އައްޑޫ ގަމު އާސާރީ މިސްކިތް ޙިމާޔަތުގެ އަތްތަކަށް އެދެނީ

ފޯޓޯތައް ޟަމްރަތު އަޙުމަދު، އާފަތިސް

އަޅުގަނޑުމެންނަށް ޙަޤީޤަތް ނޭނގޭ އެތައް ކަމެއް ތާރީޚުގެތެރެއަށް ވަދެގެން ގޮސްފައި ހުންނާނެއެވެ. ލޮލަށް ނުފެންނަ ކަންތަކާއި އަޑު ނީވޭކަންކަމަކީ ކަނޑައެޅިގެން ދޮގެކޭ ވެސް ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށްއޮތީ ބަލައި ހޯދުމެވެ. ދިރާސާ ކުރުމެވެ. ދެނެގަގަތުމެވެ. އެގޮތުން އައްޑޫ ސިޓީ ގަމާއި ގަމުގައިހުރި އާސާރީ މިސްކިތުގެ ވާހަކަވެސް ތަފާތު ގޮތްގޮތަށް ދައްކައެވެ.

ބުނެވޭ ގޮތުގައި އައްޑޫ ސިޓީން އެންމެފަހުން އިސްލާމްދީން ޤަބޫލުކުރީ ގަމު މީހުންނެވެ. ސަބަބަކަށްވީ އޭރު ގަމުގައިތިބި ފާދިރީންގެ ނުފޫޒާއި ބާރެވެ. އަލަށް އައިދީނަށް ވަނުމަށް އޭރުއޮތް ބުދުދީނުގެ ފާދިރީންގެ އާނ! ބަސް ނުލިބުމެވެ. އޭގެ އިތުރަށް އިސްލާމްދީނަށް ނުވަނުމަށް އެމީހުން ކަނޑައެޅިގެން އެހެންމީހުންނަށް ބާރު އަޅަމުން ދިޔަކަމަށް ވެސް ވެއެވެ.

ގަމު މީހުން އިސްލާމްވީ ކަނޑީގެ ބާރުން

ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރީ ސ. މީދޫ މީހުން ކަމަށް ތާރީޚު ދިރާސާކުރާ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. މީދޫ މީހުންގެ އިތުރަށް ފުވައްމުލަކު މީހުން ވެސް އިސްލާމްވި ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

