މަސްވެރިންގެ ދުވަސް: ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ

ބަޔަކު މަސްބާނަނީ: ފޮޓޯ ސޯޝަލް މީޑިއާ

މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މަސްވެރިންގެ ދުވަހެވެ. އަދުގެ ޝަރަފުވެރިންނަކީ މަސްވެރިންނެވެ. މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ފަޚުރުވެރި މަސްވެރިންނަށް މަރުޙަބާ ދަންނަވަމެވެ.

މަސްވެރިކަމަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށް މިވަނީ ލޭބަލްވެ ތައްގަނޑު ޖަހައިފައެވެ. އެ ލޭނާރު ބުރިވާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އޭގެ ބަދަލުގައި އެ ނާރު އިތުރަށް ވަރުގަދަކޮށް ދަމަހައްޓަން މަސައްކަތްކުރަންޖެހެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު ހިތާމައާއި ވޭނާއި ކެކުޅުމާއި އުފާވެރިކަމުގެ ވާހަކަތައް ލައްކަ ގިނައެވެ. އެތަނުން ހިތާމަވެރި ވާހަކަކޮންމެވެސް ވަރަކަށް ދައްކާލަން އެބަޖެހެއެވެ. މަސްވެރިކަމުގެ މަސައްކަތުގައި އުޅޭއިރު މަސްވެރިންނަށް ލިބޭ އަނިޔާގެ ވާހަކައެވެ. ފަރުވާކުޑަކަމުން ލިބޭ ގެއްލުމުގެ ވާހަކައެވެ. މަސްވެރިން ދޯނީގައި ޙަރަކާތްތެރިވާއިރު ސަލާމަތީ ގޮތުން އެއްވެސް ކަމެއްކޮށްފައިވާ ތަނެއް ނުފެނެއެވެ. ޚާއްސަކޮށް މަސްއައިނަށްއަރައި މަސްބާނާ ވަގުތުގައެވެ. އެތުރިގެން ތިބެ މަސްބާނަމުންދާއިރު ކޮންމެވެސް މީހެއްގެ ގައިގެ ނާޒުކު ހިސާބެއްގައި މަހަކުން ޖެހި އަނިޔާވެފައި އެބަހުއްޓެވެ. ކޮންމެވެސް މީހެއްގެ ދޮށީގެ ބުޅި، ޖެހިގެން ހުންނަ މީހާގެ ލޮލަށްވަދެ ހިތާމަވެރި ޙާދިސާތައް ހިނގައިފައި އެބަހުއްޓެވެ. މަސް އައިނުން މާސްބާނަން ތިބޭވަގުތު ކަނޑަށް ވެއްޓިފައި އެބަހުއްޓެވެ. އެވެސް ނުރައްކާތެރި ކަމެކެވެ.

މަސްބާނަން ފެށުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އެބަޖެއެވެ. ސިފައިންގެ ރެސްކިޔު ޓީމުގައި ކުރިން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރަކު ބުނީ ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ވައްޓަފާޅިއަށް ބަލާއިރު ސަލާމަތި ފިޔަވަޅު އެޅުން މަޖުބޫރެވެ. އެގޮތުން މަސްބާނާ ވަގުތުގައި ކައްސައިގެން ނުދާނެފަދަ ފަޔަށް ހެޔޮވަރުގެ ބޫޓެއް ފަދަ އެއްޗަކަށް އެރިދާނެއެވެ. ދެލޮލާއި މޫނުގެ ސަލާމަތަށްޓަކައި މޫނު ފޮރުވޭގޮތަށް ބޮލާ އެއްކޮށް ހެލްމެޓު އެޅިދާނެއެވެ. އަދި ބުރަކައްޓާއި މޭގައި މަހަކު ޖެހިދާނެތީ ވެސްޓެއް ވެސް ލެވިދާނެއެވެ. ދިވެހިންނަކީ ކަނޑަށް ފަރިތަ، ދޯނިތެރޭގައި ފަސޭހައިން އުޅެލަން ދަންނަ ބަޔަކަށް ވިޔަސް ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ އުސޫލުން ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނޫނީ ޒަމާނީ މަސްވެރިކަމަށް ނުކުތުންވެސް ބުއްދިވެރި ކަމަށް ނުފެނެއެވެ.

