ހަމަ ދޯ؟

Photo credit: Ahmed Arushad, Arushad's Blog - arushad.org

ނޫނެކެވެ. ހަމައެއްނޫނެވެ. ހަމަ އެއްވެސްހަމައެއް ނެތެވެ. ހަމަ ބޭނުންކުރާގޮތްވެސް އަދި ދޯ ބޭނުންކުރާގޮތުގައިވެސް ހަމައެއްނެތެވެ. އެކަމަކު މިއީ އެކިފުރާތަކުގެ ދިވެހިން ދިވެހިބަހުން ވާހަކަ ދައްކައި ޚަބަރާއި މަޢުލޫމާތު ކިޔައިދީ ގެނެސްދޭއިރު އެދެބަސް ބޭނުން ކުރަން ނުވާތަންތަނަށްލައިގެން ބޭނުންކުރަމުންގެންދާ ދެބަހެކެވެ. “ހަމަ” އާއި “ދޯ” އެވެ. މި ދެބަހަކީ ، ދިވެހިބަހުގައި ދެބަހުން އެއްބަހުގެ މެދަށްލައިގެން ބޭނުންކުރަން އޮންނަ ދެބަހެއްނޫނެވެ

ހައިކޯޓުގައި ހިނގަމުންދާ ޝަރީޢަތުގެ މަޢުލޫމާތު ހަމަ ގެނެސްދިނުމަށް ، އަޅުގަނޑު ހަމަ ހުއްޓިމިހުރީ ހަމަ އެކޯޓުގެ ދޮރުމަތީގަ. މިތަނަށް އެއްވެތިބި މީހުން ހަމަ އަޑުއުފުލަމުން އެގެންދަނީ ހަމަ ޢަދުލުވެރި ޙުކުމެއް އިއްވައިދޭށޭ ކިޔާފަހަމަ. ޝަރީޢަތުގެ އަޑުއެހުން ހަމަ މެދުކަނޑާލީމަ އަޅުގަނޑުމެންގެ ރިޕޯޓަރު ހަމަ ނުކުތްހާ އަވަހަކަށް ހަމަ ތިޔަބޭފުޅުންނަށް އިތުރު މަޢުލޫމާތު ހަމަ ގެނެސްދޭނަން

އެއީ ހޫނުޚަބަރަކަށް ޓީވީއަކަށް ، ރިޕޯޓަރަކު ވަގުތުން ގެނެސްދޭން ދައްކާލި ވާހަކަކޮޅެއްކަމަށް ބައްލަވާށެވެ. ހަމަ ގިނަކަމުންގޮސް ހަމައެއްނެތެވެ. އޮއްޓަރުހުރި މަޢުލޫމާތުކޮޅަކަށްވުރެ ހަމަ ގިނައެވެ. ހަމަ ގިނަކަމުންގޮސް ބުނަން  އެއުޅޭ އެއްޗެއް ސާފުކުރަން އުނދަގުލެވެ. މިހާވަރަށް މި ހަމައެއް ޢާންމުވާއިރު ، ގައިމުވެސް ދިވެހިބަހާބެހޭ ސަރުކާރުގެ މުއައްސަސާއެއްގަ ތިބޭބަޔަކަށްވެސް އެއަޑު އޮންނާނީ އިވިފައެވެ.

ދިވެހިބަހުގެ އެކަޑަމީއަކާއި ، އިންފޮމޭޝަން ކަމިޝަނަރެއްގެ އޮފީހަކާ އަދި ދިވެހިބަހާބެހޭޤައުމީ މަރުކަޒެއް އޮންނަ އަޑު އިވެއެވެ. އެއިންތާކަށް މި ހަމައިގެ އަޑު ހަމަ ނުފޯރަނީ ބާވައެވެ ؟ ނުވަތަ ކަންފަސޭހަކޮށްލާފައި ބަސް ހަލާކުވެދާން ދޫކޮށްލެވިފައި އޮންނަނީ ބާވައެވެ ؟ އެއްވެސް ހަމަޔަކުން ، މިހަމައިގެ ކަންތައް ބޮޑުކަމަކަށް ވާން އަޅުގަނޑުމީ ކާކުތޯއެވެ ؟