އައްޑޫ ގަން ފިޔަވައި އެ ސިޓީގެ އެހެން ރަށްރަށުގެ މީހުން އިސްލާމްދީން ގަބޫލުކޮށް ނިމުނުއިރުވެސް ކުރިން ބުނެފައިވާ ފަދައިން ގަންއޮތީ ބުދުދީނުގެ ފާދިރީންގެ ބާރުގެ ދަށުގައި ކަމަށް ވެއެވެ. އެހެންވެ މީދުއާއި ފުވައްމުލަކުގައި އޭރު ނަގައިކިޔަން ތިބި މީހުން އެއްބަސްވެ ނިސްބަތުން ބޮޑު ލަޝްކަރެއް ތައްޔާރުކުރި ކަމަށް ވެއެވެ. އެ ދެރަށުން ލަޝްކަރެއް އެކުލަވައިލި ސަބަބެއް ކަމަށްވަނީ އެ ދެރަށުގެ މީހުންވަނީ އެއްރަށުގެ މީހުން އަނެއްރަށުގެ މީހުންނާ ކައިވެނިކޮށް ޅިޔަންފަހަރީންނަށްވެ ޢާއިލީ ގޮތުން ވަރަށްބޮޑަށް ގުޅިފައި ކަމަށް ކިޔައެވެ. އަދި އެ ދެރަށަކީ އެހެންރަށްރަށުގެ މީހުންނަށްވުރެ ކުރިން އިސްލާމްދީން ގަބޫލުކޮށްގެން އެދީނަށް ނަޞްރު ދިނުމުގައި އަރައިތިބި ބައެއް ކަމަށް ވެއެވެ. އެފަދަ ހަނގުރާމައެއްގައި އެހެން ރަށްރަށުގެ މީހުން ބައިވެރިނުކުރީ އެއީ އަލަށް އިސްލާމްދީން ގަބޫލުކޮށްގެން ތިބި މީހުންނަށްވުމުން އެފަދަ ނުރައްކާތެރި ހަނގުރާމައަކަށްދާނެހައި އެމީހުންގެ ޢަޤީދާ ވަރުގަދަ ނުވެދާނެތީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް އެ ލަޝްކަރު ގަމު މީހުންނާ ހަނގުރާމައަށް ދިޔައެވެ. ލަޝްކަރު ގަމަށްއެރީ ގަމުގެ ފުށްޓަރު ފަރާތުން ކަމަށްވެއެވެ. އެއީ އެރަށުގެ ފާދިރީންނަށް ސިއްރުން އަރައި ކުއްލި ޙަމަލާއެއް ދިނުމުގެ މަޤުޞަދުގައި ކުރިކަމެއް ކަމަށްވެއެވެ. އެ ލަޝްކަރާއި ފާދީރީންގެ ލަޝްކަރާއި ހަނގުރާމަކޮށް ފާދީރިންތައް ޤަތުލުވެ ނިމިގެން ހިނގައްޖެއެވެ. ގަމު މީހުން މާތްވެގެންވާ އިސްލާމްދީން ޤަބޫކުރީ ފަދީރީން ނެތިވެ ދިޔުމަށްފަހު އެމީހުންގެ ނުފޫޒު ކެނޑުމުން ކަމަށް ވެސް ވެއެވެ.

އެ ހަނގުރާމައިގައި ގަތުލުވި މީހުން ވަޅުލައިފައިވަނީ ގަމު ހުކުރު މިސްކިތް (އާސާރީ މިސްކިތް) ގެ ހަރިންމަތެރޭގައި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ގަންއިންޓަރނޭޝަނަލް އެއާޕޯޓު ހަދަން ކޮނުނުއިރު ޢީދިގަލި މައިދާން ކިޔާ ސަރަޙައްދަކުން ހަށިގަނޑުން ބޯވަކިވެފައިވާ މީހުން ފެނުނު ކަމަށް ވާހަކަ ދެކެވެއެވެ. އެމީހުންނަކީ އިސްވެދިޔަ ހަނގުރާމައިގައި ބައިވެރިވި މީހުން ކަމަށް ބުނެއުޅެއެވެ.

އިނގިރޭސީން އައްޑުއަށް އައީ ގަމުމީހުން އިސްލާމްވެ ރީތި ދިރިއުޅުމެއް އުޅެއުޅެ ތިއްބައެވެ. އިނގިރޭސީންނަށް ގަންދޭން އުޅުމުން ގަމުމީހުން އެކަމަށް އިންކާރުކުރިއެވެ. އެންމެފަހުން އެމީހުން ގަމުންފައިބާން އެއްބަސްވީ އެމީހުން ހުށަހެޅި ހުރިހާކަމެއް އިނގިރޭސީން ކޮށްދޭން އެއްބަސް ވުމުން ކަމަށްވެއެވެ. އޭގެ ތެރޭގައި ގަމު މީހުންނަށް ވަޒީފާދިނުން، ގެއަކަށް ގެއެއް، ބަދިގެއަކަށް ބަދިގެއެއް އަޅައިދިނުން ހިމެނެއެވެ. އަދި ކެއުމަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެމީހުންނަށް ދިނުމަށްވެސް ޝަރުތު ކުރުވި ކަމަށްވެއެވެ.

