އުމުރުން 18 އަހަރަށްވުރެ ހަނގު ކުދިން ރޭގަނޑު ވަކި ގަޑިތަކެއްގައި ބޮޑުމީހަކު އެކުގައި ނެތި ބޭރުގައި އުޅުން މަނާކުރަން މެލޭޝިޔާ ސަރުކާރުން ވިސްނަމުންދާ ކަމަށް މެލޭޝިޔާ ނޫސްތަކުން ޚަބަރު ދީފިއެވެ. އެއީ ނުރަނގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަނުން ހުއްޓުވުމުގެ ބޭނުމުގައެވެ.
މި ކަމާމެދު ބަހުސުކޮށް ވާހަކަ ދެކެވިފައިވަނީ ބޮޑުވަޒީރުގެ ނާއިބު ދާތުކް ސެރީ ވާން އަޒީޒާ ވާން އިސްމާއީލުގެ ރިޔާސަތުގައި ބޭއްވުނު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމާ ބެހޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ކޮމިޓީގައި ވާހަކަދެއްކެވި މެންބަރު ގަބޫލުކުރައްވާ ގޮތުގައި ރޭގަނޑު ގެއިން ބޭރުގައި ކުދިން އެކަނި އުޅުން މަނާކުރެވިއްޖެނަމަ، މަސްތުވާތަކެތީގެ އަވައިގައި ޖެހި، ނުބައި އަމަލުތަކުގެ ތެރެއަށް އެކުދިން ވަނުމުގެ ފުރުސަތު ކުޑަވާނެއެވެ.
މަސްތުވާތަކެތި ބޭންކުރުމާއި، ތެރަސްފަދަ ތަކެތީގެ ވަހުން މަސްތުވުންފަދަ އަމަލުތަކަށް ފާރަލައި، އެކަން ކުރާ މީހުން ހުއްޓުވައި، އެމީހުންނަށް ފަރުވާދިނުމުގެ އުސޫލުތައް ކަނޑައަޅާ ގާނޫނެއް ތައްޔާރުކުރުމާ މެދުވެސް ބައްދަލުވުމުގައި ވާހަކަދެކެވިފައި ވެއެވެ.
"އަހަރުމެން މިދަނީ އައިސްލޭންޑުގައި އަމަލުކުރާ ސިޔާސަތު ދިރާސާކުރަމުން. އެއީ އަހަރުމެންނަށް ނަކަލުކުރެވިދާނެ ސިޔާސަތެއް. އެކަން އެއީ ފަސޭހަ ކަމަކަށް ނުވެދާނެ. އެހެންނަމަވެސް އަހަރުމެންނަށް ގަބޫލުކުރެވެނީ އެއީ ކުރަންވެއްޖެ ކަމެއް ކަމުގައި. އަދި (އެފަދަ ސިޔާސަތަކަށް އަމަލުކުރުމުން) ޒުވާނުން ނޭދެވޭ އަމަލުތަކުގައި ހަރަކާތްތެރިވުން ހުއްޓުވޭނެ." ވަޒީރުންގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ވާން އަޒީޒާ ވިދާޅުވިއެވެ.
އައިސްލޭންޑްގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 12 އަހަރުން ދަށުގެ ކުދިންނަށް ބޮޑު މީހަކާ އެކުގައި މެނުވީ ރޭގަނޑު 8:00 ގެ ފަހުން ބޭރުގައި ނުއުޅެވެއެވެ. އަދި ގަބޫލުކުރެވޭފަދަ ހަރަކާތަކުން ނުވަތަ ސްކޫލްތަކާއި، ކުޅިވަރު ޖަމާއަތްތަކާއި، ޒުވާނުންގެ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތެއްގައި ބައިވެރިވުމަށް މެނުވީ 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި ނުއުޅެވެއެވެ.
މި ގާނޫނާ ޚިލާފަށް ބޭރުގައި އުޅޭ ކުދިން ގެންދަނީ ޕޮލިސް ސްޓޭޝަނަށެވެ. އަދި ދޫކޮށްލަނީ ބެލެނިވެރިއަކު ބަލާ އައުމުންނެވެ.
މެލޭޝިޔާ ސަރުކާރުން މިފަދަ ގޮތަކަށް ވިސްނިނަމަވެސް، އާއްމުން ގިނަބަޔަކު މިކަމާ ދެކޮޅެވެ. މެލޭޝިޔާގެ ދަ ސްޓާރ ނޫހުން ނެގި ޚިޔާލުހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ %49 ވަނީ މިފަދަ ގާނޫނެއް ހެދުމާ ދެކޮޅު ހަދާފައެވެ.