ފުރަތަމަ 100 ދުވަސް: ތައުލީމީ ވުޒާރާގެ ފަސް ވަޢުދު

ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވެރިކަމަށް  ވަޑައިގެންނެވުމަށް ކެންޕޭން ކުރެއްވި އިރު ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވިއެވެ. އެގޮތުން އެމަނިކުފާނު ގެންދެވީ އެކި ދާއިރާ ތަކުން ރައްޔިތުންނަށް ކޮށްދެއްވާނެ ގިނަ ކަންކަން ރައްޔިތުންނާ ހިއްސާ ކުރައްވަމުންނެވެ. ކުޅިވަރާއި، ތަރިކަ އާއި، ކަރަޕްޝަން ހުއްޓުވުމާއި، ރައްޔިތުންެެ ރައްކާތެރިކަމާއި، ދީނާއި، އިންސާފް ގާއިމު ކުރުމާއި، އިޖްތިމާޢީ ހަމަޖެހުމާއި، ވިޔަފާރި އާއި، މަސްވެރިކަމާއި އިޖްތިމާޢީ މަސައްކަތާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ދަތުރުފަތުރާއި، ތަޢުލީމާއި، ދެގޮރުވެރިކަމާއި، ޞިއްހަތާއި، އަދި ސަރުކާރު ހިންގާނޭ ގޮތްވެސް ހިއްސާ ކުރައްވަމުން ގެންދެވިއެވެ. ސަރުކާރުގެ އެކި ވުޒާރާތައް މެދުވެރިކޮށް ވަޢުދުވެ ވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން ތަޢުލީމި ދާއިރާ އިން ގިނަ އަދި ބޮޑެތި ވަޢުދުތަކެއް ވެވަޑައިގެންފައިވާ އިރު މަތީ ތަޢުލީމާ ބެހޭ ވުޒާރާ އެއް ވަނީ އުފައްދަވާފައެވެ. ކުރިން މަތީ ތަޢުލީމުގެ ކަންކަން ބަލަހައްޓަމުން ދިޔައީ ތައުލީމީ ވުޒާރާގެ ޑިޕާޓްމަންޓް އަކުން ކަމަށްވީ ނަަމަވެސް މަތީ ތަޢުލީމާ ގުޅޭ އެންމެހައި ކަންކަން ކުރައްވާނީ މި ވުޒާރާ އިންނެވެ. ތަޢުލީމީ ވުޒާރާ އަކީ ކޮންމެ ގޭ ބިސީ އަކަށް ޚިދްމަތް ފޯރުކޮށްދޭ ތަނަކަށް ވެފައި މި ގެންނެވި ބަދަލަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ތަޢުލީމީ ވުޒާރާ އަށް ލިބުނު ލުޔެއް ކަން ފާހަކޮށްލަން ޖެހެއެވެ.

ތަޢުލީމީ ދާއިރާ އިން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ތަކުގެ ތެރެއިން ފުރަތަމަ 100 ދުވަސްތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަސް ކަމެއް ރައްޔިތުންނަށް ކޮށްދެއްވުމަށް ވަނީ ވަޢުދުވެ ވަޑައިގެންފައެވެ. އެ ފަސް ވަޢުދަކީ:

ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އޮޑިޓެއް ހެދުމާއި،

ގަނާކުރުން ހުއްޓުވައި، ކަމާއި ގުޅޭ ފަރާތްތަކުގެ ޚިޔާލާއި، މަޝްވަރާގެ މަތީން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނޭ ގޮތުގެ ހަރުދަނާ އުޞޫލެއް އެކުލަވައި، ތަންފީޒު ކުރަން ފެށުމާއި،

ސްކޫލްތަކުގެ އިތުރު އެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކުރާނޭ ގޮތުގެ އެސެސްމެންޓެއް ހަދައި އެކަމަށް ބޭނުންވާ ވަޞީލަތްތައް ދެނެގަތުމާއި،

ކަރިކިއުލަމް ރިވިއު ސިމްޕޯޒިއަމެއް ބޭއްވުމާއި، 

ސްކޫލްތަކުގެެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓް ޕްރޮގްރާމެއް ފެށުމެެވެ.

