ޕާޓީއަށް އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދައިދޭނަން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯއްދަވައި ދެއްވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތައް ދިނުމާބެހޭ ގޮތުން މިއަދު ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން އެންމެ ގިނަ ގޮނޑި އެމްޑީޕީއަށް ހޯއްދަވައި ދެއްވަންޖެހޭ ކަމަށެވެ.

އެމަނިކުފާނު އެކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ ލިޔެވިފައިވާ ޤަވާޢިދެއްގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އަކުރަކާއި ފިއްޔަކާއި ބަހަކާ ވެސް އެމަނިކުފާނު ޚިލާފުވެވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޕާޓީގެ ރައީސެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ވާޖިބަކީ މިފަހަރު އެންމެގިނަ ގޮނޑި ޕާޓީއަށް ހޯދައިދިނުން. އަޅުގަނޑު އެކަންކުރަން މިޖެހެނީ ޕާޓީގައި ލިޔެފައިވާ ހިންގާ ޤަވާޢިދާ އެއްގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއްގެ ތެރެއިން ވެސް އަމާޒަކަށް ހަދަންޖެހެނީ އެޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބޭނެ ގޮތެއް ހޯދުން ކަމަށެވެ. "އިރާދަކުރެއްވިއްޔާ މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށްބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ ހޯދާނެ. މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެ އިންތިޚާބުގައި ވެސް މިގޮތަށް މަސައްކަތް ކުރަން އަޅުގަނޑަށް ނުލިބޭ. އަޅުގަނޑު މިފަހަރު މިހުރީ މިގޮތަށް މިމަސައްކަތް ކުރަން ނުކުމެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕާޓީއަށް އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދައިދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.