އުފާވެރި ހަޔާތަކަށްޓަކައި ފޮތުގެ މުހިއްމުކަން ވަރަށް ބޮޑު

އިންސާނީ ތާރީޚުގެ ފަތްފުށްތަކަށް ބަލައިލާއިރު، ފޮތްކިޔައިގެން ހޯދާ ފަރުވާ ( ބިބިލިއޯ ތެރަޕީ ) ގެ ފެށުން އޮތީ އަޅުގަނޑުމެން ހައިރާންވާހައިވެސް ދުރު މާޒީއަކާއި ގުޅިފައެވެ! ޢީސާ ޢަލައިހިއްސަލާމްގެ ފަންސާހަކަށް އަހަރު ކުރިން ނިޔާވި، ގަދީމީ ޔޫނާނަށް އުފަން ތާރީޚީ އިލްމުވެރިޔާ 'ސިސިލީގެ' ޑިއޮޑޯރަސް ލިޔުއްވި " ދުނިޔޭގެ ތާރީޚު '' ( މިއީ ސާޅީސް ފޮތުގެ މައްޗަށް އެކުލެވޭ ފޮތްބައެކެވެ) މި ފޮތްބައިން ފޮތެއްގައި، ގަދީމީ މިސްރުގެ މަޝްހޫރު ފިރްޢައުނު ރަމްސީސް ދެވަނަ ( ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ' މޫސާގެފާނުގެ ފިރްޢައުނު' ) ފެއްޓެވި ކުތުބުޚާނާއަށް ވަންނައިރު މައި ދޮރުގެ މަތީގައިވާ ލިޔުމުގައިވާ އިބާރާތަކީ  " ފުރާނައަށް ފަރުވާދެވޭ ގެ" މިހެންނެވެ! އިލްމުވެރިން ދެކިލައްވާ ގޮތުގައި މިއީ މިފަދަ ޝިއާރެއް، ކުތުބުޚާނާއެއްގައި ބޭނުން ކުރެވުނު ފުރަތަމަ ފަހަރެވެ!  ރަމްސީސް ދެވަނަ ދުނިޔޭގައި އުޅުއްވީ، ޢީސާ ޢަލައިހިއްސަލާމް އުފަންވުމުގެ ތޭރަ ގަރުނު ކުރިންނެވެ! މީގެ އަށެއްކަ ގަރުނު ކުރިން، މިސްރުގެ އަލްމަންސޫރު ހޮސްޕިޓަލުގައި، ކީރިތި ޤުރުއާން ކިޔެވުން ( މާޔޫސްވެ ދުނިޔެމަތިން ފޫހިވެފައިވާ މީހުންނަށް)  ހުރި ފަރުވާއެއްގެ ގޮތުގައި ޑަކްޓަރުން އިރުޝާދު ދެއްވިއެވެ!

އަމިއްލަ ނަފްސު ތަރައްގީކޮށް އިސްލާހުކުރުމާއި ހުތުރު އާދަތަކުން ދުރުހެލިވެ، ރީތި އާދަތައް އަމިއްލަ ނަފްސުގައި އަށަގެންނުވޭނެ ތަފާތު ގޮތްގޮތުގެ އިރުޝާދު ދޭ ފޮތްފޮތުން އެތައް ކުތުބުޚާނާއެއްގެ ހަރުތައް އެވަނީ ފުރިފައެވެ. ޗާޕުކޮށް ފޮތް ބާޒާރަށް ނެރެ އެ ވިޔަފާރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި، ކޮންމެ ތިރީސް ސިކުންތަކުން އާ ފޮތެއް ވުޖޫދުވެއެވެ! ވީމާ ލައްކަ ފޮތް ލިޔެވިފައި ހުންނާނެ ނޫންތޯއެވެ؟ ކިޔާނެ ނުކިޔާނެ ފޮތެއް ނޭނގި، ތިމާ އެ ދުވަސްވަރެއްގައި ހުރި ނަފްސީ ހާލަތާއި، ތައުލީމީ ފެންވަރާއި ވަގުތު އޮތްވަރަކުން އެމީހަކާއި އެކަށީގެންވާ ރަނގަޅު ފޮތެއް،  ހޯދައިދޭ ކުންފުނިތައްވެސް މިހާރު އެބަ ހުއްޓެވެ!