ޓީވީތަކުން ހޫނުޚަބަރު ގެނެސްދޭ ކުދިންނާއި ޚަބަރުކިޔާކުދިން ހިނިއައިސްތިބެ ހަމަ ބޭނުންކުރަމުން ގެންދަންވީއެވެ. އެއީކީ އެއްވެސް ތަނަކަށް އަދި މީހަކަށް ބޮޑުވާކަމެއްނޫނެވެ. ވާހަކަދައްކާމީހުންވެސް ހަމައެއް ލަމައެއްނެތި ހަމަ ބޭނުންކުރަމުންގެންދަންވީއެވެ. ދެބަހުން އެއްބަހަށް ހަމަ ލައިގެން ވާހަކަ ދެއްކިއްޔާނޫނީ އެކިޔާއެއްޗެއް ނޭނގޭ ހިސާބަށް ދިޔައިމަ އެއޮތީ ވާނެ ހަތަރެތި ވެފައެވެ. ބަހަކާ ބަހެކެވެ. ދިވެހިންގެ އަމިއްލަ މާދަރީބަސް ދިރުވާނީވެސް އަދި ހަލާކުކުރާނީވެސް ހަމަ ދިވެހިންނެވެ

ދެންއޮތީ “ދޯ” އެވެ. މި ދޯއަކީވެސް ނުބައި ދޭތެރެ ދޭތެރެޔަށް ލައިގެން ބަހުގެ އަސްލު ގެއްލޭގޮތަށް ބޭނުންކުރުން ދިވެހިންގެ މެދުގައި މިހާރު ޢާންމުވެފައި އޮތް ބަހެކެވެ. މިދޯއެއް އެއްލައިގެން ދޯދޯގައިގައި އަޅައިގަނެ  އެބުނަން އުޅޭ އެއްޗެއް ދޭހަކުރަން އުނދަގޫވާވަރަށް ދޯ ބޭނުންކުރަމުން އެބަގެންދެއެވެ

ހުރިހާކުދިން ދޯ ޢީދަށް މިފަހަރު ރަށަށްދާއިރު ދޯ ވޮލީމުބާރާތެއް ދޯ ބާއްވާނީ. އެކަމަކު އަހަރެންގެ ރައްޓެހިކުއްޖާ ދޯ ވަރަށްބިޒީ ދޯ. ނޭނގެ ދޯ ދެދުވަހަކަށްވެސް ދޯ ޖައްސާލެވޭނެކަމެއް ދޯ. ވަޒީފާގެއްލިދާނެތީ ދޯ އެންމެ ކަންތައް ބޮޑުވަނީ ދޯ. އޭނާވެސް ވަރަށް ބޭނުމޭ ރަށަށް ޖައްސާލަން ދޯ

މި ދޯ އަކީ ހަމަ ގައިމުވެސް މަގުމަތިން ވަރަށްގިނައިން އިވޭނެ އަޑެކެވެ. ރަސްމީ އޮފީހަކާ ހަމަޔަށް މި ދޯ ގެ އަޑު ނުފޯރިޔަސް މަގުމައްޗަށް ނުކުމެ އުޅެންޏާ ނުވަތަ ވަރަށްގިނަ ގޭގޭގައި ގޭތެރެއިންވެސް މި ދޯ ގެ އަޑު ނީވިއެއް ނުހުންނާނެ ދޯއެވެ؟

މިދެބަހުގެ މާނައާއި ބޭނުންކުރަންވާގޮތް ، ދިވެހިބަހުގެ ބަސްކޮށާރުގައި އޮންނަނީ ކިހިނެއްބާވައެވެ؟

ހަމަ

އިންސާފު

އެއްވަރު

ތިންހަމަކުޅޭއިރު އެއްކަހަލަ ތިންފުށްވާދިމާ

ބެރާލަވަޔާއެކު

އެއްވެސްބޭނުމެއްނެތްކަމުގެ މައްޗަށް ދަލީލުކުރާ ބަހެއް.  މިސާލު: ހަމައައީ. ހަމައިނީ

ވުމުގެ މައްޗަށް ނުވަތަ ނުވުމުގެމައްޗަށް ބަސްގަދަކުރުމަށް ބުނާ ބަހެއް. މިސާލު: ހަމަނުފެނުނޭ. ހޯދީވިއްޔާ ހަމަ ފެންނާނެއޭ

މިއީ ދިވެހިބަސްކޮށާރުގައި ބަޔާންކުރެވިފައިއޮތްގޮތުން ހަމަ ބޭނުންކުރެވޭ ހަމަތަކެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައި މިނޫންގޮތްގޮތަށް ހަމަ ބޭނުންކުރުމަކީ ބަހަށް ލިބޭނެ އުނިކަމެކެވެ. މިބަސްބަހުގެ އިތުރު ތަފުސީލަށް ބަލައިލަމާތޯއެވެ ؟

އިންސާފު. އިންސާފަކީ ދެފަރާތަކަށް ނުވަތަ ގިނަފަރާތްތަކަކަށް ހަމަހަމަ އަށް ކުރެވޭ ނިޔާއެކެވެ. ނުވަތަ ޢަމަލުކުރެވޭ ގޮތެކެވެ. ހަމަ އަކީ އެއީއެވެ. އެހެންނޫނީ އެއީ ހަމަ ޔަކުން ކުރެވޭ ކަމެއްނޫނެވެ.

