ ގޮތުގައި މުޒާހަރާގައި ބައިވެރިވީ 2 ލައްކަ މީހުންނެވެ. އެހެންނަމަވެސް މުޒާހަރާ ރޭވި ފަރާތުން ބުނަނީ 5 ލައްކައެއްހާ މީހުން ބައިވެރިވި ކަމުގައެވެ.

ކަޓަލޯނިޔާގެ ނޫ، ރަތް އަދި ރީނދޫ ކުލަ އެކުލެވޭ ދިދަ ހޫރަމުން އަޑުއުފުލަމުން ދިޔަ މީހުން ހިފައިގެން ތިބި ބެނާތަކުގައި "ސިޔާސީ ގައިދީން މިނިވަންކުރޭ" ލިޔެފައި ހުރިތަން ފެނެއެވެ.

2017 ވަނަ އަހަރު ކެޓެލޯނިޔާ ސްޕޭނުން ވަކިކޮށް މިނިވަން ގައުމަކަށް މަސައްކަތްކުރުމުގެ ކުށުގައި ކަޓަލޯނިޔާގެ 12 ސިޔާސީ ލީޑަރަކާއި އެކްޓިވިސްޓެއްގެ މައްޗަށް ހިންގާ ޝަރީއަތް މެޑްރިޑްގެ ސުޕްރީމް ކޯޓުގައި ފެށީ ފާއިތުވި އަންގާރަ ދުވަހުއެވެ. ކުށް ސާބިތުވެއްޖެނަމަ ބައެއް ލީޑަރުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެން ވެއެވެ.

1975 ވަނަ އަހަރު ޚުދުމުޚުތާރު ވެރިޔާ ފްރާންސިސްކޯ ފްރާންކޯގެ ވެރިކަން ނިމުމަކަށް ޑިމޮކްރަސީއާ ދިމާއަށް ސްޕޭން ދަތުރުފެށި ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ކަޓަލޯނިޔާގެ ވަކިވެގަތުމުގެ ހަރަކާތެވެ.

ކަޓަލޯނިޔާގެ ލީޑަރުން ވަނީ ސްޕޭންގެ ކޯޓުގެ އަމުރާ ޚިލާފަށް އޮކްޓޯބަރު 2017 ގައި މިނިވަންކަމަށް ވޯޓެއް ލައި، ކަޓަލޯނިޔާގެ މިނިވަންކަން އިއުލާންކޮށްފައެވެ.

ޝަރީއަތް 3 މަހަށް ދެމިގެން ދާނެކަމަށް ލަފާކުރެވޭއިރު، ހުކުމް އިއްވާނެކަމަށް ބެލެވެނީ އަދި އެތައް މަހެއް ފަހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.