ހަގީގަތުގައި އިންސާނާގެ އުފާވެރިކަން އިތުރުވަނީ އިސްވެ ދެންނެވުނު، އަމިއްލަ ނަފްސު ތަރައްގީ ކުރުވާ ފޮތްބައިން އެކަންޏެއް ނޫނެވެ. މިހާރުގެ ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި ޚިޔާލީ ވާހަކައަކީ، ހިތާމަވެރި، އެކަނިވެރި ދުވަސްކޮޅެއްގައި ތިމާގެ ނަފްސާނީ ހާލަތު ހިއްލާލައި، މޫނަށް ހިނިތުންވުމެއް ގެނެސްދޭން ހަމަ އެއްވަނައިގެ ވަސީލަތެކެވެ! ފޮތްވިއްކާމީހުންގެ ހިސާބުތަކުން ދައްކާގޮތުގައި، ހަގީގީވާހަކައާއި މަޝްހޫރު މީހުންގެ ޒާތީ ސިޔަރަތާއި އިސްކޫލުގައި ކިޔަވައިދޭ ފޮތްފޮތަށްވުރެ ގިނައިން ވިކެނީ ޚިޔާލީ ވާހަކައެވެ!

ފޮތްކިޔުމުން ތިމާއަށް އެންމެ ފޮތަކުން، އެ ފޮތް ކިޔާ ދުވަސްވަރު އެ ދިމާވަނީ ތަފާތު މީސްމީހުންގެ ތަފާތު ދިރިއުޅުމާއި، ތަފާތު ތަޖުރިބާ ތަކެކެވެ. އަޅުގަނޑުމެންގެ އަދީބު އަލް މަރުޙޫމު އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު  ލިޔުއްވި “ހާޖަރާގެ ހިތާމަ” އަކީ ދިވެހި އަދަބިއްޔާތުގެ ނަމޫނާއެއްގެ ގޮތުގައި ހިމެނޭ ވާހަކައެކެވެ. ބޭރު މީހަކަށް، ދިވެހިރާއްޖެ ނައިސް، ދިވެހީންގެ ހާލަތު ބަޔާންކޮށްދޭ ވާހަކައެއް ނޫންތޯއެވެ. ހަމަ އެފަދައިން ދޮންހިޔަލާއި އަލިފުޅު ފަދަ ޚިޔާލީ ވާހަކައިން މިފަދަ ކަންކަން ދިރާސާ ކުރާ އިލްމުވެރިންނަށް އެދުވަސްވަރުގެ ދިވެހީންގެ ދިރިއުޅުމުގެ ހާލަތާއި ވިސްނުން ހާމަވާނެއެވެ.

ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި ފޮތްކިޔުން އާދަ ކުރުމުން، ކަންކަމަށް ވިސްނާއިރު މައްސަލައެއް ބައިބަޔަށް ބަހާލައި، ތަހުލީލީ ގޮތަކުން ވިސްނަން ދަސްވެއެވެ. މިފަދަ ވިސްނުމެއްގެ ސަބަބުން ފޮތްފޮތުގައި އުޅޭ މީސްމީހުން ނުވަތަ އަސްލު ދިރިއުޅުމުގައި  މީސްމީހުން ކަންތައް ކުރާގޮތް، ނުވަތަ ވަކި ކަމެއް ވަކި ގޮތަކަށް ކުރި ސަބަބު ދެނެގަންނަން ފަސޭހަވެއެވެ. އަދި ޚިޔާލީ ވާހަކައިގެ ސަބަބުން، އެފަދަ ފޮތްފޮތް ކިޔާމީހުން، އިޖުތިމާއީ ގޮތުން ބަލާއިރު އެހެން މީހުންނާއި ގުޅޭގޮތް ހުރުމާއި އެހެން ގައުމު ގައުމާއި އެހެން ދީންދީނާއި އާދަ ކާދައިގެ މީހުންގެ ހާލަތު ވިސްނައިގަންނަން ފަސޭހަ ކަމަށް ވެއެވެ. މީގެ މާނައަކީ މިވެނި ބަޔަކު ވަކި ކަމެއް ކުރީ ކީއްވެކަން ދެނެގަނެ އެކަން ފަސޭހައިން އޮޅުން ފިލުމުވެ. އެމީހުން ކުރިކަމަކާއި ހަމްދަރުދީވުމެއް ނޫނެވެ.

