ގެއްލުންތަކުން އަރައިގަނެވެންދެން ސަރުކާރުން މަސައްކަތް ކުރާނެ: ރައީސް

މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކޮށްދިނުމުގައާއި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާ ގުޅިގެން، ކަލާފާނު ސްކޫލްގައި ޤާއިމު ކޮށްފައިވާ ކްރައިސިސް ރިލީފް ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި މާލެއާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާބެހޭ މަޢުލޫމާތުވެސް ސާފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ، މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

"މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށްޓަކައި ހިތާމަ ކުރަމެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކަށް އަޅުގަނޑު ހަމްދަރުދީ ވަމެވެ. ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރާއި، ސިފައިންނާއި، ފުލުހުން، އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، މޯލްޑިވިއަން ރެޑް ކްރެސެންޓް، އަދި އާންމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ. މި ފުރުޞަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރަށާއި، އެމް.އެން.ޑީ.އެފް އަށާއި، މޯލްޑިވިއަން ރެޑް ކްރެސެންޓަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އަދި މި ކަމުގައި އެހީތެރިވެދެއްވާ އާންމު ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާ ކުރަމެވެ." ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.