އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެވިދާނެ، އެކަމަކު ގޮންޖެހުން ބޮޑު: މިފްކޯ

އައްޑޫސިޓީ ހުޅުމީދޫގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހަދަމުން ގެންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނަޔަސް ޙައްލުކުރަންޖެހޭ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ އެކްޓިންމެނޭޖިން ޑިރެކްޓަރ އިސްމާޢީލް ފައުޒީ އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުންފުނިން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ގޮންޖެހުންތައް ވެސް ޙައްލުކޮށް ވީހާއަވަހަކަށް އެތަން އޮޕަރޭޝަނަށް ގައުމަށް ކަމަށެވެ.

އެތަން މިހާރުވެސް ހުރީ ގާތްގަޑަކަށް އޮޕަރޭޝަނަށް ގެނެވޭ ހިސާބަށް މަސައްކަތް ނިމިފައެވެ. މިހާރު ކުރަމުންދަނީ ޖަނަރޭޓަރުތަކެއް ސިންކްރޮނައިޒް ކުރުމުގެ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެތަން އޮޕަރޭޝަނަށް ގެނަޔަސް އެކަށީގެންވާ ބަނދަރަކާއި ބަނދަރަށް ވަންނާނެ ނެރެއްނެތެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހުންނަ ސަރަޙައްދުގެ ބަނދަރަކީ އެތަނަށް ޚާއްސަ ބަނދަރެއް ނޫނެވެ. އެއީ ޢާއްމުންގެ ބޭނުން ތަކަށް ހަދައިފައިވާ ބަނދަރެކެވެ. މިފްކޯގެ ކުދި ބޯޓުފަހަރު އެތަނަށް ވަންނަ ކަމަށްވާނަމަ ބަނދަރުގެ ފުންމިން ހިކިދިޔާގައި 3.5 މީޓަރު ހުންނަންޖެހެއެވެ. އެވަރަށް ފުންކޮށްފި ކަމަށްވާނަމަ ޝީޓްޕައިލް ދަށުން ވެލިދެމިގެންގޮސް އިތުރު މައްސަލަތައް ކުރިމަތިވުމުގެ ފުރުސަޓު އެބައޮތް ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށް ޙައްލެއް ހޯދުމަށް މިހާރު ގެންދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ބަނދަރުގެ އިތުރަށް ބަނދަރަށް ވަންނަން ހަދައިފައިވާ ނެރަކީ ވެސް މިފްކޯގެ ބޯޓުފަހަރާއި މިހާރު މަސްވެރިކަންކުރާ ބޮޑެތި ދޯނިފަހަރަށް ވަންނަން ދަތިގޮތަކަށް އޮތް ނެރެކެވެ. އިސްމާޢީލް ވިދާޅުވީ ނެރުގައި ވަރަށް ތިލަތަންތަން ވެސް އެބަހުރި ކަމަށެވެ. އެހެން ކަމުން އެތަންތަން ފުންކުރުމާއި ބައްތި ޖެހުމުގެ މަޝްވަރާތައް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

"ބަނދަރަށް ވަންނަން ހަދާފައިވާ ނެރުގައި އިސްކޮޅު ޖެހޭ ތަންތަން ވެސް އެބަހުރި. އެތަންތަން މައިނަސް ތްރީ (3.5) މީޓަރަށް ފުންކުރަންޖެހޭ. އެކަން ކުރަން ބަލާއިރު ބަނދަރު ޕްލޭން ކޮށްފައިވަނީ އެގޮތަކަށް ނޫން. މައިނަސް ތްރީއަށް ހަދައިފިއްޔާ ބަނދަރުގެ ޝީޓްޕައިލް ތަކުން ފަސްގަނޑު ދަމައިގެން ގެއްލުންވާނެ. އެކަމާވެސް މިދަނީ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން،" އިސްމާޢީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަނދަރަށް ވަންނަން އޮތް ނެރަކީ ވަރަށް ދިގުނެރެއް ކަމަށެވެ. އެހެންކަމުން އެތަނުގައި ބައްތިޖެހުން ވެސް އެހާ ޚަރަދު ބޮޑު ކަމަށް ވިދާޅުވިއެވެ. "އެކަމަކު އިރާދަ ކުރެއްވިއްޔާ ބައްތިތައް ޖެހުމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ކަންކަމާއި މަޝްވަރާތައް ކުރަމުން މިދަނީ. ކަމާބެހޭ ތަޖުރިބާ ކާރުން ހިމެނޭ ޓީމެއް ވަރަށް އަވަހަށް އެ ނެރުބަލަން ވެސް ދާނެ އިރާދަ ކުރެއްވިއްޔާ،" އިސްމާޢީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.