ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް މިއަދު ހާމަ ކުރައްވައިފިއެވެ.
މިކަން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން،ކެބިނެޓު މެމްބަރުންގެ މާލީ ބާޔާންތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކުރައްވައިފައެވެ. އޭގެ އިތުރަށް ރައީސް އޮފީހުގެ އެންމެ އިސްވެރިންގެ މާލީ ބަޔާންތައްވެސް ވަނީ ހާމަކުރައްވައިފައެވެ.
ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީޚުގައި ސަރުކާރުން އިސްނަންގަވައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯއްދަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.