ނަފްސާނީ އިލްމާއި ގުޅުންހުރި ދިރާސާ ޝާއިއުކުރާ އިލްމީ މަޖައްލާއެއްގައި ފައިބެ އަހަރު ހާމަކުރި އިލްމީ ދިރާސާއެއްގައިވާ ގޮތުން، 1997 ގައި ނިކުންނަން ފެށި ހެރީ ޕޮޓަރ ސިލްސިލާ ކީ އިނގިރޭސި، އިޓަލީ ޒުވާނުން އެ ގައުމުގައުމުގައި ދިރިއުޅެން ހިޖުރަކުރާ މީހުންނާއި މެދު ދެކޭ ހަރުކަށިކަން ކުޑައެވެ. އެމީހުންގެ އަމިއްލަ ގައުމު ދޫކޮށް މާ ދުރުހިސާބަކަށް ދިރިއުޅުން ބަދަލުކުރަން ޖެހުން މި ފޮތްބައި ކީ ޒުވާނުންނަށް ގަބޫލުކުރަން އެނޫން ޒުވާނުންނަށްވުރެ ފަސޭހަ ކަމަށް ވެއެވެ! ( މި ދެންނެވި ދިރާސާ އަކީ ” ޖާރނަލް އޮފް އެޕްލައިޑް ސައިކޮލޮޖީ” ގައި ، ކުރެވުނު ތިން ދިރާސާއެއްގެ މައްޗަށް ބިނާކޮށް ޝާއިއުކުރި ދިރާސާއެކެވެ.) ޕީއެޗްޑީ އަށް ކިޔަވަމުން ދިޔަ ދަރިވަރު David Comer Kidd އާއި އޭނާގެ އުސްތާޒު  Emanuele Castano ވެސް ޚިޔާލީވާހަކަ (  fiction ) ކިޔާމީހުންގެ ސިކުނޑީގައި، އެހެން މީހުންގެ ހާލު ފަސޭހައިން ދެނެގަނެވޭބާރު އިތުރު ކަމަށް ދޭހަވާ ދިރާސާއެއް، 2013 ވަނަ އަހަރު ޝާއިއު ކުރިއެވެ.

ރީތި ވާހަކަފޮތެއް ކިޔާއިރު، އަޅުގަނޑުމެން އެ ވާހަކައިގެ ތެރެއަށް ވަދެވި، އެވާހަކާގައި އުޅޭ މީސްމީހުންނާއި ބައެއް ފަހަރު ހަމްދަރުދީވެ، އަނެއްބައިފަހަރު ރުޅިއައިސް ލައްކަ ގިނަ ޖަޒުބާތު އެ ވާހަކައިގެ ތެރެއަށް ދޫކުރެވެއެވެ. އަދި ފޮތެއް ނިމި ހަމަޖެހިލެވުމުން ކިޔުނު ވާހަކައިން ލައްކަ ހިތްވަރާއި އިބުރަތްވެސް ލިބޭމެއެވެ.  2012 ވަނަ އަހަރު، އެމެރިކާގެ އޮހާޔޯ ސްޓޭޓް ޔުނިވަރސިޓީގައި ކުރެވުނު ދިރާސާއެއްގައި، ” ކިޔަމުންދާ ވާހަކަޔަކަށް ތިބާގެ ހިއްސުތައް ދޫކޮށްލުމުން، އަސްލު ދިރިއުޅުމަށްވެސް އަސަރު ފޯރާ ” ކަމަށް ބަޔާންކޮށްފައިވެއެވެ!  އިލްމީ އެއް ތަޖުރިބާގައި، ބައިވެރިންނަށް ކިޔަން ދިން ވާހަކައެއްގައި، އެވާހަކައިގައި އުޅޭ މައި ޝަޚުސިއްޔަތު، އޭނާގެ އާންމު ހާލަތު ބަދަލުކުރީ ވޯޓުން ހޮވި، އެމީހުން މަތިން ވާހަކަ ދައްކާނޭ މަންދޫބުން ލައްވައެވެ. މިވާހަކަ ކިޔައި ނިންމި މީހުން އާންމު ދިރިއުޅުމުގައިވެސް، ވޯޓުދިނުމަށް އިތުރު ފަރުވާތެރިކަމެއް ބެހެއްޓިކަމަށްވެއެވެ!