ގަމު މީހުންގެ ޝަރުތުތަކާއެކު އެމީހުން ބަދަލުވާން ބޭނުންވީ ފޭދުއަށެވެ. އެހެން ކަމުން އެމީހުން ބޭނުންވި ގޮތަށް އޭރުއޮތް ސަރުކާރުން ކަންތައް ކޮށްދެއްވިއެވެ. ގަމު މީހުން ފޭދުއަށް ބަދަލުކޮށްދިނެވެ. އަދި ފޭދޫ މީހުން މަރަދޫފޭދުއަށް ބަދަލުކޮށްދިނެވެ. އެމީހުން ރުހޭތޯ ނުރުހޭތޯ ވެސް ބެލުމަކާ ނުލައި ކަމަށް ވެއެވެ. ގަމު މީހުން އެދުނު ހުރިހާ ކަމެއް އެމީހުންނަށް އިނގިރޭސީން ކޮށްދިން ކަމަށް ވެއެވެ. އޭގެ ދަށުން ފޭދޫންއިން މަރަދޫފޭދޫއަށް ބަދަލުވި މީހުންނަށްވެސް އިނގިރޭސީންވަނީ ގެއަޅައިދީފައި ކަމަށް ވެއެވެ.

ހުކުރު މިސްކިތް ނުވަތަ އާސާރީ މިސްކިތް

ބުނެވޭ ގޮތުގައި އެ މިސްކިތަކީ މީލާދީން 1648 އިން 1687 އަށް ރަސްކަންކުރެއްވި އައްސުލްޠާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި އެ ރަދުންގެ ޚަރަދު ބަލަހައްޓަން ތިބި މުޙައްމަދު ފަޑިއަތްއަޅާއި، ފަޤީހު ޙުސައިން ނާއިބުކަލޯ އަށް އަންގަވައިގެން މީހުން ފޮނުއްވައިގެން ކުރިން މިސްކިތް ހުރިތާގައި އަލުން ބިނާކުރި މިސްކިތެކެވެ.

މީލާދީން 1701 ގައި ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން (ދިހަ ވަނަ) އަކީ، އައްސުލްޠާން ޢަލީ (ހަތް ވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުންގެ ދަރިކަލެކެވެ. އައްސުލްޠާން ޢަލީ (ހަތް ވަނަ) ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން ހުންނެވި މަޤާމުގެ ގޮތުން ނަންފުޅަކީ އަލްވަޒީރު ޢަލީ ޝާހު ބަންދަރެވެ. މިމަޤާމު ދެއްވީ ދެއްވަދޫ ރަސްގެފާނެވެ.

ބުނެވޭ ގޮތުގައި ގަމުގެ ހުކުރު މިސްކިތް ނުވަތަ އާސާރީ މިސްކިތަކީ ގަމުގެ މީހުންގެ އެންމެ ފުރަތަމަ އިސްލާމްވުމަށްފަހު ބިނާކުރި މިސްކިތަކަށް ވެދާނެއެވެ. އެހެންނަމަވެސް އާބާދީ އިތުރުވުމާއި ޒަމާން ތަރައްޤީވަމުން އައި ވަރަކަށް ޒަމާނާ އެއްގޮތަށް މިސްކިތް ބޮޑުކުރަމުން އައީއެވެ. އިގިރޭސީން ވެސް މިސްކިތް މަރާމާތުކޮށްދިން ކަމަށް ވެއެވެ.

އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރާއި ފޭބުމަށްފަހުވެސް ގަމުގައި މަސައްކަތްކުރި މީހުން ނަމާދު ކުރިމިސްކިތަކީ ވެސް މިކިޔާ ހުކުރު މިސްކިތް ކަމަށް ވެއެވެ. މިސްކިތް އެހުރީ ގަމުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ސަރަހައްދުގައެވެ. އެތަނަށް މިހާރު ދެވެނީ އޭވިއޭޝަން ސެކިޔުރިޓީގެ ހުއްދަ ހޯދައިގެންނެވެ. އެހެން ކަމުން އެހިސާބަށް ދިޔުމަކީ އެހައި ފަސޭހަކަމަކަށް މިހާރުނުވެއެވެ.

