ޖަނަވަރީ 2018 ގައި އޮމާނުގެ މިނިސްޓްރީ އޮފް މޭންޕަވާއިން އެގައުމުގެ ގިނަ ވަޒީފާތަކަކަށް ބިދޭސީން ގެނައުން މަނާކުރި ފަހުން މި ޖަނަވަރީ މަހު އަހަރެއް ފުރުނު އިރު، އެގައުމުގެ 68 ހާސް ރައްޔިތުން އަމިއްލަ ކުންފުނިތަކާއި ސަރުކާރުން ވަޒީފާ ލިބިފައިވާ ކަމަށް އޮމާނުން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް މޭންޕަވާގެ ޕަބްލިކް އޮފް މޭންޕަވާގެ ރަޖިސްޓާ ދައްކާ ގޮތުގައި ފާއިތުވި އަހަރު އަމިއްލަ ކުންފުނިތަކުން 64386 އޮމާނު ރައްޔިތުންނަށް ވަޒީފާދީފައި ވާއިރު، ސަރުކާރުގެ ކުންފުނިތަކުން 4125 ވަޒީފާދީފައި ވެއެވެ.
ފާއިތުވި އަހަރު ޖަނަވަރީ މަހު މިނިސްޓްރީ އޮފް މޭންޕަވާއިން ވަނީ 87 ދާއިރާއަކަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުން މުޅިން މަނާކޮށްފައެވެ. އެ ދާއިރާތަކުގެ ތެރޭގައި އިންފޯމޭޝަން ޓެކްނޮލޮޖީ، އެކައުންޓިންގ، ފައިނޭންސް އަދި ސޭލްސް އެންޑް މާކެޓިންގ ފަދަ ދާއިރާތައް ހިމެނެއެވެ.
އޮމާނުގެ ނޭޝަނަލް ސެންޓާ ފޯ ސްޓެޓިސްޓިކްސް އެންޑް އިންފޯމޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެންބަރު 2017 އިން ފެށިގެން ނޮވެންބަރު 2018 ގެ ނިޔަލަށް އޮމާން މީހުންނަށް ވަޒީފާ ދިނުމުގެ ސަބަބުން 60807 ބިދޭސީ މަސައްކަތްތެރިން އޮމާން ދޫކޮށް ގޮސްފައި ވެއެވެ.
އޮމާނަކީ ގަލްފުގެ އަރަބި ގައުމަކަށް ވާއިރު، އެ ގައުމުތަކަކީ ގިނަ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން ބޭނުންކުރާ ގައުމުތަކެކެވެ. އޮމާނުގެ މަސައްކަތެރީންގެ %71 އަކީ ބިދޭސީންނެވެ. ޤަޠަރުގައި މި އަދަދު %95 ގައި ހުރި އިރު، ޔޫއޭއީގައި ހުރީ %94 ގައެވެ. ކުވޭތުގެ މަސައްކަތް ތެރިންގެ %83 އަކީ ބިދޭސީންނެވެ. ބަހުރޭނުގައި ވެސް މަސައްކަތްތެރިންގެ %64 އަކީ ބޭރުމީހުންނެވެ. މިއަދަދު އެންމެ ދަށީ ސައޫދީ އަރަބިއްޔާގައެވެ. އެ ގައުމުގެ މަސައްކަތްތެރިންގެ ތެރޭގައި ބިދޭސީންގެ ނިސްބަތަކީ %49 އެވެ.
އޮމާނުން މިފެށިފަދަ، ބިދޭސީން މަދުކުރުމުގެ ސިޔާސަތެއް ގަލްފުގެ އެހެން ގައުމަކުން އަދި ފަށާފައި ނުވެއެވެ.