އަޅުގަނޑުމެން ގަންނަ އަމިއްލަ ނަފުސު އިސްލާހުކޮށް ތަރައްގީކުރާ ބައެއް ފޮތްފޮތުގައި، ކަންކަން އިސްލާހު ކުރާނޭ ފިޔަވަޅުތައް ކިޔައިދީފައި ހުރެއެވެ. ނަމަވެސް އަދަބީ ފޮތްފޮތުގައި އެހާ ސާފުކޮށް އެކަހަލަ ކަންކަން ކިޔައި ނުދިންނަމަވެސް، އަތްދޫކޮށްލާހިތްނުވާ ކަހަލަ ބާރުގަދަ ފޮތްފޮތުގައި ހުރި އަސަރެއްގެ ސަބަބުން އަޅުގަނޑުމެން ކިޔާ މީހުންނަށް، ކަންކަމުގައި އިސްނެގުމަށް ޚާއްސަ ހިތްވަރު ލިބި، ތަފާތު މައުލޫމާތު ލިބެއެވެ. ކުރުވާހަކައިން ހިތްހަމަޖެހުމާއި އަމިއްލަ ނަފްސާއި މެދު ފުންކޮށް ވިސްނަން ދަސްވެއެވެ. އަދި މީގެ އިތުރުން، ޅެން ކިޔުމުން ސިކުނޑީގައި ހަނދާނަށް ޚާއްސަ ކުރެވިފައިވާ ބަޔާއި ގުޅުވައިދޭކަމަށްވެއެވެ.

ލިޔުންތެރިޔާ Jane Smiley ލިޔުއްވާ ގޮތުގައި ” އަޅުގަނޑު ފަދަ ވަރަށް ގިނަ މީހުންނަށް، ރަނގަޅު ފޮތެއްގައި އަތް ބީިހިލުމުންވެސް، ( ފޮތް ކިޔުމުގެ ކުރިންވެސް) ހިތްހަމަޖެހުން ލިބެން ފަށައެވެ. ބައެއް ފޮތްފޮތުން އަޅުގަނޑުމެނަށް އެ ހުށަހަޅައިދެނީ އަޅުގަނޑުމެން އަމިއްލައަށް ދައްކަން ޖެހިލުންވާ ވާހަކަތަކެވެ. އަދި ތިމަންނާއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ އެހެން މީހުންނަށްވެސް ދިމާވެފައިހުރި ކަންކަން ލައްކަ ގިނަފަހަރު ފޮތްފޮތުން ހާމަވެއެވެ!

