ޖަރުމަނުވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ފަސޭހައިން ވިސާހޯދައި ދިނުމަށް 2 ދުވަހުގެ ވިސާ އެޕްލިކޭޝަން ކްލިނިކެއް ޤާއިމުކުރުމަށް ޖަމަޖެހިއްޖެ ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ޖަރުމަނުވިލާތަށް ދަތުރު ކުރައްވާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުމަށް ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން ހަމަޖައްސަވައިދެއްވާ އިންތިޒާމެއް ކަމަށެވެ.
މިކްލިނިކްގެ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 27 ޖެނުއަރީ 2019 އިން ފެށިގެން 28 ޖެނުއަރީ 2019 އަށެވެ. ކުލިނިކުން ޚިދުމަތް ލިބޭނީ އެ ދެދުވަހު ވެސް ހެނދުނު 08:00 އިން ހަވީރު 18:00 ހަމައަށެވެ. ކްލިނިކް ޤާއިމް ކުރައްވާފައި ހުންނަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ.
ވިސާ އަށް އެޕްލައިކުރައްވާ ފަރާތްތަކުގެ އަދަދަށް ބަލައި ވިސާ ކްލިނުކުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މި ވިސާ އެޕްލިކޭޝަން ކްލިނިކްގެ ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ވެބްސައިޓުން ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓްއެއް ހެއްދެވުމަށް ޖަރުމަނު އެމްބަސީއިން އެދިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި 25 ޖެނުއަރީ 2019 ގެ 17:30 އާއި ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ވެސް އެފަރާތުން މަޢުލޫމާތު ދެއްވައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
http://www.vfs-germany.com/index.html
https://videx.diplo.de/videx/desktop/index.html
މިއީ ޝެންގަން ވިސާއަށް ރާއްޖޭގައި ތިއްބަވައިގެން އެޕްލައިކުރެވޭ ފުރަތަމަ ފަހަރެވެ. ޖަރުމަނު ސަރުކާރުން މިކަން މިގޮތަށް ހަމަޖައްސަވައި ދެއްވުމާ ގުޅިގެން، އެގައުމަށް ދަތުރު ކުރައްވާ ދިވެހިންނަށް ޚާއްސަކޮށް ބާރލިންގައި ބޭއްވޭ އައި.ޓީ.ބީ ފެއަރގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.