އަޑުގަދަކުރާ ބޭނުންކޮށްގެން މިސްކިތްތަކުން ބަންގި ގޮވުމް މަނާކުރާ ގާނޫނެއް އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުން މީހގެ އަހަރެއްހާ ދުވަސް ކުރިން ފާސްކުރިނަމަވެސް އެގަނޫނު ތަންފީޒުކުރެވޭ ގޮތް ނުވުމުން، އެހެން ގޮތަކުން ބަންގީގެ އަޑު ކަނޑުވާލުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ.
ޤުދްސުގެ ޔަހޫދީ މުނިސިޕަލްޓީން މިހާރު ފަށާފައިވާ މަސައްކަތަކީ، އަލްމަސްޖިދުލް އަޤްޞާ ހިމެނޭހެން އެރަށުގެ ހުރިހާ މިސްކިތްތަކެއްގައި ހުރި އަޑުގަދަކުރާތައް ކުޑަ އަދި އަޑު މަޑު އަޑުގަދަކުރާތަކަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. "އަޑުގަދަވުމުގެ ސަބަބުން މީހުންނަށް އުނދަގޫވާ" ކަމަށް ބުނެއެވެ.
ޤުދްސުގައި ހުރި އިސްލާމީ އަދި ނަސްރާނީ މުޤައްދަސް ތަންތަން ހިމާޔާތްކުރުމުގެ މަސައްކަތްކުރާ ޖަމާއަތުން މިކަމާ ގުޅިގެން ބުނެފައި ވަނީ ޤުދްސުގެ މުނިސިޕަލްޓީގެ މިއަމަލަކީ ހުރިހާ މުޤައްދަސް ތަނެއްގެ ހުރުމަތް ކަނޑާލުން ކަމުގައެވެ. އަދި އެޖަމާއަތުން ފާހަގަކުރި ގޮތުގައި ޤުދްސުގެ މިސްކިތްތަކުން، އަދި ވަކިން ޚާއްޞަކޮށް އަލްމަސްޖިދުލް އަޤްޞާއިން، އަޑުގަދަކުރާއިން ބަންގި ގޮވާ އަޑު ރަށުތެރޭގައި ގުގުމުމަކީ އެރަށުގެ ވަރަށް ޚާއްސަ ސިފައެއް ކަމަށާއި، ޔަހޫދީން މަސައްކަތްކުރަނީ އެރަށުގެ އެ ސިފަ ފޮހެލަން ކަމަށެވެ.
ޔަހޫދީ މުނިސިޕަލްޓީން ނިންމާފައި ވަނީ އެއްވެސް މިސްކިތެއްގެ އަޑުގަދަކުރާގެ އަޑު އެމީހުން ގަބޫލުކުރާ ވަރަށް ވުރެ ގަދަ ކަމަށް ފެނިއްޖެނަމަ، އެ އަޑުގަދަކުރާއެއް އަޑުމަޑު އެއްޗަކަށް ބަދަލުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށެވެ.
މިކަން ތަންފީޒުކުރުމަށް އިސްވެހުރެ މަސައްކަތްކުރަނީ ޤުދްސުގެ ޔަހޫދީ މުނިސިޕަލްޓީގެ ރައީސު މޯޝޭ ލިއޯންއެވެ. އޭނާއަކީ އިސްރާއީލުގެ ކުރީގެ ހަރުކަށި ދިފާއީ ވަޒީރު އެވިގްދޯރް ލީބަރްމަންގެ ޕާޓީ 'ޔިސްރާއީލް ބޭތެނޫ' އަށް ނިސްބަތްވާ މީހެކެވެ. އޭނާ މި މަސައްކަތް މިފެށީ އޭނާ މަގާމާ ހަވާލުވިފަހުން ދެމަސްވެސް ނުވަނީހެވެ.
އިސްރާއީލުގެ ބައެއް ޓީވީ ޗެނެލްތަކުން ޚަބަރުދޭ ގޮތުގައި މިކަމަށްޓަކައި މިސްކިތަކަށް 13 ހާސް އެމެރިކާ ޑޮލަރާއި، 18 ހާސް އެމެރިކާ ޑޮލާރާ ދެމެދުގެ ބަޖެޓެއްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.