އެމެރިކާ-މެކްސިކޯ ސަރަހައްދީ ރޮނގުގައި ފާރެއް ބިނާކުރުމަށްޓަކައި ރައީސު ޓްރަމްޕް ކުއްލި ހާލަތު އިއުލާންކުރައްވައިފި

އެމެރިކާ-މެކްސިކޯ ސަރަހައްދީ ރޮނގު

އެމެރިކާއާއި މެކްސިކޯއާއި ގުޅޭ ސަރަހައްދުގައި ރައީސު ޑޮނާލްޑް ޓްރަމްޕް ގައުމީ ކުއްލި ހާލަތު އިއުލާންކުރައްވައިފިއެވެ. އެއީ ސަރަހައްދީ ރޮނގުގައި ފާރެއް ބިނާކުރަން އޭނާ ބޭނުންފުޅުވާ ފައިސާ ދިނުމަށް އެމެރިކާގެ ކޮންގްރެސް ދެކޮޅުހަދަމުން ދިއުމާ ގުޅިގެން، އެ ފައިސާ ކޮންގްރެސްގެ ހުއްދަ ނެތި ޚަރަދުކުރެވޭނޭ މަގު ތަނަވަސްކުރެއްވުމަށެވެ. ކުއްލި ހާލަތުގައި ރައީސަށް ލިބިދޭ ބާރުގެ ދަށުން ކުރައްވާ ޚަރަދަށް ކޮންގެރެސްއިން ރުހުން ހޯދަން ނުޖެހޭނެއެވެ. ކުއްލި ހާލަތު އިއުލާންކުރެއްވުމާ ގުޅިގެން ޑިމޮކްރެޓުން ބުނެފައިވަނީ އެއީ ގާނޫނާ ޚިލާފަށް ބާރުތައް ފިރުކައިގަތުން ކަމުގައެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ރައީސު ޓްރަމްޕް ފާއިތުވި ދެއަހަރުއްސުރެ ފުއްދަވަން މަސައްކަތްކުރައްވަމުން ގެންދެވި އޭނާގެ އިންތިޚާބީ ވައުދު ފުއްދެވުމުގެ ބޭނުންފުޅުގައި އޭނާ ނިންމެވި މި އާދަޔާ ޚިލާފު ނިންމެވާ ގުޅިގެން ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ބާރުތައް ވަކިވެފައި ވުމުގެ އުސޫލާމެދު ބޮޑު ގާނޫނީ އަދި ސިޔާސީ ބަހުސެއް އުފެދި ސިޔާސީ ގޮތުން ގައުމު އިތުރަށް ހަލަބޮލިވެގެން ދާނެއެވެ.

ވައިޓް ހައުސްގެ ރޯޒް ގާޑަންގައި މިކަން އިއުލާންކުރައްވަމުން ރައީސު ޓްރަމްޕް ވިދާޅުވީ މެކްސިކޯއާ ގުޅިފައިވާ ސަރަހައްދު ހުރަސްކޮށް އެމެރިކާއަށް މަސްތުވާތަކެއްޗާ، ގޭންގުތަކާ، އިންސާނުންގެ ވަގުފާރި ކުރާމީހުންނާ، ގާނޫނީ އެއްވެސް ލިޔެ ކިއުމެއްނެތި ހިޖުރަކުރާ މީހުން އެއްވެސް ކޮންޓުރޯލެއް ނެތި ވަންނަމުން ދާކަމުގައެވެ. އެހެންކަމުން، އެ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކުރަން ޖެހޭ ކަމުގައެވެ.

"އަހަރުން ކުއްލި ހާލަތުގެ ގަރާރުގައި ސޮއި މިކުރަނީ...... އެންމެންނަށްވެސް އެނގޭ ފާރަކި ބޭނުންތެރި އެއްޗެއްކަން." ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއާއި މެކްސިކޯއާ ދެމެދު އޮތް 3200 ކިލޯމީޓަރު ސަރަހައްދީ ރޮނގޮގެ 1100 ކިލޯމީޓަރުގައި މިހާރުވެސް ކޮންމެވެސް ސިފައެއްގައި ހުރަހެއް ގާއިމުކުރެވިފައި ވެއެވެ. އެއީ މައިގަނޑު ގޮތެއްގައި ދަނގަޑު ފެންސެވެ. ރައީސު ޓްރަމްޕް ބޭނުންފުޅުވަނީ ބާކީއޮތް ބައިގެ މަދުވެގެން 1600 ކިލޯމީޓަރުގައި ފާރެއް ބިނާކުރައްވާށެވެ. އެކަމަށް 8 ބިލިއަން ޑޮލަރު ބޭނުންވެއެވެ. ރައީސު ޓްރަމްޕް އެދިވަޑައިގަންނަވަމުން ގެންދެވީ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން އޭގެ ތެރެއިން 5.7 ބިލިއަން ޑޮލަރު ހަމަޖައްސައި ދިނުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.