ކެޕްޓަން ރާމިޒު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވަމުން ގެންދެވި ކެޕްޓަން މުޙައްމަދު ރާމިޒް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް (48 އ) ނިޔާވެފައިވަނީ ބުދަދުވަހު ހަވީރު އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ޕީޓީއަށް ނިކުމެ ދުވަމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ވެއްޓުމާއެކު ފަރުވާއަށް ޅ.ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ކެޕްޓަން މުޙައްމަދު ރާމިޒްގެ ހަށިގަނޑު ބުދަ ދުވަހުގެރޭ ވަނީ މާލެ ގެނެސްފައެވެ. މިހާރުވަނީ ސަހަރާއަށް ގެންގޮސްފައެވެ. މޫނު ދެއްކުން އޮންނާނީ ހެނދުނު 10.30 އިން ފެށިގެންނެވެ. .

ކެޕްޓަން މުޙައްމަދު ރާމިޒް ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 19 އޯގަސްޓް 1995 ގައެވެ. ޚިދުމަތުގެ މުއްދަތުގައި ލިބިލައްވާފައިވާ ޝަރަފުގެ ނިޝަންތަކުގެ ތެރޭގައި ސިފައިންގެ ޚިދުމަތުގެ މެޑަލި، އަޚްލާޤީ މެޑަލި، 17 ވަނަ ސާކް ސަމިޓް މެޑަލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚުލާޤީ ކުލަ 3 ފަހަރަށް ،އިޚްލާޞްތެރި ޚިދުމަތުގެ ކުލަ އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ކެޕްޓަން މުޙައްމަދު ރާމިޒް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި 23 އަހަރާއި 04 މަހާއި 21 ދުވަސް ހޭދަކުރައްވާފައިވެއެވެ.  އަދި ކެޕްޓަން ރާމިޒް ނިޔާވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ޕޯސްޓިންގ ގައި ރަސްމީ ޑިއުޓީ އަދާކުރައްވަމުން ގެންދަވަނިކޮށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.