ކިޔާފޮތްފޮތުން ފަރުވާ ހޯދުމަކީ ނަފްސާނީ އިލްމުވެރިންނާއި އިޖްތިމާއީ ކަންކަމުގައި އުޅޭ މީސްމީހުން ( ކައުންސެލަރުން) ގެ އިތުރުން ލައިބްރަރީ ސައިންސުގެ މާހިރުން ކުރަމުން އަންނަ ކަމެކެވެ. އިސްވެ ދެންނެވުނު ފަދައިން، ގަދީމީ ޔޫނާނީންނާއި ގަދީމީ މިސްރު މީހުން، އެމީހުންގެ ކުތުބުޚާނާތަކަށް ވަންނައިރު، ވަންނަމީހުން އެ ވަންނަނީ ފުރާނައަށް ފަރުވާލިބޭނެ ތަނަކަށް ކަން އަންގައިދޭ ލިޔުން، ނުވަތަ މޮޓޯއެއް މީގެ އެތައް ހާސް އަހަރެއް ކުރިން ބަހައްޓަން ފަށައިފިއެވެ. މާފަހުން، އައްބާސީ ޚަލީފާ ހާރޫނުއް ރަޝީދުގެ ދުވަސްވަރު ކުތުބުޚާނާ އަށް ” ދާރުލް ޙިކްމާ ”  ނަން ދެވިފައިވެއެވެ. އެއީ ހިކްމަތުގެ ގެ ނުވަތަ ބުއްދީގެ ގެ ނަމުންނެވެ!

1941ގައި ޝާއިއު ކުރެވުނު ބޭސްވެރިކަމާބެހޭ ބަސްފޮތެއްގައި، ‘ ބިބްލިއޮގްރަފީ’ އަކީ، ” ނަފްސާނީބަލީގެ ތެރެއިން އަވަހަށް ބިރުގަތުން، ރުޅިއައުން ފަދަ ބަލިބައްޔަށް، ފޮތުންނާއި ، ފޮތްކިޔުމުން ހޯދައިދެވޭ ފަރުވާ” މިހެން ލިޔެފައިވެއެވެ.

ފޮތްކިޔުމުގެ ފަރުވާ އަކީ ޖަލުގައި ތިބި އެންމެ ހަރުކަށި، ގަދަބަދަވި ގައިދީންނަށްވެސް ވަރަށް ރަނގަޅު ފަރުވާއެއްކަމަށްވެއެވެ. ގައިދީންގެ އިތުރުން، މުސްކުޅިވެ ހަނދާންނެތޭބަލީގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ މީހުންނަށްވެސް، ތަޖުރިބާލިބިފައިވާ އެދުރުންގެ އިރުޝާދު ދަށުން، ވަކި ފޮތްތަކެއް އެކަށައަޅައިދެއެވެ. ވަކިވައްތަރެއްގެ ފޮތް މާ ގިނައިން ކިޔުމުންވެސް ބައެއް މީހުންނަށް، އެ ބާވަތުގެ ފޮތް މަދުކޮށް، އެހެން ފޮތް ކިޔަން އަންގައި އިރުޝާދު ދެވިފައިވެސް އެބަހުއްޓެވެ. އެންމެ ފާހަގަ ކުރެވެ އެކަކީ، މާ ގިނައިން ހަނގުރާމައިގެ ވާހަކަތައް ކިޔައި އެކަމުގެ އުނދަގޫ އުފުލި މީހެކެވެ! ފޮތްކިޔުމުން ފަރުވާހޯދައިދިނުމުގައި އެންމެ ނަންހިނގާ ދެ އިނގިރޭސިން، އަންނަ އަހަރު ކުޑަކުދިންނަށް އަމާޒުކުރާ ފޮތުގެ ނަމަކީ،  “A Spoonful of Stories, އާދެ، އެއް ސަމުސާ ބޭހުގެ ބަދަލުގައި އެއް ސަމުސާފުރާ ފޮތެވެ! މިއީ ކުޑަކުދިންނަށް، އެކި ކަންތައް ދިމާވެ ހިތްހަމަނުޖެހި އުޅެން ދިމާވެއްޖެ ނަމަ ކިޔާނެ ރަނގަޅު، އުމުރާ ގުޅޭ ފޮތްފޮތުގެ ލިސްޓެކެވެ!