އެއްވަރު. އެއްވަރުވުމަކީ ތަފާތެއްނެތި ހަމަހަމަ ވުމެވެ. އެއްވަރުވާއިރު އެއެއްޗެއް ނުވަތަ އެކަމެއް ހުންނާނީ ހަމަ ޔަށެވެ. ކިރާއިރު ތިލަފަތުގެ ދެކޮޅު އެއްވަރުނަމަ އެތިލަފަތް އެހުރީ އެއްވެސްކޮޅަކަށް ބަރުނުވެ ހަމަޔަށެވެ.

ތިންހަމަކުޅޭއިރު އެއްކަހަލަ ތިންފުށްވާދިމާ. ތިންހަމަ ކުޅޭއިރު ބޭނުންކުރާ އެއްކަހަލަ ތިންފުށް ދިމާވީމަ އެއޮތީ ހަމަ ޔެއް އެޅިފައެވެ.

ބެރާލަވަޔާއެކު. ބެރުޖަހާއިރު ލަވަޔާއެއްވަރަށް ބެރުޖަހާނަމަ އެއޮތީ ބެރާއި ލަވަޔާއެކީ ހަމަ ހިފެހެއްޓިފައެވެ. ބެރާއި ލަވަ ދިމާނުވާނަމަ ހަމަ ޔެއް ނެތީއެވެ. އެހެންވެއްޖެނަމަ ބެރަކާ ލަވަޔަކާ ދިމަލެއް ނުވާނެއެވެ. ހަމަ ގެއްލޭނެއެވެ.

އެއްވެސްބޭނުމެއްނެތްކަމުގެ މައްޗަށް ދަލީލުކުރާ ބަހެއް. މާބޮޑުބޭނުމެއްނެތި ކުރެވޭކަންކަމަށް ހަމަ ބޭނުން ކުރެވެއެވެ. އަތިރިމަތީ ހުއްޓާ ރަށަކަށްދާން ދޯންޏެއްފުރާތަނުން ވަކިބޭނުމެއްނެތި އެދޯންޏަށް އެރީމަ ކީއްކުރަންތޯ ތިދަނީ އަހާލައިފިނަމަ ބުނެވޭނީ ހަމަ ދަނީ ނުވަތަ ހަމަ ގޮސްލަނީ ކަމުގައެވެ. އަދި ، ދޯނިއެދާ ރަށަކަށްދިޔައިމަ ފައިބާތަނުން ތިއައީ ކީއްކުރަންތޯ މީހަކު އަހާލައިފިނަމަ ބުނެވޭނީ ހަމަ އައީ ނުވަތަ ހަމައައިސްލީ ކަމުގައެވެ. ނުވަތަ ހަމަ ޖައްސާލީކަމުގައެވެ.

ވުމުގެ މައްޗަށް ނުވަތަ ނުވުމުގެމައްޗަށް ބަސްގަދަކުރުމަށް ބުނާ ބަހެއް. ކަމެއްކުރެވުނީމަ ނުވަތަ ކަމެއްނުކުރެވުނީމަވެސް އެކަމަށް ބާރުލިބޭގޮތަށް ހަމަ ބޭނުންކުރެވެއެވެ. ދެފަރާތަކުން ވާދަކުރާ އިންތިޚާބެއް ކާމިޔާބު ކުރެވުނީމަ ، އިންތިޚާބު އޮންނާނީ ހަމަ ކާމިޔާބު ކޮށްފައޭ ، އިންތިޚާބު ކާމިޔާބުކުރާފަރާތަށް ބުނެވިދާނެއެވެ. އަދި ، އިންތިޚާބު ހަމަ ކާމިޔާބެއް ނުކުރެވުނެއްނޫންހޭވެސް ބުނެވިދާނެއެވެ.