މި ފަސް ވަޢުދުގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވާ އަދި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދާ މެދުއެވެ. މި ޕްރޮގްރާމާ މެދު ފާޅުކުރަމުްނދާ ކަންބޮޑުވުންތަކަށް ބަލާއިރު ނަށްތާގެ ގޮތުގައި ދޭނީ ދޮންކެޔޮ ވަކަކާއި ކިރު ތަށްޓެއް ކަމަށާއި އެއީ ހުރިހާ ކުދީން ގަޔާވާ ނުވަތަ ނާސްތާގެ ގޮތުގައި ބޭނުން ނުކުރާ ތަކެތި ކަމުގައި ވެދާނެ ކަމަށް އެްބަޔަކު ބުނަމުން ދިޔައެވެ. އަދި އެ އާއެކު ނެދުނުގެ ނާސްތާ ލިބޭނީ ފޯރުންތެރިކަން ނެތް ކުދީންނަށް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ފިނޭންސް މިނިސްޓަރ ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ، އެގޮތަށް ނާސްތާ ދީފިނަމަ ދަރިވަރުންގެ މެދުގައި ތަފާތު ކުރުމަށް މަގުފަހި ވަނީ ކަމަަށް ބުނެ ވެސް ބައެއް މީހުން ވަނީ ކަންބޮޑޫވުން ފާޅުކޮށްފައެވެ.

ތަޢުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވަނީ ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް ރާއްޖެމިއަދު ޕްރޮގްރާމެއްގައި އަލިއަޅުވާލައްވައިފައެވެ. އަދި ޕްރޮގްރާމް ކުރިއަށް ގެންދާން މިހަރު ރާއްވަވާފައިވަ ގޮތް ވެސް އެކަމނަ ވިދާޅުވެދެއްވިއެވެ. 100 ދުވަހުގެ ޕްލޭންގައި ރާއްޖޭގެ ސްކޫލްތަކގުެ ހުރިހާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިނުމެއް ނުހިމެނެެއެވެ. ޕްލޭން ކުރެވިފައިވަނީ ފުރަތަމަ 100 ދުވަސްތެރޭ އެ ޕްރޮގްރާމް ޕައިލެޓް ކުރުމެވެ.

މިނިސޓަރ ވިދާޅުވިގޮތުގައި ޕްރޮގްރާމް ޕައިލެޓް ކުރާނީ ރާއްޖޭގެ އާބާދީ ތަމްސީލުވާނޭ ހެން ސްކޫލްތަކެއް ހޮވައި އެ ސްކޫލްތަކުގައި ފުރަތަމަ 90 ދުވަސްތެރޭ މި ޕްރޮގްރާމް ކުރިއަށް ގެންގޮސް އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށޤ ބިނާކޮށެވެ. ޖަނަވަރީ މަހު ސްކޫލްތައް ފެށޭ އިރު ހޮވައިލެވޭ ސްކޫލްތަކުގައި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. ދަރިވަރުންނަށް ދެވޭ ނާސްތާ އަކީ ހަމައެކަނި ދޮންކެޔޮ ވަކަކާއި ކިރު ތަށްޓެއްގެ ބަދަލުގައި މެނޫ އެއް އެކުލަވައިލައިގެން މެނޫ އާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެކެވެ. އެގޮތުން މިނިސްޓްރީ އިން މިހާރު ގެންދަވަނީ އެ މެނޫތައް އެކުލަވައިލައި އެކަމަށް ޕްރޮގްރަމް ޕައިލެތް ކުރުމުގެ ތައްޔާރީތައް ވަމުންނެވެ.

ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދާން ރާއްވަވާފައި އޮތީ ޔުނިސެފްގެ އެހީގައި ކަން ފާހަަގަ ކުރައްވައި މިހާރު ތައްޔާރު ކުރަމުންދާ މެނޫ ތަކުގެ ތެރެއިން އެންމެ ރަނގަޅު މެނޫތައް ފާހަގަ ކޮށް ޕްލޭންގައި ހިމަނުއްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޕައިލެޓް ޕްރޮގްރާމަަށްފަހު މުޅި ރާއްޖެއަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފުޅާ ކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅިވިއެވެ. އަދި މިއީ ރައީސްގެ ވަޢުދެއްކަމަށް ވުމާ އެކު ހުރިހާ 100 ދުވަހުގެ ޕައިލެޓް ޕްރިގްރާމުން ފާހގަކުރެވޭ ގޮންޖެހުންތައް ޙައްލުކޮށް ޕްރޮގްރާމް ހުރިޙާ ސްކޫލްތަކަށް ފުޅާ ކުރެވޭނެއެވެ.

