ކޯޓުން ކުރާ ހުކުމްތަކަށް ތަބާނުވުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރާނަމަ ދައުލަތުގެ ބަންޑާރަ ނާއިބާމެދުވެސް އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށް ސިވިލްކޯޓުން ވިދފާޅުވެއްޖެއެވެ.
ދުވަހު ނޫސް ހަވީރުގެ ކުރީގެ މުވައްޒަފުންގެމައްޗަށް ސިވިލްކޯޓުން ކުރި އަމުރާގުޅޭގޮތުން ބަންޑާނައިބު އަލްއުސްތާޛު މުޙަންމަދު އަނިލް ދައްކަވާފައިވާ ހަކަތަކާގުޅިގެން ސިވިލްކޯޓުންވަނީ އޭނާއަށް އިންޒާރުދެއްވައި އެންގުމެއް އަންގަވާފައިކަމަށް މަޢުލޫމާތުލިބެއެވެ.
13 ކަމެއް ފާހަގަކުރައްވާފައިވާ މި އެންގުމުގައި ވަނީ، ރާއްޖޭގެ އެއްވެސް ކޯޓަކުން ކުރާ ހުކުމެއް ބާތިލުކަމަށް އަންގައި އެއަށް އަމަލު ނުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ނޭންގޭނެ ކަމަށާއި، އެއީ ބަންޑާރާ ނައިބަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ކޯޓު ހުކުމެއް ބާތިލުކަމަށް ބުނެ އެ ހުކުމަށް އަމަލުނުކުރުމަށް ބަންޑާރަ ނައިބަށް ނޭންގޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކޯޓްތަކުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ބާރު ހިންގުމުގައި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބާއި، ބަންޑާރަ ނައިބްގެ އޮފީސް އިސްތިސްނާ ނުވާނެކަމަށާ، ކޯޓްގައި ހިނގަމުންދާ މައްސަލައެއް ތަންފީޒުނުވެ އިސްތިއުނާފީ މަރުހަލާގެ މަގުމަތީގައި ވަނިކޮށް، އެމައްސަލއަށް ނުފޫޒެއް ނުވަތަ ކޯޓްގެ ހުރުމަތް ކެނޑިދާގޮތަކަށް ހުކުމްތަކަށް ތަބާނުވުމަށާއި، އެހުކުމްތަކަށް ކިޔަމަތް ނުވުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ އުސޫލުން ދައުލަތުގެ ބަންޑާރަ ނައިބު ކަމުގައި ހުންނެވި އަލްއުސްތާޛު މުހައްމަދު އަނިލް ޝަރީއަތުގެ ތަޅުމަށް ހާޒިރުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ވެސް ސިވިލްކޯޓުން ވިދާޅުވެފައިވެއެވެ.