ޕާކިސްތާނު އެކަހެރިކުރުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފި

ކަޝްމީރުގެ އިންޑިޔާ ފަޅީގައި ދިން ބޮމުގެ ހަމަލާއާ ދެކޮޅަށް ޖައްމޫ އެންޑް ކަޝްމީރުގައި ކުރި މުޒާހަރާގައި އުޅަނދުތަކެއްގައި ރޯކޮށްލާފައި

އިންޑީޔާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި އިންޑިޔާ ފުލުހުންގެ ބަހަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފުލުހުންގެ 44 މީހުން މަރާލުމާ ގުޅިގެން، އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުކަމަށް ބުނެ، އެ ގައުމު ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިކުރުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފިއެވެ. މި ހަމަލާއަކީ 1989 ވަނަ އަހަރަށް ފަހު ކަޝްމީރުގައި ދެވުނު އެންމެ ވަރުގަދަ ހަމަލާއެވެ.

"ޓެރަރިޒަމްގެ މިއަމަލުގައި އަމަލީގޮތުން ބައިވެރިވެ، ހިތްވަރުދީފައިވާތީ ބައިނަލްއަގްވާމީ ގޮތުން ޕާކިސްތާނު އެކަހެރިކުރުމަށް" ކުރެވެން އޮތް ހުރިހާ ކަމެއްކުރުމަށް ނިންމާފައިވާ ކަމުގައި، މިހަމަލާއާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމަކަށް ފަހު ފިނޭންސް މިނިސްޓަރު އަރޫން ޖައިޓްލޭ ވިދާޅުވިއެވެ.

ޕާކިސްތާނުގައި މަރުކަޒު ހުންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ 'ޖައިޝެ މުހައްދު' (ޖޭއީއެމް) އިން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ.

ޕާކިސްތާނާ ދެކޮޅަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އިންޑިޔާއިން ވަނީ ޕާކިސްތާނަށް ދީފައިއޮތް ވިޔަފާރީގައި 'މޮސްޓް ފޭވާޑް ނޭޝަން' (އެމްއެފްއެން) ހައިސިއްޔަތު އަނބުރާ ނަގާފައެވެ. އެމްއެފްއެން ހައިސިއްޔަތު އޮތުމުން ޕާކިސްތާނުގެ މުދާ ފަސޭހަކަމާއެކު އިންޑިޔާއަށް އެތެރެކުރެވެއެވެ.

ޕާކިސްތާނު ބައިނަލއް އަގުވާމީ މައިދާނުގައި "މުޅިން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރުދެއްވަމުން އަރޫން ޖައިޓްލޭ ވިދާޅުވީ އިންޑިޔާއިން އެކަމަށް "އެޅެން އޮތް ހުރިހާ ޑިޕްލޮމެޓިކް ފިޔަވަޅެއް" އަޅާނެ ކަމުގައެވެ.

ޑިޕްލޮމެޓިކް މައިދާނުގައި ޕާކިސްތާނާ ދެކޮޅަށް މަސައްކަތް ފެށުމުގެ ގޮތުން އިންޑިޔާގެ ފޮރިން މިނިސްޓްރީން ވަނީ ނިއުދިއްލީގައި ތިއްބަވާ 25 ގައުމެއްގެ ޑިޕްލޮމޭޓުން އެމިނިސްޓްރީއަށް ހާޒިރުކޮށް ހަމަލާގައި ޕާކިސްތާނުގެ ދައުރެއް ވާކަމުގެ "ދެބަސްނުވެވޭނޭ ހެކި" ދައްކާފައެވެ.

އިންޑިޔާގެ މިތުހުމަތު ތަކަށް އިންކާރުކޮށް އެކަމަށް އިހުތިޖާޖުކުރުމުގެ ގޮތުން ޕާކިސްތާން ވަނީ އެގަމުގައި ހުންނެވި އިންޑިޔާގެ އެކްޓިންގ ޑެޕިއުޓީ ހައިކޮމިޝަނަރު ގައުރަވް އަހްލޫވާލިޔާ ފޮރިން މިނިސްޓްރީއަށް ހާޒިކޮށްފައެވެ. އަދި ޕާކިސްތާނުގެ އިންފޯމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ސީއެންއެން-ނިއުސް 18 އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ "އަހަރުމެންނަށް ހެކި ބޭނުން" ކަމުގައެވެ.

ޕާކިސްތާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައިގައި މުޅި އިންޑިޔާ އޮތީ އެކަތިގަނޑަކަށެވެ. އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީގެ ރައީސު ރާހޫލް ގާންދީ ވިދާޅުވީ މި މައްސަލައިގައި ސަރުކާރާ އެއްވެސް ބަހުސެއް ކުރަން ބޭނުންނުވާ ކަމަށާ، ސަރުކާރުން މިކަމުގައި އަޅާ ހުރިހާ ފިޔަވަޅަކަށް ކޮންގްރެސްއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައެވެ.

މި ހަމަލާއާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓުގައި ކުރި މުޒާހަރާތަކުގައި ދުއްވާތަކެތީގައި ރޯކޮށް ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެ ސަރަހައްދުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން މިހާރުވަނީ ކާފިއު ހިންގާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.