2011 ވަނަ އަހަރު Annual Review of Psychology މަޖައްލާގައި ޝާއިއު ކުރި ދިރާސާއެއްގައި ވާގޮތުން ވާހަކަ ފޮތްފޮތުގައި، ޖަޒުބާތުގެގޮތުން ފޯރިގަދަ ހިސާބެއް ކިޔުންތެރިން ކިޔާހިނދު ކުރެވޭ ސިކުނޑީގެ ސްކޭނުން ދައްކަނީ، ހަމަ އެފަދަ ކަމެއް އަސްލުގައި އިހްސާސްކުރާއިރުވެސް ސްކޭނުން ދައްކާ ގޮތަށެވެ!

އިސްވެދެންނެވިފަދަ ދިރާސާތައް ކިތަންމެ ގިނަނަމަވެސް، ބައެއް ލިޔުންތެރިން ދެކޭ ގޮތުގައި، ފޮތްކިޔުމަކީ ބަޔަކު އެކީގައި އެއްގޮތަށް ކުރާކަމެއް ނޫނެވެ. އެއްކަމަކަށް އެކި މީހުންގެ ޚިޔާލު ހުންނަނީ ތަފާތު ގޮތްގޮތަށެވެ. ޚިޔާލީ ވާހަކައެއްގައި އުޅޭ ޚިޔާލީ މީހެއްގެ ބަދުނަސީބު، ކިޔުންތެރިންގެ ވަރަށް ގިނަމީހުން ދެކެނީ، އެމީހުން ދަންނަ މީހުންނަށް އެފަދަ ކަމެއް ދިމާވެއްޖެނަމަ ވިސްނުން ބަހައްޓާނެ ގޮތަކަށް ނޫނެވެ! ” ތެދެކެވެ، ފޮތްކިޔުމަކީ ހެޔޮގޮތުގައި ވަގުތުގެ ބޭނުންކުރުމެވެ، ދިރިއުޅުމުގެ ބައެއް އުނދަގޫކަންކަމުން އެއްފަރާތައްޖެހިލައި ވާހަކަޔަކަށް ވާގި ދޫކޮށްލައި ހިތްހަމަ ޖައްސައިލުމެކެވެ. ފޮތަކީ އޭގެ ޒާތުގައި މީހުންގެ ދިރިއުޅުމާއި ވިސްނުމާއި އާދަތައް ބަދަލުކުރުވާނޭ އެއްޗެއް ނޫނެވެ!”

މިފަދަ އިދިކީލި ޚިޔާލު ބަޔަކު ހާމަ ކުރިނަމަވެސް، ޚިޔާލީ ވާހަކަ ކިޔަމުންދާއިރު، އަޅުގަނޑުމެނަށް ފުން އަރާމެއް ލިބޭކަމާއި ޚާއްސަ އުފަލެއް ލިބޭކަމީ މިހާރު އިލްމީގޮތުން ސާބިތުކުރެވިފައިވާ ކަންކަމެވެ! އާދަވެގެން ފޮތްކިޔާ މީހުންގެ ނިދި ފުންވެފައި، ނިދިން ހޭލާއިރު ލިބިފައިވާ ހިތްހަމަޖެހުން، އެނޫންމީހުންނަށްވުރެ އިތުރެވެ.  ކަންކަމާއި ހާސްވެގެން އުޅުން މަދެވެ. އަމިއްލަނަފްސު ދެކޭލެއް މާ އީޖާބީވެފައި މާޔޫސްވާބަލި، ފޮތާއި ބީރައްޓެހި މީހުންނަށްވުރެ ދުރެވެ!

ވީމާ، އެކުވެރި ރަހުމަތްތެރިއަކަށް، ލޯބިވާ ތިމާގެ މީހަކަށް ދޭން އެންމެ ރަނގަޅު ހަދިޔާ އަކީ ފޮތެއް ނޫންބާއެވެ؟ ދަރިންނަށް ދެވޭ އެންމެބޮޑު އެއް ހަދިޔާ އަކީ، އެކުދިން ޅަފަތުގައި ފޮތްކިޔުމަށް ހޭނުވުން ނޫންބާއެވެ؟

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.