އަސަދުގެ ސަރުކާރު ބާރުވެރި ކުރުވުމުގެ މަސައްކަތް އަރަބި ތިންގައުމަކާއި އިސްރާއީލު ގުޅިގެން ކުރަނީ

ދޫމާގެ އިމާރާތެއްގައި ހަރުކޮށްފައިވާ ރައީސު އަސަދުގެ ބޮޑު ފޮޓޯއެއް

ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައި ގަލްފުގެ ގައުމެއްގެ ވެރިރަށުގައި ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި މިސްރުގެ ޖާސޫސީ އިދާރާތަކުގެ ވެރިން އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުގެ ވެރިޔާ ޔޯސީ ކޯހެން އާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.

މެދު އިރުމަތީގެ ބައެއް މަސްދަރުތަކާ ހަވާލާދީ އިނގިރޭސި އޮންލައިން ނޫހެއް ކަމުގައިވާ މިޑްލް އީސް އައިގައި، މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ އިނގިރޭސި ލިއުންތެރިޔާ ޑޭވިޑް ހާސްޓް ލިޔެފައިވާ ގޮތުގައި އަރަބި ތިން ގައުމުން ބޭނުންވަނީ ބައްޝާރުގެ ސަރުކާރު އަލުން އަރަބްލީގްގައި ބައިވެރިކޮށް ސީރިޔާގައި ބައްޝާރު ބާރުވެރިކުރުމަށް މަސައްކަތްކުރުމެވެ. ބޭނުމަކީ ސީރިޔާގައި އަދި މެދުއިރުމަތީގައި ތުރުކީގެ ނުފޫޒު ކުޑަކޮށްލުމެވެ.

މިބައްދަލުވުމުގެ ޚަބަރު ލިބުނު އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޚާޝުޤްޖީގެ މައްސަލައިގައި ކޮންމެވެސް ވަރަކަށް ގުޅުން ގޯސްވުމަށް ފަހު އެމެރިކާގެ ރައީސު ޓްރަމްޕާއި ސައުދީންގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމެވެ. ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ވަނީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންކަމަށް އެމެރިކާގެ ކޮންގްރެސްއާއި ސީއައިއޭއިން ގަބޫލުކުރި ނަމަވެސް ރައީސު ޓްރަމްޕް ވަނީ ބިން ސަލްމާންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

ޚަބަރުތައް ބުނާގޮތުގައި އަރަބި ޖާސޫސީ އިދާރާތަކުގެ ވެރިންނަށް މޯސާދުގެ ވެރިޔާ އަންގާފައި ވަނީ "ޓްރަމްޕް ވަނީ އޭނާއަށް ކުރެއްވޭނެ ވަރަށް ކަންތައް ކުރައްވާފައި. އޭނާ ދެން އިތުރަށް ކަމެއް ނުކުރައްވާނެ."

އަސްކަރީ ގޮތުން ހަތަރު ގައުމަށް އޮތް ނުރައްކަލަކީ އީރާނު ނޫންކަމާއި، ތުރުކީކަން ހަތަރު ގައުމުގެ ޖާސޫސީ އިދާރާތަކުގެ ވެރިންނަށް އެއްބަސްވެވުނު ކަމަށާއި، އެހެންކަމުން ތުރުކީ ނުފޫޒު ކަނޑުވާލުމަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތްކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލެވުނު ކަމަށްވެސް ޚަބަރު ލިބެއެވެ.

"އިރާނުގެ އަސްކަރީ ބާރު ބަލިކަށި" ކަމަށާއި، "ހަގީގީ ނުރައްކަލަކީ ތުރުކީ" ކަމަށް ކޯހެން އަރަބި ގައުމުތަކުގެ މަންދޫބުންނަށް ވިސްނައިދިން ކަމަށްވެއެވެ.

މި ސިއްރު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައް ހާސިލުކުރުމަށް ހަތަރު ކަމެއް ކުރުމަށް އެއްބަސްވެވުނު ކަމަށް ވެއެވެ. އެއީ، އަފްޣާނިސްތާނުން އެމެރިކާގެ 14 ހާސް ސިފައިން ބޭލުމުގައި ރައީސު ޓްރަމްޕަށް އެހީތެރިވުމާއި، ތުރުކީ ނުފޫޒުން އިރާގުގެ ސުންނީން ދުރުކުރުމާއި، އަރަބި ތިން ގައުމުން އަސަދު ސަރުކާރާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް، ސީރިޔާ އަލުން އަރަބި ލީގަށް ވައްދަން މަސައްކަތްކުރުމާއި، ތުރުކީ ސަރުކާރާ ހަނގުރާމަކުރާ ކުރުދީންނަށް އެހީވުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.