ނާސްތާ ފޯރުކޮށްދިނުމަކީ ރަންގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ދަރިވަރުންގެ ކިބައިން އެދެދޭ، ރަނގަޅު ބަދަލު ފެންނާނެ ކަމެކެވެ. ހެނދުނުގެ ދަނފަޅީގައި ސްކޫަށް ދާ ގިނަ ކުދިންނަކީ ތަފަތު ސަބަބުތަކާ ހުރެ ނާސްތާ ނުނުގައިދާ ކުދީންނެވެ. އޭގެ ސަބަބުން ފިލާވަޅަށް ސަމާލުކަން ނުދެވުމާއި އަޚްލާގީ މައްސަލަތައް ދަރިވަރުންގެ ކިބައިން ފެނެއެވެ. ސްކޫލުން ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިން ނަމަވެސް ބެލެނިވެރީންގެ ޒިއްމާ އެއް އޮންނަ ކަމާއި އެ ޒިއްމާގެ މަތީން ބެލެނިވެރީންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ދެވަނަ ވަޢުދެއްގެ ގޮތުގައި ހިމެނެނީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ހަދަންޖެހޭ އޮޑިޓެއް ހެދުމެވެ. މިނިސްޓްރީ އިން މިހަރު ގެންދަވަނީ އެ އޮޑިޓްގެ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ 60 ދުވަސްތެރޭ މި އޮޑިޓް ހަދައި އިތުރަށް ބޭނުންވަނީ ކިތައް ސްކޫލްތޯ އެނގޭނެއެވެ. ނަމަވެސް މިއަހަރު ފެށޭ އިރު އެއްދަންފަޅިއަށް މިހާރު ހިންގާ ސްކޫލްތައް ފިޔަވައި އިތުރު ސްކޭލެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އޮޑިޓަށްފަހު ބަދަލުކުރެވެން ހުރި ތަންތަން ބަދަލުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅި އަށް ބަދަލު ކުރުމެވެ. މިއީ ވަށައިޖެހޭ ތައުލީމެއް ފޯރިކޮށްދިނުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ. މިކަމުގެ ސަބަބުން އިޖްތިމާއި މައްސަލަތައް މަދުވެ ތައުލީމީ ފެންވަރު ރަނގަޅުވެ ތައުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ދަރިވަރުންނަކީ ގާބިލު، އެހެން މީހުންގެ އިހުސާސްތައް ދަންނަ މުޖަތަމައުގެ އަގު ހިފަހައްޓާ ދަަރިވަރުންނަށް ވާނެއެވެ.

ތިންވަނަ ވައުދެއްގެ ގޮތުގައި 100 ދުވަހުގެ ޕްލޭންގައި ހިމަނާފައިވަނި ކަރިކިއުލަމް މުރާޖަޢާ ކުރުމަށް ސިމްޕޯޒިއަމެއް ބޭއްވުމެވެ. މިހާރު ރާއްޖޭގައި ތަންފީޒު ކުރަމުންދާ ކަރިކިއުލަމް އަކީ ވަރަށް ރަނގަޅު ކަރިކިއުލަމެއް ނަމަވެސް އެދެވޭ ގޮތެއްގައި މި މަންހަޖު ތަންފީޒު ކުރެވެމުންނެއް ނުދެއެވެ. އެގޮތުން މުދައްރިސުން ކަރިކިއުލަމަށް ރަނގަޅަށް އަހުލުވެރިވެފައެއް ނެތެވެ. ސްކޫލްތަކުން ފެންނަނީ ހަމަ ކުރީގެ މަންހަޖު ވެސް ތަންފީޒު ކުރަމުން ދިޔަގޮތަށް އާ މަންހަޖުވެސް ތަންފީޒު ކުރަމުންދާ މަންޒަރެވެ. އެއާއެކު ބެލެނިވެރީންނަށް މަންހަޖާއި ގުޅޭ މައުލުމާތު ރަނގަޅަށް ނޭނގޭ ކަންވެސް ފާހަގަކުރެވެއެވެ. ކަރިކުއަލަމާއި ގުޅޭ ހުރިހާ މައުލޫމާތެއް ބެލެނިވެރީންނަށް ރަނގަޅަށް އޮޅުންފިލުވައިދީ ބެލެނިވެރީން ހޭލުންތެރި ކުރަން ޖެހެއެވެ.

