ރިޕޯޓު ހާމަނުކޮށް ލަސް ކުރުމުން ރައީސް ސުވާލު ކުރައްވައިފި

އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލަ ތަޙުޤީގުކޮށް ނިންމުމަށްފަހު ހާމަނު ކޮށް މިހާ ދުވަހު ބޭއްވި ކީއްވެތޯ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންޓިކޮރަޕްޝަން (އޭސީސީ) އަށް މިރޭ ފިސާރި ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.

އެޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ. ހިންނަވަރު ދާއިރާއަށް ވާދަ ކުރައްވާ ޖީހާން މަޙުމޫދުގެ ކެމްޕެއިން އިފްތިތާޙީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ތަޙުޤީގަށްފަހު މިހާ ދުވަހު އެ ބާއްވާފައި މިއަދު ހާމަކުރެއްވީ ކީއްވެތޯ ވެސް ރައީސް ސުވާލު އުފެއްދެވިއެވެ.

މި ރިޕޯޓު ހާމަނުކޮށްގެން ގިނަބައެއްގެ ފާޑުކިޔުންތައް އޭސީސީއަށް ކުރިމަތިވިއެވެ. މި ރިޕޯޓު ހާމަ ކުރެއްވިއިރު ޚިޔާނާތުގެ ފައިސާ ވަދެފައިވާ އެކައުންޓްތައް ހާމަކޮށްދިނުމަށް ބާރުއަޅައި ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއެއް ހުކުރު ދުވަހު ބޭއްވުމަށް ޢާއްމުންގެ ބަޔަކުވެސް ދަނީ ތައްޔާރުވަމުންނެވެ. އެހެނަމަވެސް ރިޕޯޓު ހާމާކުރުމުން އެ މުޒާހަރާ ބާއްވާނެ ކަމެއް އަދި ނުބާއްވާނެ ކަމެއް އެނގިފައެއް ނުވެއެވެ.

އޭސީސީން މި ރިޕޯޓު ހާމަކުރެއްވި އެކަމާ ބެހޭގޮތުން އިތުރު މަޝްވަރާތަކެއް ކުރައްވައިފައެވެ. އެ ކޮމިޝަނުން މި ރިޕޯޓު އެއްކޮށް ހާމަކުރުމުގެ ކުރިން ވިދާޅުވެފައިވަނީ އޭރު ހާމަކޮށްފައިވަނީ އެފަދަ ރިޕޯޓުން ޢާއްމުކޮށް ހާމަކުރައްވާ މިންވަރަށް ކަމަށެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކޮރަޕްޝަނަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އެކަމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ ބުދަދުވަހުއެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓް އެސީސީން އިޢުލާންކުރިކަން،" އެމަނިކުފާނު ވިދާޅުވީ މިއަދު ވެސް އެ ރިޕޯޓު ހާމަކުރެއްވިކަން ރަނގަޅު ކަމަށެވެ. "އެހެން ނަމަވެސް ސުވާލަކީ، ތިން އަހަރު އެ ބަލައި ނިންމާފައި ފޮރުވައިފައި ބޭއްވީ ކިއްވެތޯ؟ މިއަދުތޯ އިޢުލާން ކުރައްވަންވީ؟'' ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ވަނީ ދެންވެސް ލަސް ނުކުރައްވައި އޭގައި ހިމެނޭ މީހުންގެ މައްސަލަތައް ބައްލަވައި ދެއްވުމަށް އޭސީސީއަށް ދަންނަވައިފައެވެ. އެކަން ބެއްލެވުމަށްފަހު ކުށްވެރިވާ މީހުންގެ މައްސަލަތައް ޝަރީޢަތަށް ފޮނުވުން އަވަސް ކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

އެ ރިޕޯޓުގައި ވަނީ ރައީސް އިބްރާހީމްގެ ވަޒީރެއް ކަމަށްވާ އަޙުމަދު މަހުލޫފުގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށެވެ. މަހުލޫފުގެ އެކައުންޓަށްވަނީ 33،000 ޑޮލަރު ޖަމާކޮށްފައެވެ. އެހެންނަމަވެސް އޭނާވަނީ އެކަން ދިފާޢުކުރައްވައި ވާހަކަ ދައްކަވައިފައެވެ. ރައީސް އިބްރާހީމް ވަނީ ގޭގައި މަޑުކޮށްލަން މަހުލޫފަށް އަންގަވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.