އޮޅުވެއްޖެ ކަމަށް ހީކޮށް ބޮޑު ސިންގާއެއް ގޭތެރޭގައި ނިންދަވާކަށް ނުވާނެ: ޢުމަރު

އޮޅުވެއްޖެ ކަމަށް ހީކޮށް ބޮޑު ސިންގާއެއް ގޭތެރޭގައި ނިންދަވާކަށް ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިމިނިސްޓަރު މި ސަރުކާރަށް ހިމޭން އިންޒާރެއް ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ އިންޒާރު ކުރެއްވީ އެމްޑީޕީއަށާއި މިސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންނަށް ފޭސް ބުކު މެދުވެރިކުރައްވައި ފޮނުއްވި ސިޓީއެއް ނުވަތަ މެސެޖެއްގައެވެ.

ޢުމަރު "ބޮޑު ސިންގާ" ނިސްބަތް އެކުރައްވަނީ އަވަށްޓެރި އިންޑިއާއަށެވެ. ޢުމަރުގެ ސިޓީގައި ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ބޭލުމަށް ފަށްޓަވައިފައިވާ ކެމްޕޭނަކީ މިސަރުކާރު ވައްޓާލުމަށް ކުރައްވާ ކަމެއް ނޫން ކަމަށެވެ. "މިއީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފާނެ ކަމެއް އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުންނަށް އަދި ހީފުޅުވިޔަސް، އިންޑިއާގެ ޢަމަލުތަކާއި އެމީހުން އެހެން ކުދި ޤައުމުތައް އެއްކޮށްލި ގޮތަށް ބަލާއިރު މިއީ ދިވެހިން ހޭލާ ތިބެންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އޮޅުވެއްޖެ ކަމަށް ހީކޮށް، ބޮޑު ސިންގާއެއް ގޭތެރޭގައި ނިންދަވާކަށް ނުވާނެ،" ޢުމަރު ވިދާޅުވެފައިވެއެވެ. މި ޤައުމުގައި ދިވެހި ސިފައިންނަށްވުރެ ބާރުގަ ސިފައިންތަކެއް ބައިތިއްބަން ނުވާނެ ކަމަށާއި އެއީ އެމީހުންގެ ނިޔަތް ބަދަލުވާނެ ވަގުތެއް ނޭނގޭތީ ކަމަށް ވެސް ޢުމަރު ވިދާޅުވެފައިވެއެވެ. އިންސާނުންނަކީ ޚިޔާލާއި ފިކުރި ބަދަލުވާ ބައެއް ކަމަށާއި އެމްޑީޕީއާއި އިންޑިއާ އިންޑިއާ ސަރުކާރާ ދެމެދު މިއަދު އެކުވެރި ގާތްގުޅުމެއް އޮތަސް އެގުޅުން މާދަމާވެސް ބަދަލު ވެދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"ކާކުތޯ މީގެ ދިހަ އަހަރުކުރިން ހީކުރާނީ އެމްޑީޕީގެ ޖަގަހަ ތަކުގައި "ތިޔައީ ޒަޢީމޭ" މި ލަވަޖަހައި ރައީސް މައުމޫނަށް އެމްޑީޕީ މީހުން ތަޢުރީފްކޮށްފާނޭ. އެކަމަކު ޙާލަތު ބަދަލުވެ، ގުޅުންތައް ބަދަލުވީ. ހަމަ މިހެން އިންޑިއާއި އެމްޑީޕީއާ ދެމެދުވެސް ކަން ހިނގާފާނެ. އެދުވަހަކުން އިންޑިއާ ސިފައިން އެމްޑީޕީ ސަރުކާރުން އަންގާގޮތަކަށް ޢަމަލެއް ނުކުރާނެ. ރައީސް ޔާމީން ސަރުކާރުން އެންގެވީމާ ނުފޭބި ގޮތަށް އެމްޑީޕީގެ ސަރުކާރުން އެންގީމާ ވެސް ނުފައިބާނެ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އިންޑިއާއިން ވަނީ 1975 ވަނަ އަހަރު އަވަށްޓެރި ޤައުމެއް ކަމަށްވާ ސިއްކިމް އަތުލައި އިންޑިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފައި ކަމަށް ވިދާޅުވެފައިވެއެވެ.

މަލިކަކީ ވެސް ރާއްޖެފަދަ ރީތި ގޮނޑުދޮށްތަކެއް އޮތް ރަށެއް ކަމަށާއި އެހެންނަމަވެސް އިންޑިއާގެ ދަށަށް އެރަށް ގޮސްގެން އެރަށަށްވީ ކޮންފައިދާއެއްތޯ ޢުމަރު ވަނީ ސުވާލު ކުރައްވައިފައެވެ. ރާއްޖެއަށް ލިބިފައިވާ ކުރިއެރުމުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން މަތީގައި ސާބިތުކަމާއެކު ދެމިތިބުމާއި، ރާއްޖޭގެ މިނިވަންކަން ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން މިނިވަންކަމާމެދު ޣާފިލުނުވުމަށް ވެސް އެމަނިކުފާނުވަނީ އިންޒާރު ކުރައްވައިފައެވެ.

ޢުމަރު ވިދާޅުވެފައިވަނީ ޕާޓީގެ ވެރިންގެ ލޮލުން ޤައުމަށް ބެއްލެވުމުގެ ބަދަލުގައި އަމިއްލަ ލޮލުން ޤައުމަށް ބެއްލެވުމަށެވެ. އެމަނިކުފާނާމެދު ހިތުގައި އޮތް ނަފްރަތެއްގެ ސަބަބުން މި ވާހަކަތަކަށް ބީރުކަންފަތެއް ނުދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. "ވާހަކަ ބުނާމީހާއަށް ނުބައްލަވައި ބުނާ ވާހަކައަށް ބައްލަވާ" ޢުމަރު ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.