ކަރިކިއުލަމް މުރާޖައާ ކުރުމަށް ދާއިރާ އާއި ގުޅުން ހުރި ހުރިހާ އެންމެން ބައިވެރި ކުރުމަކީ ވަަަރަށް ރަނގަޅު ކަމެކެވެ. މިފަދަ ޙަރަކާތްތަކަކީ އާބާދީގެ ގިނަ ބައެއްގެ ހިއްސާ ބޭނުންވާ ކަންކަމަށް ވުމާއެކު މިފަދަ ބައްދަލުވުން ތަކުން އެއްކުރެވޭ މައުލޫމާތު ބެލެނިވެރީންނާއި ހިއްސާކޮށް ކަންބޮޑުވުންތައް ހުށަހެޅޭނޭ މީޑިއަމެއް ގާއިމު ކުރުން ވެސް މުހިއްމެވެ. ސްކޫލަކީ ދަރިވަރުންގެ ސިކުނޑި ހުޅުވާ ތަނަަކަށް ވުމާއެކު ދަރިވަރުންނަށް މުދައްރިސުންނާ ސުވާލުކުރެވި ދަރިވަރުންގެ ޚިޔާލުތައް ބަލައިގަނެ، އުނގެނުމުގައްޔާއި އުނގަންނައިދިނުމުގައި ދަރިވަރުން ބައިވެރިކުރާ ތަނަކަށް ސްކޫލް ހަދަން ޖެހެއެވެ.  

ގަނާ ކުރުމަކީ ރާއްޖޭގައި ވެސް ވަރަށް އާއްމުވަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ސްކޫލް ތެރޭގައި މިހާރަކަށް އައިސް ވަރަށް އާއްމު ކަމަކެވެ. ތައުލީމީ ވުޒާރާގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަތަރު ވަނަ ކަމަކަށް ހިމަނާފައިވަނީ ގަނާކުރުން ހުއްޓުވައި، ކަމާއި ގުޅޭ ފަރާތްތަކުގެ ޚިޔާލާއި، މަޝްވަރާގެ މަތީން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނޭ ގޮތުގެ ހަރުދަނާ އުޞޫލެއް އެކުލަވައި، ތަންފީޒު ކުރަން ފެށުމެވެ. މިކަން ކުރަން މިހާރުވެސް މާ ލަސްވެއްޖެއެވެ.

ގަނާ ކުރުމުގެ ޝިކާރައަކަށް ވުމުން ދަރިވަރުން ނަފްސާނީ ގޮތުން ބަލިކަށިވެ، ކިޔެވުން މަތިން ފޫހިވެއެވެ، ނަތީޖާ އެއްެގެ ގޮތުން ދިރިއުޅުން މަތީންވެސް ފޫހިވެ އަމިއްލަ ނަފްސަށް އިތުބާރު ކުރުން ހުއްޓާލައި، އަމިއްލަ ނަފްސް ނުރައްކަލަށް ހުށަހެޅޭ ޙާލަތު އެބަމެދުވެރިއެވެ. ކްލާސްތެރޭގައި ކުދީންނަށް ގަނާ ކުރެވޭ އިރު ބައެއްފަހަރު މުދައްރިސަށްވެސް އެކަންކަނަ ފާހަގަ ނުކުރެވި ހުރެއެވެ. އެހެން ކަމުން ގަނާ ކުރުމަކީ ކޮބައިކަމާއ ގަނާ ކުރެވެނީ ކިހިނެއް ކަމާއި އެފަދަ ކަންކަމާއި ކުރިމަތިލާންވީ ގޮތް މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންނަށް އެނގުން ނުހަނު ބޭނުންތެރިއެވެ. ގަނާ ކުރުމާއި ދެކޮޅަށް ތަޖުރިބާާކާރުންގެ އެހީގައި އެކުލަވައިލެވޭ ނިޒާމަކީ ރަނގަޅަށް ތަންފިޒު ކުރެވިއްޖެނަމަ ދުޅަހެޔޮ ދަރިވަރެއްގެ އިތުރުން، ދުޅަހެޔޮ، ބަދަހި މުޖްތަމައެއް ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެއެވެ.

