ޗައިނާ ސަރުކާރުގެ ލޯނާއި ހިލޭ އެހީން ޕާކިސްތާނުގައި ހިންގާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ގެ މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެން ނަވާޒު ޝަރީފުގެ ސަރުކާރުން ފަށާފައިވާ ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް ބޮޑު ވަޒީރު އިމްރާން ޚާނުގެ ސަރުކާރުން ހުއްޓުވައިފިއެވެ.
ޕާކިސްތާނު ސަރުކާގެ ބައެއް އިސްވެރިންނާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ރަހީމްޔާންޚާންގައި ފަށާފައިވާ 1320 މެގަވޯޓުގެ ކަރަންޓު އުފައްދުމުގެ މަޝްރޫއު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕާކިސްތާނު ސަރުކާރުން މިހާރު ވަނީ ޗައިނާއަށް އަންގައިފައެވެ.
1.6 ބިލިއަން ޑޮލަރު ހޭދަކުރަން ހަމަޖެހިފައި އޮތް މި މަޝްރޫއު ދަށުން ބިނާކުރަން ނިންމާފައި އޮތީ ބޭރުން އިމްޕޯޓުކުރާ ބޯޓުދެލިން ހިންގާ އިންޖީނުގެއެކެވެ.
ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބޭއްވުނު ދެގައުމުގެ ޖޮއިންޓް ކޯޑިނޭޝަން ކޮމިޓީ (ޖޭސީސީ) ގެ ބައްދަލުވުމުގެ ތެރޭގައި ޕާކިސްތާނުގެ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު މަޚްދޫމް ވަނީ މި މަޝްރޫއު ކެންސަލްކުރުމަށް ޗައިނާއަށް ހުށަހަޅުއްވާފައި ކަމަށް ޚަބަރު ލިބެއެވެ.
އަނެއްކޮޅުން، ޕާކިސްތާނުގެ އަރަބި ކަނޑުގެ އައްސޭރީގައި ޗައިނާއިން ތަރައްގީކުރާ ގުވަދާރު ބަނދަރުގައި ސައޫދީ އަރަބިއްޔާ 10 ބިލިއަން ޑޮލަރުގެ ތެޔޮ ރިފައިނަރީއެއް ބިނާކުރަން ނިންމައިފިއެވެ. ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިކަން ހާމަކުރައްވާފައި ވަނީ ސާއޫދީ ހަކައާ ބެހޭ ވަޒީރު ޚާލިދު އަލްފާލިޙުއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މި އިންވެސްޓްމަންޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނު ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އަދި ސައޫދީ އަރަބިއްޔާ އިން ޕާކިސްތާނުގެ އެހެން މަޝްރޫއުތަކެއްގައިވެސް އިންވެސްޓްކުރާނެއެވެ.
"ސައޫދީ އަރަބިއްޔާ އިން މި ކާރުޚާނާ ގާއިމުކޮށްދިނުމުގެ ބޭނުމަކީ ޕާކިސްތުނު އިގްތިސާދީގޮތުން ހަމަޖެހުމަށް އެހީތެރިވެ ދިނުން. އަދި ޗައިނާ ޕާކިސް ތާން އިކޮނޮމިކް ކޮރިޑޯގެ ބައިވެރިއަކަށްވުން" ގުވަދާރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އަލްފާލިޙު ވިދާޅުވިއެވެ.
ސައޫދީން ވަނީ ފާއިތުވި އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި 6 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއްވެސް ޕާކިސްތާނަށް ދީފައެވެ.