އަފްޣާނިސްތާނުގެ މެދުތެރޭގަހުން އަފްޣާން ސިފައިންގެ އަސްކަރީ މަރުކަޒަކަށް ޠާލިބާން ހަނގުރާމަވެރިން އިއްޔެ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަވެއްޖެއެވެ.
އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ މަސްއޫލުވެރިއަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރައެވެ. "އަސްކަރީ ތަމްރީނުދޭ މަރުކަޒެއްގެ ތެރޭގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 126 މީހުން މަރުވި ކަމުގެ މައުލޫމާތު އަހަރުމެންނަށް ލިބިފައިވޭ." އޭނާ ވިދާޅުވިކަމަށް ނޫސްތަކުން ޚަބަރުދީފައި ވެއެވެ.
މައިދާން ވަރްދަކް ޕްރޮވިންސްގެ ފަރާތުން ވާހަކަދެއްކެވި ޢަބްދުއްރަޙްމާން މަންގަލް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި އަސްކަރީ މަރުކަޒަށް ހަމަލާދީފައިވަނީ ޠާލިބާންގެ 4 ހަނގުރާމަވެރިންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އޭނާގެ އުނަގަނޑުގައި އޮތް ގޮވާތަކެތީގެ ބެލްޓެއް ގޮއްވާލާފައެވެ. އެއާއެކު ދެން ތިބި ތިން މީހުން ސިފައިންނަށް ބަޑިން ހަމަލާދޭން ފެށީއެވެ. އޭނާ ވިދާޅުވިގޮތުގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ ގިނަވާނެއެވެ.
އެ ޕްރޮވިންސުގެ ޕްރޮވިންޝަލް ކައުންސިލްގެ މެންބަރެއް ކަމުގައިވާ ޝަރީފު ހޮތަކް ވިދާޅުވިގޮތުގައި، މަރުވެފައިވާ 35 މީހެއްގެ ހަށިގަނޑު އޭނާ ދެކެވަޑައިގަތެވެ.
"އެއަށްވުރެ މާ ގިނަ މީހުން މަރުވި. އެތައް ބައެއްގެ ހަށިގަނޑު ވަނީ ކާބުލްއަށް ގެންގޮސްފައި. ޒަޚަމްވި ގިނަ ބަޔަކު ވަނީ ކާބުލްގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައި. އަފްޣާން ސިފައިންގެ ހިތްވަރު ބަލިވެދާނެތީ ސަރުކާރުން ދަނީ ހަގީގީ އަދަދު ފޮރުވަމުން." އޭނާ ވިދާޅުވިއެވެ.
2014 ވަނަ އަހަރު ބޭރު ގައުމުތަކުގެ ގިނަ ސިފައިން އަފްޣާނިސްތާނޫ ދޫކޮށް ދިޔަފަހުން ޠާލިބާނުންގެ ބާރު ގަދަވަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
ހޯމަ ދުވަހު ދިން ހަމަލާއަކީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހު ޣަޒްނީ ޕްރޮވިންސުގައި ޠާލިބާނުން ދިން ހަމަލާގައި 150 މީހުން މަރާލިފަހުން، އެ ޖަމާއަތުން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.
މިފަހަކަށް އައިސް އަފްޣާން ސަރުކާރުން ވަނީ މިފަދަ ހަމަލާތަކުގެ މަރުވާ މީހުންގެ ހަގީގީ އަދަދު ހަމާކުރުން ހުއްޓާލާފައެވެ. އެހެންނަމަވެސް، އެމެރިކާގެ އަސްކަރީ ކޮމާންޑަރުން ބުނާގޮތުގައި މަރުވާ ސިފައިންގެ އަދަދު "ހިފަހައްޓާލެވޭ ވަރަށްވުރެ" ގިނައެވެ. އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ފާއިތުވި އަހަރު ވިދާޅުވެފައި ވާގޮތުގައި 2015 ވަނަ އަހަރުން ފެށިގެން އެގައުމުގެ ސަލާމަތީ ބާރުތަކުގެ 28 ހާސް މީހުން މަރުވެފައި ވެއެވެ.