ކޮންމެއަކަސް ، މިހާރަކަށްއައިސް ހަމަ ބޭނުންކުރެވެމުން މިދަނީކީ މިބަޔާންކުރެވުނު ދިވެހިބަހުގެ ބަސްކޮށާރުގައި ހަމަދައްކައިދީފައި އޮންނަ ގޮތަކަށްނޫނެވެ. ދެންއޮތީ ދޯ އެވެ. ދިވެހިބަހުގެ ބަސްކޮށާރުގައި ދޯ ބޭނުންކުރުމަށް އޮންނަނީ ކޮންހަމަޔެއްތޯ ބަލައިލަމާ ދޯ އެވެ

ދޯ

އާނބަސް ބުނުވުމުގެ ގޮތުން ސުވާލުކުރުމަށް ބޭނުންކުރާ އަކުރެއް. މިސާލު: އަހަރެން މިބުނީ ތެދެއްނުދޯ

ދިވެހިބަހުގެ ބަސްކޮށާރުގައި ދޯއަކީ އަކުރެއްގެ ގޮތުގައި ސިފަކޮށްދެވިފައިއޮތަސް ، އަޅުގަނޑު ބަލާނީ އެއީ ހަމަ އެއްއަކުރުގެ ބަހެއްކަމުގައެވެ. ދާލުގައި އޯބޯފިލި ޖަހާފަ އޮތީމަ އެއީ ބަހެއްކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ދޯ އެވެ ؟ އަހަރެންނަށް ވަޒިފާ ލިބިއްޖިއްޔާ ކަލެޔަށް  ލާރިކޮޅެއްދޭނަން ދޯ. ފްލެޓް ނުލިބުނުމީހުން ދޯ ހަމަ މިތާ ރަތްދަކައަވީގަ ކިޔޫގަ ތިބެގެންހަމަ އެއުފުއްލަނީ ތަކުލީފެއްކަމަށް ދޯ ގިނަމީހުން އެބުނަނީ. ޚާއްޞަކޮށް ޚަބަރާއިމަޢުލޫމާތު ފަތުރާ ފަރާތްތަކުން މިކަމަށް ސަމާލުވާންއެބަޖެހޭ ދޯ އެވެ ؟ އިނގިރޭސިބަހުން ކިޔާ ޚަބަރުގައި ކުށެއްނުލާ ކިޔޭތޯ ބަލާގޮތަށް ފަލަ ސުރުޚީ ފަލަސުރުހީ އަށް  ނުހަދާ ރީތި ދިވެހިބަހުން ވާހަކަދެއްކޭތޯ ބަލަން އެބަޖެހެއެވެ. މިކަން މިއޮތީ އައިޖީއެމްއެޗްގެ ލެބޯޓަރީގެ ނަންބޯޑުތައްވެސް ރަނގަޅުކޮށްލަންޖެހޭ ހިސާބުގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. ދިވެހި ނޫސްވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރީ ، ޝަހީބު ކަހަލަ ނޫސްވެރިކަން ނައްތާލައި މިނިވަންކަން ނިގުޅައިގަނެ ، ނޫސްވެރިންގެ ޙައްޤުތަކަށް އަރައިގެންފައިވާ މީހުންނަށް އިނާމުދޭން. ހެޔޮވެރިކަމެއް ކުރަން އައި ސަރުކާރުން ފުރަތަމަވެސް ބޭއިންސާފުން ، އެއްވެސް ހަމައެއްނެތި ކުރިކަމެއް މިވެސް. އެތައް ލިޔުންތެރިންނެއްގެ ޙައްޤަށް އެވަނީ އަރައިގަނެފައި. އަޅެފަހެ ، ދިވެހި ނޫސްވެރިކަމަށް 75 އަހަރުވީއިރު ، އަންހެން ލިޔުންތެރިއެއް ހަމަ ނެތީބާ މި ޤައުމުގަ. ހަބީބާމެންފަދަ ބޭފުޅުން އެއްކައިރިކޮށް ، އެ ޝަރަފުވެސް އެދިނީ ޝަހީބު ކަހަލަ ނޫސްވެރިކަމުގެ ޙައްޤުތަކަށް އަރައިގެންފަ ތިބި މީހުންނަށް. ގްލޯބަލް 500 ގެ ޝަރަފު ރާއްޖެއިން ފުރަތަމަ ލިބުނީ މީމު ޒަވިޔަންޏަށް. މައުމޫނަށް ލިބިވަޑައިގަތީ އޭގެ ދެއަހަރުފަހުން. މައުމޫނަށްވުރެ ގިނައިން މީމުޒަވިޔަނި ލިޔުއްވާފައިވޭ. އެއްވެސް އިންސާފަކުން ކުރިކަމެއްނޫން ތި ރަންޔޫބީލް ފާހަގަ ކުރުން ތީކީ.

