ރިޕަބްލިކް އޮފް މެސެޑޯނިޔާގެ ގާނޫނު އަސާސީގައިވާ އެގައުމުގެ ރަސްމީ ނަން އިސްލާހުކޮށް، ރިޕަބްލިކް އޮފް ނޯދަން މެސެޑޯނިޔާއަށް ނަން ބަދަލުކުރުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
ނަމުގެ މައްސަލައިގައި އަވަށްޓެރި ގްރީސްއާ ދެމެދު އޮތް ޒަމާންވީ ދެބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާ ގަރާރު ފާސްކުރުމަށް ބޮޑުވަޒީރު ޒޮރާން ޒައޭވްއަށް ބޭނުންވާ އަޣުލަބިއްޔަތު އިއްޔެ ޖަލްސާގައި ވަނީ ލިބިފައެވެ. 120 މެންބަރުން ހިމެނޭ މަޖިލީހުގެ 80 މެންބަރުން ވަނީ ނަން ބަދަލުކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ.
ވެރިންކުރާ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާނު ވިދާޅުވިގޮތުގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަލްބޭނިޔާ ދަރިކޮޅުގެ މެންބަރުންވެސް ވަނީ ނަން ބަދަލުކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ. މެސެޑޯނިޔާގެ 2.1 މިލިއަން އާބާދީގެ ހަތަރު އެއްބައި މީހުންނަކީ އަލްބޭނިޔާ ދަރިކޮޅުގެ މީހުންނެވެ.
ނަމަށް މިގެނައި ބަދަލާއެކު ނޭޓޯއާއި އީޔޫގެ މެންބަރުކަށް އެދި ހުށަހެޅުމުގެ ދޮރު މެސެޑޯނިޔާއަށް ހުޅުވިގެންދާނެއެވެ.
ކުރީގެ ޔޫގޯސްލާވިޔާ ރޫޅިގެން ގޮސް 1991 ވަނަ އަހަރު މެސެޑޯނިޔާ މިނިވަންކަން އިއުލާންކުރި ހިސާބުން ނަމުގެ މައްސަލައިގައި އެގައުމުގެ އަވަށްޓެރި ގްރީސްއާއެކު ބޮޑު އަރައިރުމެއް ފެށިގެން ދިޔައެވެ. އަލަށް ގައުމެއްގެ ގޮތުގައި އިއުލާންކުރި މެސެޑޯނިޔާއާއި އިންވެގެން އުތުރަށް ގްރީސްގައި ހަމަ އެނަން ކިޔާ ޕްރޮވިންސެއް އޮންނާތީ ގްރީސްއިން ބުނަމުން ދިޔައީ އަލަށް އުފެދުނު ގައުމުން އެ ޕްރޮވިންސަށް ދައުވާކޮށްފާނެތީ އެނަން ގަބޫލުނުކުރާނެކަމުގައެވެ. އަދި ގްރީސްއިން ދިޔައީ މެސެޑޯނިޔާ ނަން ބަދަލު ނުކުރަނީސް ނޭޓޯއަށްވެސް އަދި އީޔޫއަށްވެސް ވަނުމުގެ ފުރުސަތު ނުދޭނެކަމުގައެވެ.
ނަމުގެ މައްސަލައިގައި ދެގައުމުގެ ދެމެދުގައި އުފެދުނު މައްސަލަ ހައްލުކުރުމަށް ދެގައުމުން ވަނީ ފާއިތުވި އޮކްޓޯބަރު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ވާގޮތުން މެސެޑޯނިޔާގެ ނަން ރިޕަބްލިކް އޮފް ނޯދަން މެސެޑޯނިޔާއަށް ބަދަލުކުރަން ޖެހެއެވެ. އިއްޔެ އެގައުމުގެ ގާނޫނުހަދާ މަޖިލީހުން އެކަމަށް އަމަލީ ސިފަ ގެނައީއެވެ.