ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑްރިން މައްސަލައާއި ތަޙުޤީޤީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި ޕްރޮސެކިޔުޓަރޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހެޅީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ސަރުކާރުން ފޯރުވަން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދަޢުވާކޮށް ދިނުމަށް އެދި ފުލުހުން ޕިޖީއަށް ހުށަހެޅުމުން އެކަމާބެހޭގޮތުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ "ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދަޢުވާކުރަން އެދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނޫސްބަޔާނުގައި ޙަވާލާ ދީފައިވާ މައްސަލައަކީ ސަރުކާރުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހިންގަމުން ގެންދާ ޢަމަލުތަކެއް" ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ޤާނޫނު ތަންފީޒު ކުރުމާއި ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމުގައި ވަކިފަރާތަކަށް އަމާޒުކޮށްގެން ޤާނޫނު ތަންފީޒު ނުކުރުމަށް އެބަޔާނުގައިވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ. އަދި ދުސްތޫރުގައ ބަޔާންކޮށްފައިވާ ހަމަހަމަކަން އެންމެހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައި ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.