ދެންއޮތީ އެން ހިފުމަށް ޑައިވްކޮށްގެން އެތައް ބަޔަކު މަރުވަމުންދާ މައްސަލައެވެ. އެތައް ބަޔަކަށް އަނިޔާވެ ދާއިމީ ގޮތެއްގައި ނުކުޅެދޭ މީހުންނަށް ވެފައި އެބަހުއްޓެވެ. މިއީ ހައްތާވެސް އިހުމާލުންވާ ކަންކަމެވެ. އެކަމެއް އޮންނަގޮތް ނޫން ގޮތަށް ކުރަން ހަދައިގެން ލޮބޭ ގެއްލުމެވެ. އެއްވެސް ތަމްރީނެއް ނެތި ފުޅިއަޅައިގެން ފީނުމުގެ ނުރައްކާތެރިކަން އެނގިތިބެ އަމިއްލަ ނަފްސަށް އިތުބާރުކޮށްފައި އަޑިއަށްދަނީ އެއްވެސް ނުރައްކަލެއް ދިމާވެދާނެ ކަމަކަށް ނޫނެވެ. އެހެންނަމަވެސް ނުރައްކާތެރި އެތައް ޙާދިސާއެއް ހިނގާފައި އެބަހުއްޓެވެ.

ފުޅިއަޅައިގެން ރާއްޖޭގައި ފީނަން ހުއްދަދީފައި އޮންނަނީ 30 މީޓަރަށެވެ. އެއީ އެންމެ ފުނަށް ފީނޭ މިންވަރެވެ. އެހެންނަމަވެސް 45 މީޓަރަށް އެއްވެސް ޖެހިލުމެއްނެތި ފީނަމުން އެބަދެއެވެ. އަދި އެހާ އަޑީގައި އެތައް އިރެއް އެބަކުރެއެވެ. ގދ. ކޮނޮއްޓާ ކައިރިއަށް އެންމެފަހުން ފީނި ތިންމީހުންވެސް ވަނީ 44 މީޓަރު އަޑިއަށްގޮސް 35 މިނިޓް ހޭދަކޮށްފައެވެ. އެމީހުންގެ ޙާލު ބޮޑުވެގެން ހޮސްޕޮޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އެކަކުވަނީ ނިޔާވެފައެވެ. އަނެކަކުވަނީ މާލެ ފޮނުވައިގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފައެވެ. ގެއްލުމެނުވެ އެކަކުވަނީ ސަލާމަތްވެފައެވެ. ސަލާމަތްވީ މީހާގެ ތަޖުރިބާ އެހެން މަސްވެރިންނަށް ކިޔައިދީ އެފަދަ ކަންކަންނުކުރުމަށް ހިތްވަރުދޭން އެބަޖެހެއެވެ.

ނަފާބޮޑު މިމަސައްކަތްކުރާ މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބި އަދިވެސް އެބަހުރިކަމަށް ބައެއް މަސްވެރިން ބުފައިވެއެވެ. އެއީ ތެދެއް ކަމަށް ވާނަމަ ޒިންމާވާންޖެހޭ ފަރާތްތަކުން އެފަދަ ކަންކަން އަވަސްކޮށްދީ މަސްވެރިން މާޔޫސް ވުމުން މިންޖުކޮށްދޭން އެބަޖެއެވެ. އެހެންނޫނީ މަސައްކަތުގެ ފޯރިކެނޑި ފަރުވާ ކުޑަކުރެވިދާނެއެވެ. ފޯރީގައި މަސްވެރިކަން ކުރެވޭނީ ދުވަހުން ދުވަހަށް ފައިސާ އަތަށް ލިބިގެންނެވެ.

މަސްވެރިންގެ ދުވަހުގެ އުފާ އިތުވާނީ މަސްވެރިން ބާނާ މަހަށް ދުވަހުން ދުވަހަށް ފައިސާ ލިބިގެންނެވެ. މަސްވެރިންނަށް ކަންކަން ފަހިވެގެންނެވެ. މަސްވެރިންނަށް ރައްކާތެރި މާޙައުލެއް ދޯނިތެރޭގައި ޤާއިމްކުރެވިގެންނެވެ. ހިތާމަވެރި ޙާދިސާތައް ނުހިނގާނެ ފަދަ ތަމްރީނާއި މަޢުލޫމާތު މަސްވެރިންނާދީ އެމީހުން ހޭލުންތެރި ކުރުވައިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.