ހިރިގަލުން އިމާރާތްކޮށްފައިވާ އެ މިސްކިތް ވަށައިގެން މިހާރުވަނީ ވިނަ ފަޅައި ވަރަށް ދިގުފައެވެ. މިސްކިތުގެ ހައިބަތު ވަނީ ގެއްލިފައެވެ. މިސްކިތަށް އަޅައިނުލެވޭތީއެވެ. މިސްކިތުގައި ނަމާދުވެސް ކުރެވޭނެ ގޮތެއް މިހާރުނެތީމައެވެ. އެތަނަށް އަޅައިލާނެ އަތްތަކެއް މީހާރަކު ނެތީމައެވެ. މިސްކިތް މިހާރުވަނީ ވީރާނާވާން ދޫކުރެވިފައެވެ.

މިސްކިތު ބޭރުގައި ހިރިގަލުން ހަދައިފައިވާ ފެންވަޅެއް އެބަހުއްޓެވެ. ބުނެވޭ ގޮތުގައި އެއީ އެއްއިރެއްގައި ވަރަށް ފެންމީރު ވަޅެކެވެ. މިސްކިތުގެ އިމުގެ ތެރޭގައި ވަގުތު ގަލެއް ވެސް އެބައޮތެވެ. ތާރީޚީ ގަބުރުސްތާނެއް ވެސް އެބައޮތެވެ. އެތަނުގައި ގިނަދުވަސްވީ މަހާނަތައް އެބަހުއްޓެވެ. ބައެއް ގަލުގައި ދިވެސް އަކުރުންވަނީ ލިޔެފައެވެ. އަތިރެ ގަނޑުވަރު ކަނބޯވަތި ޢާއިޝާ ކަނބާފާނާއި އެކަމަނާގެ މާމަ ދަރިކަލުން ހިތަދޫ އިބްރާހީމް މަނިކުފާނުގެ މަހާނަ މިސްކިތުގެ އިރުއިތުރު ކަނާ ދިމާގައިވާ ބިސްތާނުގައި އެބަހުރި ކަމަށްވެއެވެ. ޢާއިޝާ ކަނބާ އަކީ އައްސުލްތާން ޢަލީ ހަތްވަނައިގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ މީލާދީ ސަނަތުން 1701 ގައި ރަސްކަންކުރެއްވި އައްސުލްތާން ހަސަން ދިހަވަނަ ހިތަދޫ ހަސަން މަނިކުފާނުގެ މައިކަނބަލުންނެވެ.

މި މިސްކިތް ޙިމާޔަތް ކުރުމުގެ ވާހަކަ މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ ދައްކައިފައެވެ. އެތަން ވީރާނާވާން ދޫކޮށްލުމުގެ ބަދަލުގައި އެތަން އެންމެ ކުޑަމިން އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންކުރެވޭ ގޮތަށް ޙިމާޔަތް ކުރަން އެބަޖެހެއެވެ. އެހެންނޫނީ ބަލަން ތިއްބާ އައްޑޫސިޓީގެ މުހިންމުތަނެއް ނެތިގެން ހިނގައިދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ބުނެއުޅޭގޮތުގައި، ކަމަށްވެއެވެ، ކިޔައިއުޅެއެވެ…މުޅި ލިޔުމަކީ ތޯތޯ ވާހަކައެއް؟ ކަނޑައެޅިގެން ފިތުނައެއް އުފެދިދާނެ ވާހަކައެއް ތޯތޯ ވާހަކަތަކެއްގެ މައްޗައް ލިޔުމުގެ ބޭނުމެއް ކޮބާ؟ ރެފެރެންސެއް ދިންނަމަވެސް އެންމެ ރަނގަޅޭ އަދި. މިވާހަކަ ދުވަހަކުވެސް ދެއްކީ ކާކު؟ (ނޫން، މަށަކީ ގަމުމީހެއްނޫން، އައްޑޫ މީހެއްވެސް ނޫން)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.