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ފަސްވަނަ ކަމަކީ ސްކޫލްތަކުގެ އިތުރު އެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކުރާނޭ ގޮތުގެ އެސެސްމެންޓެއް ހަދައި އެކަމަށް ބޭނުންވާ ވަޞީލަތްތައް ދެނެގަތުމެވެ. ރާއްޖެގެ ތައުލީމީ ސިޔާސަތުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމީ ފޯރުކޮށްދިނުމަކީ ފާހަގަކޮށްލެވޭ ސިޔާސަތެކެވެ.

އިތުރު އެހީ ބޭނުންވަނީ ހަމައެކަނި ޖިސްމަނީ ނުވަތަ ލޮލަށް ފެންނަ ވަރުގެ ނުވަތަ ފާހގަ ކުރެވޭ ވަރުގެ ނުކުޅެދުންތެރި ކަމެއް ހުންނަ ކުދީންނަށް އެކަންޏެއް ނޫނެވެ. މަންހަޖުގެ ތެރެއިން ތަފާތު ގަިނަ މާއްދާތަކެއް ކިޔަވަމުން ދާއިރު ހުރިހާ ކުދީން ހުރިހާ މާއްދާއަކަށް އެއްވަރަކަސް މޮޅު ނުވެދަނެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖަކަށް ވުމުން އެކުދީންގެ ޝައުގުވެރިވާ ކަންކަންވެސް ތަފަތު ވާނެއެވެ. ދަރިވަރުންނަށް ކުލާހުގައި ދިމާވާ ދަތިތަކާއި، އަދި ދަރިވަރުންގެ ޝައުގު މުދައްރިސުންނަށް ފާހަގަ ކުރެވެން ވާނެއެވެ. މިަކަމަށްޓަކައި ދަރިވަރުންނާއި އެއްހަމައަކަށް މުދައްރިސް ތިރިވެ ދަރިވަރުގެ ކަންބޮޑުވުމާއި، ޚިޔާލު މުދައްރިސާއި ހިއްސާ ކުރެވޭނޭ މާހައުލެއް އުފައްދާން ޖެހެއެވެ. އަދި މަސައްކަތް ކުރުމަށް މަޖްބޫރު ކުރުމުގެ ބަދަލުގައި ދަރިވަރަށް މަސައްކަތް ނުނިންމެނީ ނުވަތަ ވަކި މާއްދާ އަކުން އެކަށީގެންވާ ކުރިއެރުން ނުހޯދެނީ ކީއްވެތޯ ދަރިވަރާވެސް ވާހަކަ ދެކެވެން ވާނެއެވެ.

ކޮންމެ ކުއްޖަކީ އޯ ލެވެލް އެންމެ މަތީ ދިހަވަނައިގައި ހިމެނެންވާ ކުއްޖެއް ކަމަށް ބެލެނެވެރީންނަށް ވިސްނިފައި އޮންނަ އޮތުން ބަަދަލުކޮށް ކުދީންގެ ހުނަރު ދެނެގަނެ އެ ހުނަރު ތަރައްގީ ކުރެވޭނޭ ނިޒާމެއް އިތުރު އެހީގެ ޕްލޭންގައި ހިމަނައިގެން ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް އެކަން ކުރިއަށް ގެންދަން ޖެހެއެވެ. ސްކިލް-ބޭސްޑް އެޑިއުކޭޝަނގެ މުހިއްމުކަން ބެލެނިވެރީންނަށް ރަނގަޅަށް އެނގުމުން ވަކި ނަތީޖާ އެއް ނެރުމަށް ކުދީންނަށް ކރުާ ޕްރެޝަރު ކުޑަވާނެ އެވެ.

ތައުލީމީ ވުޒާރާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކީ އޭގެ މައުލޫމާތު ބެލެނިވެރީންނާއި ހިއްސާ ކުރެވި ބެލެނިވެރީން ހޭލުންތެރި ކުރަން ޖެހޭ ކަންކަމެވެ. ނަތީޖާ ނެރެވޭނީ އަދި ކާމިޔާބު ކަމާއެކު ޕްލޭންތައް ކުރިއަށް ގެންދެވޭނީ ކުރިއަށް ރާވާފައި ހުރި ކަންކަމާއި، އެކަންކަން ތަންފީޒުކުރުމަށް ކުރެވޭ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތު ކަމާގުޅުހުން ހުރި އެންމެންނާ ހިއްސާ ކޮށްގެންނެވެ.

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.