  2. ފާރޫޤަކީ ، ދިވެހިނޫސްވެރިކަން ތޮށިގަނޑު ފަޅާލާފަ ނުކުތްކަމަށް އެބުނާ " ހުކުރު" މަޖައްލާއާއި "ސަންގު " ނޫސް ނުކުތްދުވަސްވަރު ، ޗީފްމީޑިއާ ކޯޑިނޭޓަރަކަށް ހުންނަވައި ، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ގިން ޚިދުމަތްތަކެއް ކުރެއްވި ލިޔުންތެރިއެއް. ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގަވައި ކިޔަވައި ދެއްވި. ފާރޫޤަށް ވަނީ ނޫސްވެރިކަމަށް 50 އަހަރު ފުރުމާގުޅިގެން ސަރުކާރުން ދެއްވި ނޫސްވެރިކަމުގެ ޤަލަން ލިބިވަޑައިގެންފަ. އަދި ޗީފް މީޑިއާ ކޯޑިނޭޓަރަކަށް ހުންނަވައިގެން ، ސަރުކާރަށް ފާޑުކިޔައި " ހުކުރު " ނޫހަށް ލިޔުއްވާފައިވޭ. ސަރުކާރު އޮފީސްތަކުން މީޑިއާއަށް ޖަވާބުދާރީވުމަށް ކޮންމެ އޮފީހަކުންވެސް ވަކި މުއައްޒަފަކު ހަމަޖެއްސުންފަދަ ކަންކަމަށް އިސްނަންގަވައި ޚިދުމަތްތަކެއް ކުރައްވާފައިވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ، ޗީފް މީޑިއާ ކޯޑިނޭޓަރުކަމުން ފާރޫޤު ވަކިވެވަޑައިގަންނަވަން ޖެހުނީ "ސަންގު" ނޫސް އުވާލަން ސަރުކާރުން އަންގަން ޖެހުމުން އެކަން ކުރެއްވުމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން. އެކަމަކުވެސް އޭގެފަހުންވެސް ، ނޫސްތަކަށް ޚިދުމަތް ކުރައްވާފައިވޭ. މިއަދު ނޫހުގެ އެޑިޓަރު ކަމާއި އޭރުގެ ހަވީރު ނޫހުގެ އެޑިޓޯރިއަލް ބޯޑުގައި މަސައްކަތް ކުރައްވާފައިވޭ. އާފަތިސް ނޫހަށް ލިޔުއްވާފައިވޭ. އެކިއެކި ޤަލަމީ ނަން ބޭނުން ކުރައްވައިގެން ، ފާރޫޤު ނުލިޔުއްވާ ނޫހެއް އަދި މަޖައްލާއެއް އޭރަކު ނުނުކުމޭ. ތިމާވެށީގެ މައްޗަށް ލިޔާމީހުންގެ ޖަމްޢިއްޔާގެ ފައުންޑިން މެންބަރު ކަމާއި އެ ޖަމްޢިއްޔާގެ ނައިބު ރައީސްކަމުގައި 10 އަހަރު ޚިދުމަތް ކުރައްވާފައިވޭ. ފޮތް ލިޔުއްވާ ޝާއިޢު ކުރައްވާފައިވޭ. މިކަންކަން ދަންނަ މީހުން މިހާރަކު ނޫޅޭނެ. ނޫސްވެރިކަން އެންމެ ހަލަބޮލިވީ ދުވަސްވަރު ، ފާރޫޤަކީ ދިވެހި ނޫސްވެރިންނާއެކު ހުންނެވި ޢަޒުމް ވަރުގަދަ ބޭފުޅެއް. ދިވެހި ނޫސްވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރި އިރު ހަނދާން ނައްތާލި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ފާރޫޤަކީވެސް ހަނދާން ނައްތާލާފައިވާ ޚިދުމަތްތެރި ލިޔުންތެރިއެއް. ދިވެހި ބަހާބެހޭގޮތުންވެސް މިލިޔުންފަދަ އެތައް ލިޔުމެއް ފާރޫޤު ލިޔުއްވާފައިވޭ.

  3. This tvm ah Vanna as kudhinnah goih bunedheyn thibeny Vs Shakeebmen kahala. Myhun viyya. Alhugan'dah heevany furathama dhaskuranvefa thiby dhaskohdheyn mithibi myhun hen. Mihaaru adhi beynun kuraagoih goasve undhan'gu vaa bahaky ''fenigen dhiun. Mi liyun liyunu liuntheriya Vs nikan adu ahaalaathi TV thakun e kiyaa fenigendhiun

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.